ބޭރު ކުޅިވަރު

އެފްބީއައި އިން ބަލާ މައްސަލައިގައި 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހިމެނޭ

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބަލަމުންދާ ފީފާގެ ކޮރަޕްޝަންގެ މައްސަަލަތަކުގެ ތެރެއިން ރަޝިއާގައި 2018 ވަނަ އަހަރު އަދި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ބިޑްތައް ވެސް ބަލަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރާއި 2022 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމުގައި ކޮރަޕްޝަންގެ ނުފޫޒު ފޯރާފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.

ރޮއިޓާސްއާ ވާހަކަދައްކަމުން އެފްބީއައިގެ އޮފިޝަލެއް ވަނީ 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމެއް ކަނޑައެޅުމުގައި ކަން ހިނގާ ދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

ވޯލްޑް ކަޕް 2018 އަދި 2022ގެ ބިޑިންގެ ކަންތައްތައް ދިޔަ ގޮތް ސްވިޓްޒަލޭންޑް އިން ވެސް ދަނީ ބަލަމުންނެވެ.

އެމެރިކާ އިން ބަލަމުންދާ ފީފާގެ ކޮރަޕްޝަންގެ މައްސަލައެއްގައި ފީފާގެ އިސް ހަތް އޮފިޝަލުން ވަނީ ހައްޔަރުކޮށްފަ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ޖުމްލަ 14 މީހެއްގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. އެމެރިކާ އިން ތުުހުމަތުކުރާ ގޮތުގައި 24 އަހަރު ދުވަހުގެ ތެރޭގައި ރިޝްވަތާއި މަނީ ލޯންޑެރިންގެ ގޮތުގައި 150 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް މި ފަރާތްތަކުން ނަގާފައިވާ ކަމަށެވެ.

ފީފާގެ ރައީސްގެ މަގާމަށް ފަސް ވަނަ ދައުރަކަށް ބްލެޓާ އިންތިހާބުވެވަޑައިގަތް ނަމަވެސް، ބްލެޓާ ވަނީ ކުއްލި ގޮތަކަށް އަންގާރަ ދުވަހުގެ ރޭ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. -- އީއެސްޕީއެން