ހަބަރު

ދިވެހިން ބޭނުމީ ޔާމީންގެ ތަރައްގީ، ޖަޒީރާ ރާއްޖެއެއް ނޫން: ރައީސް ޔާމީން

ދިވެހިން އަދިވެސް ބޭނުންވަނީ ރައީސް ޔާމީން މޮޑެލްގެ ތަރައްގީ ކަމަށާއި އިދިކޮޅުން ގެންނަ "ޖަޒީރާ ތަރައްގީ" ދިވެހިންނަށް ކަމުނުދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތ އަތޮޅަށް މިހާރު ރައީސް ފައްޓަވާފައިވާ ފަތުރުފުޅުގައި އެ އަތޮޅު ތިމަރަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ، ތަރައްގީއަކަށް ދިވެހިން މިހާރު ބޭނުން ވަނީ ރައީސް ޔާމީން ގެންނަވާ ޒތުގެ ތަރައްގީކަން އިދިކޮޅު ކެންޑިޑޭޓަށް ވެސް ގަބޫކުލުރެވިއްޖެ ކަމަށެވެ. އަދި އެ ބޭފުޅުން ގެންނަ ޖަޒީރާ ތަރައްގީ އަށް ދިވެހިން އަހުލުވެރި ނުވާނެ ކަން ވެސް އެބޭފުޅުން މިހާރު ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން ކުރައްވަން ފަށާފައިވާ މަސައްކަތްތައް ނިންމަން މަސައްކަތް ކޮށްދޭނެ ކަމަށް ވިދާޅުވެ ވެވަޑައިގަންނަވާ ވައުދު ތަކާއި މި ސަރުކާރުން މިހާރުވެސް ކުރަމުންދާ މަޝްރޫއުތައް ހަމަ އެގޮތަށް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަނީ މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތު އިދިކޮޅަށް ވެސް ގަބޫލުކުރެވޭތީ އެވެ.

"އެއްކަމަކަށް ވިދާޅުވަނީ ރައީސް ޔާމީން ފައްޓަވާފައި ހުރި ކަންކަން ނިންމަވާނަމޭ. އެ ވިދާޅުވަނީ ރައީސް ޔާމީން ކުރައްވާކަމެއް ހަމަ އެގޮތަށް ކުރައްވާނަމޭ. އެބޭފުޅުން އެ ގެންގުޅުއްވާ ޖަޒީރާ ކޮންސެޕްޓަކީ ރައްޔިތުންނަށް އެހާ އަހުލުވެރި އެއްޗެއް ނޫންކަން ރައްޔިތުން ގަބޫލު ކުރޭ. އަދި އެ ބޭފުޅުން ގަބޫލު ކުރައްވާ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅުން ގެންނަން ޖަޒީރާ ތަރައްގީ ގެނެސްދިނުމަށް އެމްޑީޕީ ސަރުކާރަށް 3 އަހަރު ލިބުނު ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ، އެ ތަރައްގީ ދިވެހިންނަށް ނުފެނުނު ކަމަށެވެ.

"ތިން އަހަރު ދުވަހުގެ މުއްދަތު ލިބިލެއްވި. އެކަމަކު އެއިން އެއްވެސް ކަމެއް ނުކުރައްވާ. މިއަދު އެބޭފުޅުންނަށް، ކޮންމެ ތަނަކަށް ގޮސް ތަރައްގީގެ މަޝްރޫއުތައް ފެނި، ރައްޔިތުން މިހާރުވެސް އިންތިޒާރުކުރަމުން މި ދަނީ ރައީސް ޔާމީން މޮޑެލްގެ ތަރައްގީކަން ހާމަކަން ބޮޑު ގޮތެއްގައި ވިސްނިއްޖެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ޕީޕީއެމްގެ މެނިފެސްޓޯ އަދި ފޮތެއްގެ ސިފައިގައި ގެނެސްފައި ނުވިޔަސް، އެމަނިކުފާނު ގެންދަވަނީ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ޕީޕީއެމްގެ މެނިފެސްޓޯ ކިޔައިދެމުންނެވެ. އެ މެނިފެސްޓޯގައި ހިމަނާފައި ހުންނާނީ ހަމައެކަނި މީހުންނަށް ބޭނުންވާ ކަންތައްތަކާއި ދާއިރާތައް ތަރައްގީ ކުރުމާ ބެހޭ މަޝްރޫއުތަކުގެ ޕްލޭންތައް ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ތިމަރަފުށިވެސް ހިމެނޭ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވެރިކަމެއްގައި ތިމަރަފުށީގައި ބޭންކް ބްރާންޗެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި އަހަރުގެ ތެރޭގައި ތިމަރަފުށީގައި އަޅާފައިވާ އެއާޕޯޓުން ފެށިގެން ރަށު ބަނދަރާއި ހަމައަށް އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް މަގު ހަދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ތިމަރަފުށީގައި ހިއްކާފައިވާ ބިމުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި އެ ބިމުން ވަރަށް އަވަހަސް ގޯތި ދޫކުރާނެ ކަމަށް ވެސް ރައީސް މިއަދު ވައުދުވެވަޑައިގެންނެވި އެވެ.