ލައިފްސްޓައިލް

"ދިވެހިންގެ ވައްތަރު" ނޫން ކަން ސާބިތުކޮށްދިނީ ތުއްތުކުދިން!

ކޮއްކޮ ހަފްތާއަކަށް ރަށުން ބޭރަށް ދާންޖެހުމުން، އޭނާގެ ހަ އަހަރުގެ ދަރިފުޅު ސްކޫލަށް ގެންދިއުމުގެ ޒިންމާއާ ހަވާލުވީ އަހަންނެވެ. ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ކޮއްކޮގެ ދަރިފުޅުގެ ފޮތް ދަބަސް ބަރުކަމުން ކޮންމެ ދުވަހަކު ދަބަސް އުފުލައިދީ އެ ދަބަސް ކުލާހާ ހަމައަށް ގެންގޮސްދެނީ ވެސް އަހަންނެވެ. ކުލާސް ދޮރު މައްޗަށް އެރުމާއެކު ހިނިތުންވެލާފައި ޓީޗަރު އައިސް ދަބަހުގައި ހިފަ އެވެ.

އެކަމަކު، ޖެހިގެން އައި ދުވަހު ކުލާހަށް ދެވުނު އިރު، ޓީޗަރު ހުރީ އެހެން ކުދިންނާ ވާހަކަ ދައްކަން ދޮރަށް ފުރަގަސްދީގެންނެވެ. ކުލާސް ތެރެއަށް ވަންނަން އުޅެނިކޮށް، އެހެން ކުއްޖަކު ދުވެފައި އައިސް ދަބަހުގައި ހިފި އެވެ. އަދި ދަބަސް ގެންގޮސް ކޮއްކޮގެ ދަރިފުޅު އިންނަ ގޮނޑި ކައިރީގައި ބައިންދާދިން މަންޒަރު ފެނި ހައިރާންވި އެވެ.

ހައިރާންވާންޖެހުނީ، ހަފްތާއެއް ވަންދެން ކޮއްކޮގެ ދަރިފުޅު ސުކޫލަށް ގެންގޮސް ދެވުނު އިރު، ޓީޗަރަށް ފޮތް ދަބަހުގައި ހިފަން ޖެހުނީ އެންމެ ފުރަތަމަ ދުވަހު އެކަންޏެވެ. ބާކީ ހުރިހާ ދުވަހަކު އެކަން ކޮށްދިނީ ކްލާހުގައި އުޅޭ އެހެން ކުދިންނެވެ. ރަހުމަތްތެރިކަމުގެ މުހިންމު ކަމަކީ، ކޮބައިކަން ވެސް ނޭނގޭ ވަރުގެ ތުއްތު ކުދިންތަކެއް، އެހެން ކުއްޖަކަށް އެހީއެއް ބޭނުންވި ވަގުތު އަމިއްލައަށް އިސްނެގީ އެވެ. ޓީޗަރު ބުނެގެންނެއް ނޫނެވެ. ފައިދާ އެއް ނޫނީ އިނާމެއްގެ ދަހިވެތި ކަމެއް ނެތި އެވެ. އެއީ ރަހުމަތްތެރިކަމޭ ބުނާކަމަށް ވަނީ ނަމަ، އެ ކުދިން ކޮންމެ ދުވަހަކު އެ ރަމްޒުކޮށްދެނީ އަމިއްލަ އެދުމާއި މަންފާއިން ތަޣައްޔަރުނުވާ ސާފު ހަގީގީ ރަހުމަތްތެރިކަމެވެ.

ދެން އޮތީ މާލޭގެ މަގެއްގެ މަތިން ފެނުނު މަންޒަރެއްގެ ވާހަކައެކެވެ. ކުރީގެ ހެންވޭރު ސްކޫލްކައިރިން ދިޔަ އިރު ސައިކަލެއްގައި ދިޔަ ޒުވާނަކު ސައިކަލާއެކު ވެއްޓިފައި އޮތްތަން ފެނުނެވެ. މާބޮޑު އަނިޔާއެއް ލިބިފައި ނުވިއަސް، އެ ފަކީރު އޮތީ ނުތެދުވެވިފަ އެވެ. އެއް ފައި ސައިކަލު ދަށުވެފައި އޮތް ގޮތުންނެވެ. ގަޔަށް ބާރުލާފައި މީހެއްގެ އެހީއަކާނުލާ ސައިކަލު ކޮޅަށް ނެގޭނެ އެއްވެސް ގޮތެއް ނެތެވެ. އެ މަންޒަރު ބަލަން ޖާނުން ވަރުގަދަ ފަސް ވަރަކަށް ފިރިހެނުން ކުރިމަތީގައި ހުރި ހޮޓަލެއްގެ ތެރޭގައި ސައިބޯލަ ބޯލާ ތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ފޯނުވެސް އަތަށް ނަގައިގެންނެވެ. އެ ހާދިސާގެ ފޮޓޯ ނޫނީ ވީޑިއޯ ނަގައި ސްނެޕެއް ނޫނީ އިންސްޓަގްރާމް ކުރުމުގައި އެ މީހުން އުޅުނީ މާ އަވަދިނެތި އެވެ. ނަމަވެސް އެއްވެސް މީހަކު ވެއްޓިފައިއޮތް މީހާއަށް އެހީވާކަށް ހިތަކަށް ނޭރި އެވެ.

ވެހިކަލްތަކާއި މީހުންނާއެކު ފުރިގެން ބަންޑުންލާ މި ކުޑަކުޑަ މާލޭގައި މިފަދަ ކިތަކެއް މަންޒަރު ފެނޭ ހެއްޔެވެ. ސައިކަލުތައް ޕާކުކޮށްފައި ހުންނަ ގޮތުން، ސައިކަލު ޕާކު ނުކުރެވިގެން ނޫނީ ނުނެރެވިގެން އުޅޭ މީހުން އަބަދުމެހެން ފެންނާނެ އެވެ. ދެއަތަށް ބަރުކޮށްގެން އަވަށްޓެރިޔަކު ލިފްޓު ނޫނީ ސިޑިން އަރަނިކޮށް ފެނުމަކީ ގާތްގަނޑަކަށް ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ. ނަމަވެސް، އެހީއަކަށް ބޭނުންވެފައިހުރި މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮލަނީ މަދުފަހަރަކު އެވެ.

މިވާހަކަތައް ހިއްސާ ކުރީމަ ކަރަށް ބާރުލާފައި ބުނާނީ ކީކޭކަން އެނގެ އެވެ. "ކީއްކުރާނީ، އެއީ ދިވެހިންގެ ވައްތަރު،" އެވެ.

ނޫނެކެވެ. ގަބޫލެއް ނުކުރާނަމެވެ. ކޮއްކޮގެ ދަރިފުޅުގެ ކުލާހުގައި ވެސް އުޅެނީ ކިތަންމެ ކުޑަ ނަމަވެސް ހަމަ ދިވެހިންނެވެ. ޔަގީނުންވެސް ކުލާހުގައި ގިނަވާނީ ދިވެހި މަންމަ އަކާއި ބައްޕައެއްގެ ދިވެހި ލޭ ހިނގާ ކުދިންނެވެ. އެހެންވީމަ އެހެން މީހުންނަށް އަޅާނުލައި، އަމިއްލަ އެދުމެއް ނޫނީ ފައިދާއެއް ނެތި މީހަކަށް އެހީނުވުމަކީ "ދިވެހިންގެ ލޭގައި" ހުންނަ ކަމެކޭ ބުނުމުން ގަބޫލު ކުރެވޭނެ ހަމަ އެއްވެސް ހަމައެއް ނެތެވެ.

މިކަމުގައި ފާހަގަކޮށްލަންޖޭހޭ އެންމެ މުހިންމު ކަމަކީ އެކުދިން އެކަން ކުރަނީ ބެލެނިވެރިއަކު ނޫނީ ޓީޗަރު ބުނެގެން ނޫންކަމެވެ. ސްކޫލަށް ފޮނުވުމުގެ ކުރިން، މިއަދު އެހެން ކުއްޖެއްގެ ދަބަސް ހިފާދޭންވާނެއޭ އެއްވެސް ބެލެނިވެރިއަކު ދަރިފުޅު ގާތު ނުބުނާނެކަން ކަށަވަރެވެ. ކޮންމެ ދުވަހަކު އެ ކުދިންގެ ކިބައިން ފެންނަ މި އަމަލު ހާއްސަވަނީ މި ސަބަބަށްޓަކައި އެވެ. މައިބަފައިންނާއި އާއިލާގެ އެހެން މީހުންނާއި، ދިރިއުޅުމުގެ ވަށައިގެން އަބަދު ފެންނަ އެހެން ބޮޑެތި މީހުންގެ ކިބައިން އެފަދަ ކަމެއް ނުފެންނައިރު ވެސް، އެ ކުދިން އަމިއްލައަށް ފެނިގެން އެނަގާ އިސްނެގުމަށް ސާބަސް ހައްގެވެ.

އެކަން އެގޮތަށް މެދުވެރިވަނީ، ބޮޑެތި މީހުންގެ ކިބައިން "ނުރަނގަޅު" އާދަތައް އެ ކުދިންނަށް އަދި ދަސްނުވެ، މައުސޫމުކަން ނުގެއްލޭތީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ހިތާމައަކީ، އެ ކުދިންގެ މައުސޫމުކަމަށް ނިމުމެއް އަންނާނެ ކަމެވެ. މިހާރު ދިއްކޮށްލާ އެހީތެރިކަމުގެ އަތްތައް ވެސް "ބޮޑު" ވާނެ ކަމެވެ. މުޖުތަމައުގައި މިހާރު އަށަގެންފައިވާ ނުބައި އާދަތައް ފެނި، "ދިވެހިންގެ ވައްތަރު" ގެ ހަގީގީ ކުލަތައް ނަފްސުގައި ޖެހެން ފަށާނެ ކަމެވެ.

އެއާއެކު ދަބަސް އުފުލާލައި، އަމިއްލަ އެދުމެއްނެތި ނިކަމެއްޗަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ޒިންމާ، ޖެހިގެން އަންނަ ޖީލުގެ ބޮލުގައި ރަނގަޅަށް އެޅޭނެ ކަމެވެ.