ހޮލީވުޑް

"ސްޓާ ޓްރެކް 4" ގައި "ކްރިސެސް" ނުފެނިދާނެ

Aug 13, 2018

ފިލްމު ސީރީޒް "ސްޓާ ޓްރެކް" ގެ ހަތަރު ވަނަ ފިލްމުގައި ކްރިސް ހެމްސްވޯތު އާއި ކްރިސް ޕައިން (ކްރިސެސް) ނުފެނިދާނެކަމަށް ހޮލީވުޑް ރިޕޯޓާއިން ބުނެފި އެވެ. މި ދެ އެކްޓަރުންނާއި އަދި މި ފިލްމު ގެނެސްދޭ ޕެރެމައުންޓް ޕިކްޗާސް އާއި ސްކައިޑާންސް މީޑިއާގެ ދެމެދުގައި މިހާރު ވަނީ ބޮޑު ދެބަސްވުންތަކެއް އުފެދިފަ އެވެ.

ކްރިސް ޕައިން މި ފިލްމުގައިވެސް ކުޅެން ނިންމާފައި އޮތީ މިދިޔަ ތިން ފިލްމުގައިވެސް އޭނާ ކުޅުނު ކެޕްޓަން ކާކްގެ ރޯލެވެ. އަދި ކްރިސް ހެމްސްވޯތު ކުޅޭނީ ޓައިމް ޓްރެވެލިން އެޑްވެންޗާގައި ކްރިސް ޕައިންގެ ބައްޕަގެ ރޯލެވެ.

މި ދެބަސްވުންތައް އުފެދުނީ މި ފިލްމު ކުޅުމަށް ދެ ތަރިންނަށް ދިނުމަށް އެއްބަސްވެފައިވާ އުޖޫރަ ކުޑަ ކުރަން ފިލްމު އުފެއްދި ފަރާތުން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް މި ދެ ތަރިން ވަނީ ކުރިން އެކުލަވާލި އެއްބަސްވުމާއި އެއްގޮތަށް މުސާރަ ދިނުމަށް އެދިފަ އެވެ.

މި ފިލްމު އުފައްދާ ފަރާތުން ވަނީ ފިލްމު އުފެއްދުމަށް ލިބިފައި ވަނީ ލިމިޓެޑް ބަޖެޓެއް ކަމަށާއި އަދި މިއީ ޑީސީ ނުވަތަ މާވެލްއިން އުފައްދާވަރުގެ ބޮޑު ފިލްމަކަށް ނުވާތީ އެކްޓަރުންނަށް އެހާ ބޮޑު އުޖޫރައެއް ނުދެވޭނެ ކަމަށް ބުނެފަ އެވެ.

"ސްޓާ ޓްރެކް" ގެ ހަތަރު ވަނަ ފިލްމު ކުޅުމަށް ކްރިސް ޕައިން އެއްބަސްވުމުގައި ސޮއިކުރީ އެ ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމު "ސްޓާ ޓްރެކް ބިޔޯންޑް" (2016) ކުޅުމަށް އެއްބަސްވުމުގައި ސޮއިކުރި އިރުގަ އެވެ. ކްރިސް ހެމްސްވޯތު މި ފިލްމަށް ސޮއިކުރީ 2016 ވަނަ އަހަރު ޕެރެމައުންޓުން މި ފިލްމު ރަސްމީކޮށް އިއުލާނުކުރުމަށްފަހުގަ އެވެ.