ދުނިޔެ

އިޒްރޭލުގެ އާ ގާނޫނާއި ދެކޮޅަށް އެތަކެއް ހާސް ޔަހޫދީންނާއި އަރަބިން އެކުގައި

Aug 13, 2018

ޓެލްއަވީވް (އޯގަސްޓް 12) - އިޒްރޭލަކީ ސީދާ ޔަހޫދީ ދައުލަތެއް ކަމަށާއި ގުދުސްއަކީ ވެރިރަށް ކަމަށް ކަނޑައަޅާ ބިލެއް އެ ގައުމުގެ ގާނޫނޫ ހަދާ މަޖިލީހުން ފާސް ކުރުމާއި ގުޅިގެން، އެ ގާނޫނު އޮވާލުމަށް ގޮވާލައި އިޒްރޭލުގައި ދިރިއުޅޭ އެތަކެއް ހާސް ފަލަސްތީނު ރައްޔިތުންނާއި ޔަހޫދީން އެކުގައި ނުކުމެ މުޒާހަރާކޮށްފި އެވެ.

ޖުލައި 19 ވަނަ ދުވަހު ފާސްކުރި ބިލުގައިވާ ގޮތުން، އަރަބި ބަހަކީ ރަސްމީ ބަސް ނޫން ކަމަށް ކަނޑައަޅާ، ޔަހޫދީން ގައުމަށް ވަޒަންވެރި ވަމުން ދިއުމަކީ ގައުމީ މަސައްކަތްތަކެއް ކަމެއް ކަމަށެވެ. އަދި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ވެސް ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.

"މިއީ ވަރަށް އުފާވެރި މަންޒަރެއް، އަހަރެންގެ ހަނދާނުގައި ޔަހޫދީންނާއި ފަލަސްތީނު މީހުން އެކުގައި ކަމެއް ހާސިލްކުރަން ނުކުތް ފުރަތަމަ ފަހަރު، މިއީ ހަގީގަތުގައި ވެސް ޑިމޮކްރަސީއަށާއި ހަމަހަމަކަމަށް ވަކާލާތުކުރާ މީހުންނަށް ބޮޑު ދުވަހެއް،" ހޮނިހިރު ދުވަހު ޓެލްއަވީވްގައި އެތަކެއް ހާސް ބަޔަކު ނުކުމެ ކުރި މުޒާހަރާގައި ބައިވެރި މީހަކު އަލްޖަޒީރާއަށް ބުންޏެވެ.

އިޒްރޭލުގައި އާބާދީގެ 20 ޕަސަންޓަކީ އަރަބިންނެވެ. އަދި މި ފަދަ ގާނޫނެއްގެ ސަބަބުން، އަރަބިންގެ ހައްގުތަކަށް އިތުރު ހީނަރު ކަމެއް އަންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެމީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

އިޒްރޭލުން އަދިވެސް ދަނީ ފަލަސްތީނު މީހުންނާއި ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.