ކުޅިވަރު

ސުވާފްގެ ނައިބުރައީސަކަށް ޝަވީދު އިންތިހާބުކޮށްފި

ރާއްޖެ އާއި ދެކުނު އޭޝިއާގެ ގައުމާއި ހުޅަނގު އޭޝިއާގެ ފުޓްބޯޅައިގެ ބައެއް ގައުމުތައް ހިމެނެ ގޮތަށް ސައުދީ އަރައްބިއްޔާ އިސްވެ އުފެއްދި، ސައުތު ވެސްޓް ފުޓްބޯލް ފެޑްރޭޝަން (ސުވާފް)ގެ ސީނިއާ ނައިބުރައީސްއަކަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އިންތިހާބު ކޮށްފި

ސައުދީ އަރބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ ސުވާފްގެ ކޮންގްރެސްގައި، ސީނިއާ ނައިބުރައީސް ކަމުގެ މަގާމަށް ޝަވީދުއާ ވާދަ ކުރެއްވީ ޕާކިސްތާން ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ފައިސަލް ސާލިހް ހައްޔާތު އެވެ. ނައިބުރައީސް ކަމަށް ޝަވީދަށް ވަނީ އަށް ވޯޓް ލިބިވަޑައިގެންފަ އެވެ. ސާލިހްއަށް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ.

ސްވާފްގެ ރައީސް ކަމަށް އިއްތިހާބު ކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ޑރ. އާދިލް ބިން މުހައްމަދު އިއްޒަތު އެވެ. ދެކުނު އޭޝިއާ ސަރަހައްދުން ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ، އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަންގެ ކުރީގެ ނައިބު ރައީސް ސުބްރަޓާ ޑޫޓާ އެވެ. ހުޅަނގު އޭޝިއާ ސަރަހައްދުން ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ، ޔުނައިޓަޑް އެމިރޭޓްސް ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އަބްދުﷲ ނާސެރު އަލް ޖުނައިބީ އެވެ.

ސުވާފްގެ އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި ފަސް ބޭފުޅަކު ވަނީ އިންތިހާބު ކޮށްފަ އެވެ. އެއީ ދެކުނު އޭޝިއާގެ އަންހެން މެންބަރުގެ ގޮތުގައި ބަނަގުލަދޭޝްގެ މަހްފޫޒާ އަހްތަރު އާއި ޝްރީ ލަންކާގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް އަރުނާ ޑި ސިލްވާ،، ނޭޕާލް ފުޓްބޯލް ފެޑްރޭޝަންގެ ރައީސް ކަރުމާ ޝެރިން ޝާޕާ، ކުވައިތުގެ އަލް ޝައިހް އަލީ ހަލީފާހް، ހަސަން ބާ ޝަރީފް، ދެން ހިމެނެނީ ހުޅަނގު އޭޝިއާއަށް ހާއްސަ ކޮށްފައިވާ އަންހެން މެންބަރުގެ މަގާމެވެ. އެ މަގާމަށް މިއަދު މެންބަރަކު އިންތިހާބުކޮށްފައެއް ނުވެ އެވެ.

ސުވާފްގެ ނައިބު ރައީސް ކަމަށް ޝަވީދު އިންތިހާބު ކުރިިއިރު އޭނާ އަކީ މިހާރުވެސް އޭއެފްސީގެ އެގްޒެކެޓިވް މެންބަރެކެވެ. ސުވާފު އުފެއްދި ނަމަވެސް މިހާރު އޭއެފްސީގައި ހިމެނޭ ފަސް ޒޯނަށް ނިސްބަތްވާ ސަބް ފެޑްރޭޝަންތަކަށް އަސަރު ނުކުރާނެ އެވެ. މާނައަކީ، ސުަވާފްގައި ރާއްޖެ ހިމެނުނު ނަމަވެސް އޭއެފްސީގައި ރާއްޖެއިން ރަސްމީކޮށް ތަމްސީލު ކުރާ ސާފަށް ބަދަލެއް ނާންނާނެ އެވެ. ސުވާފްގައި 14 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ.