ހަބަރު

މަރުގެ އަދަބުގެ ވާހަކަ ދެއްކީމަ މީހުން މެރުން ނިމުމަކަށް ގެނެެވިއްޖެ: ރައީސް ޔާމީން

ރާއްޖޭގައި އަށަގަންނަމުން އައި ރަހުމް ކުޑަކޮށް މީހުންމެރުމުގެ ސަގާފަތް ނިމި ދިވެހިންނާއި އަލްވަދާއުކިޔައިފި ކަމަށާއި އެކަން އެގޮތަށް ބަދަލުވެގެން ދިޔައީ ސަރުކާރުން ކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާގެ ގޮތުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތ ތިމަރަފުށީ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވައި އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ކެމްޕޭން ކުރެއްވުމަށް ވަޑައިގެން ރައީސް މިއަދު ވިދާޅުވީ، ދިވެހިންނަކީ މީހުން މެރުން ފަދަ ރަހުމްކުޑަ ކުށްތައް ކުރިން ދުށްބައެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ބޮޑެތި ކުށް ކުރުމާއި މާރާ މާރީ ހިންގުމާއި މީހުން މެރުން ފަދަ ކަންކަން އާލާވެގެން އައީ އެމްޑީޕީ ސަރުކާރުން ޒުވާނުން ކުށްތަކުގެ ތެރެއަށް ވައްދައި ކުށް ކުރުވަން ފެށި ހިސާބުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ކުށްތަކާއި މީހުން މެރުން ފަދަ ރަހުމްކުޑަ އަމަލުތައް ގިނަވެ، އެމަނިކުފާނުގެ ވެރިކަން ފެށުނު އިރު 30 ހަކަށް މަރުގެ މައްސަލަ ރިކޯޑުކުރެވިފައި އޮތް ކަމަށެވެ.

ރައީސް ވިދާޅުވީ މަރުގެ އަދަބު ރާއްޖޭގައި ތަންފީޒުކުރަން ނިންމައި، ގިސޯސް ހިފުމަށް މި ސަރުކާރުން ފެށި މަސައްކަތްތަކާއެކު މީހުން ގަތުލުކުރުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ރަހުމް ކުޑަކޮށް މީހުން މެރުމާއި ބޮޑެތި ކުށް ކުރުން މާޒީވެ ހިނގައްޖެ ކަމަށެވެ.

"މީހުން މެރުމަކީ ގަބޫލުކުރާ ކަމަކަށް ނުވާތީ ދެއްތޮ ގިސޯސް ހިފާނަމޭ ބުނީ. އެވާހަކަ ބުނި ހިސާބުން ފެށިގެން މިހާރު މީހުން ވިސްނާ ކަންކަމާ. މިހާރު މީހުން އެހާ ރަހުމްކުޑަކޮށް ކުރާ ކަންކަން ވަނީ އަޅުގަނޑުމެންނާއި ވަދާއުވެ ނިމިގެން ގޮސްފައި. އަލްވަދާއު ކިޔާފައި. މީހުންނަށް ކަންކަން ނުކުރެއެކޭ ނޫން. އެކަމަކު މި ދެންނެވި ސްކޭލްގަ އެއް ނުހިނގާ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ހިނގި ޔާމީން ރަޝީދު ގަތުލުކޮށްލުމުގެ ހާދިސާއަކީ ޑރ އަފްރާޝީމް އަލީގެ މަރަށްފަހު މި ފަހުގެ ތާރީހެއްގައި ދިވެހިން ދުއް އެންމެ ރަހުމްކުޑަ އެއް މަރެވެ. އަދި ހަމަ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގުރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ ގަތުލަކީވެސް ހަމަ މިފަދަ ގަތުލެކެވެ. މި ދެ ހާދިސާގެ ވެސް ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. ކުށް ކުރި ގާތިލުންނަށް އަދަބު ދެވިފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ، ބޮޑެތި މާރާމާރީތަކުގެ ވާހަކަ އިދިކޮޅުން ދައްކަމުން ގެންދާއިރު، މަރުގެ އަދަބު ދިނުމާއި ގިސޯސް ހިފުން ފަދަ ކަންކަން އެ ފަރާތްތަކުގެ މެނިފެސްޓޯގައި ކަނޑައަޅާފައި ނުވުމަކީ ދިވެހިން ސުވާލުކުރަންޖެހޭ ކަމެއް ކަމަށެވެ. އެއީ އަދާލަތު ޕާޓީއިން ވެސް އެބޭފުޅުން ތާއީދުކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމދު ސޯލިހް (އިބޫ) އާއި ކުރަންޖެހޭ ސުވާލުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދީން ހިމާޔަތްކުރުމުގެ ވާހަކަ އެބޭފުޅުންގެ އެޖެންޑާގައި ސާފު ބަހުން ލިޔެފައި ނެތް ކަމަށެވެ.

މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ރައީސް ޔާމީން ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. އެހެން ނަމަވެސް މި ފަސް އަހަރު ނިމުނު އިރުވެސް މަރުގެ ތަންފީޒު ކުރެވިފައެއް ނުވެ އެވެ. ސަރުކާރުން އެކަމަށް އެކި ތާރީހުތައް ވެސް ދީފައިވެ އެވެ.