ކުޅިވަރު

މެސީގެ ކެޕްޓަންކަމުގެ ދަށުން ފުރަތަމަ ތަށި އުފުލާލައިފި

ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ސްޕެނިޝް ސުޕަ ކަޕުގައި ސެވިއްޔާގެ މައްޗަށް 2-1 ން ކާމިޔާބު ހޯދައި ބާސެލޯނާގެ އާ ކެޕްޓަން ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން ފުރަތަމަ ތަށި ހޯދައިފި އެވެ.

ސުޕަ ކަޕުގެ ކާމިޔާބާއެކު މެސީ ވަނީ ކުލަބުގެ ރެކޯޑެއްވެސް ހަދާފަ އެވެ. އޭނާ އަކީ ބާސެލޯނާގެ ކުޅުންތެރިންގެ ތެރެއިން މިހާރު އެންމެ ގިނައިން ތަށި ހޯދާފައިވާ ކުޅުންތެރިޔާ އެވެ. މެސީ ވަނީ ބާސާގައި މިހާރު 33 ތަށި ހޯދާފަ އެވެ. ކުރިން އެ ރެކޯޑް އޮންނާނީ ބާސާގެ ކުރީގެ ކެޕްޓަން އަންޑްރެސް އިނިއެސްޓާ އާއި މެސީއާ ދެ ކުޅުންތެރިން އަތުގަ އެވެ. ބާސާގެ މިހާރުގެ ކުޅުންތެރިންގެ ތެރެއިން މެސީ އާ އެންމެ ގާތުގައި ތިބީ، ދެ ވައިސް ކެޕްޓަނުން ކަމަށްވާ ޑިފެންޑަރު ޖެރާޑް ޕީކޭ އާއި މިޑްފީލްޑަރު ސާޖިއޯ ބްސްކެޓުސް އެވެ. އެ ދެކުޅުންތެރިން ވަނީ ބާސާގައި 28 ތަށި ހޯދާފަ އެވެ.

ސެވިއްޔާގެ އާ ކޯޗް ޕަބެލޯ މަޗިންގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް އެ ޓީމުން ނެވެ. މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި އެ ޓީމަށް ލިޑް ނަގައިދިނީ ޕަބެލޯ ސަރާބިއާ އެވެ. އޭނާ ލަނޑު ޖެހީ ލުއިސް މުއިރެލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުމާ ގާތަށް ސެވިއްޔާއިން ލީޑްގައި ހިފަހައްޓާލި އެވެ. ނަމަވެސް 42 ވަނަ މިނެޓްގައި ޕީކޭ ވަނީ ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ބާސާގެ ވިންގާ އުސްމާން ޑެމްބެލޭ އެވެ. ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ވަނީ ޑެމެބެލޭ ދެއްކި ކުޅުމަށް ތައުރީފު ކޮށްފަ އެވެ. މިދިޔަ ސީޒަންގައި އޭނާ އަށް އެންމެ ރަނގަޅަކަށް ކުޅުން ދައްކާލެވޭ ގޮތެއް ނުވި އެވެ.

ބާސާ މޮޅު ކޮށްދިން ލަނޑު މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީވެސް ޑެމްބެލޭ އެވެ. އެއީ މެޗުގެ 78 ވަނަ މިނެޓްގަ އެވެ.

މި މެޗުގައި ވަނީ ފުރަތަމަ ފަހަރަށް ސްޕެއިންގައި ވީޑިއޯ އެސިސްޓޭންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލަޖީ ބޭނުންކުރަން ފަށާފަ އެވެ. ސްޕެނިޝް ލީގް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޖިރޯނާ އާއި ރެއާލް ވަލޮޑޮލިޑް އެވެ.