ކުޅިވަރު

ލެވަންޑޮސްކީގެ ހެޓްރިކުން ސުޕަކަޕް ބަޔާންއަށް

ރޮބަޓް ލެވަންޑޮސްކީ ހެދި ހެޓްރިކާއެކު އައިންޓްރަކްޓް ފްރެންކްފާޓް މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޖަރުމަންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ސުޕަކަޕްގެ ތަށި ބަޔާން މިޔުނިކުން ހޯދައިފި އެވެ.

ބަޔާންގެ އާ ކޯޗް ނިކޯ ކޮވާކްގެ ކޯޗު ކަމުގެ ދަށުން، އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގެ، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. އެ ދެ ލަނޑު ބޮލުން ކާމިޔާބު ކުރީ ޕޮލެންޑްގެ ކެޕްޓަން ލެވަންޑޮސްކީ އެވެ.

އޭނާ ހެޓްރިކު ހެދީ ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓް ގައެވެ. ބަޔާންގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ކިންގްސްލީ ކޯމަން އާއި ތިއާގޯ އަލްކަންޓާރާ އެވެ.

ފްރެންކްފާޓް އަތުން ބަޔާން އަށް ލިބުނު މޮޅު އެންމެ ހާއްސަ ވަނީ ބަޔާންގެ ކޯޗް ނިކޯ ކޮވާކް އަށެވެ. މިދިޔަ އަހަރު ޖަރުމަން ކަޕުގެ ފައިނުލުގައި ބަޔާން އަށް ދެރަ ދިނީ ކޮވާކްގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފްރެންކްފާޓުންނެވެ. އޭރު ނަކާމިޔާބުގެ ބަދަލު ބަޔާން އަށް ހޯދައިދިނީ އޭނާގެ ކޯޗު ކަމުގެ ދަށުންނެވެ. އޭރު ފްރެންކްފާޓަށް ކާމިޔާބު ހޯދައިދިން އިރުވެސް އޭނާ އަށް އޮތީ ބަޔާންގެ ވަޒީފާ ހަމަޖެހިފަ އެވެ.

ބަޔާންގެ ފުޓްބޯޅަ ސީޒަންގައި އެންމެ ފުރަތަމަ ފަށާނީ ޖަރުމަން ކަޕެވެ. އެ މުބާރާތް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. އެންމެ ފަހުގެ ޗެމްޕއިަން ފްރެންކްފާޓް އެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ވާދަ ކުރާނީ އުލުމް އާ ދެކޮލަށެވެ. ބަޔާން ނިކުނާނީ އަސެލް އާ ދެކޮޅަށެވެ.

ޖަރުމަން ބުންޑެސްލީގާ ފަށާނީ މި މަހު 24 ވަނަ ދުވަހު އެވެ. ލީގް ފުރަތަމަ މެޗުގައި ބަޔާން ނިކުންނާނީ ހޮފެންހަމްއާ ދެކޮޅަށެވެ.