ހަބަރު

އިބޫ ވާނީ ރައްޔިތުންގެ "ޕަޕެޓް" އަކަށް: މާރިޔާ

އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވެރިކަމަށް ހޮވިއްޖެނަމަ އޭނާ ވެގެންދާނީ ރައްޔިތުންގެ "ޕަޕެޓް" އަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވައި، އިބޫ ވެގެންދާނީ ބޭރު ފަރާތްތަކުގެ މަންދޫބެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް އަށް ނިސްބަތްވާ ފަރާތްތަކުން އިބޫ ވެގެންދާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ޕަޕެޓަކަށް" ނުވަތަ "ގޮނޑި ކޮއްކޮ" އަކަށް ކަމަށް ބުނަމުންދާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އިބޫ އަކީ މަޖިލީހުގެ ފަސް ދައުރު ރައްޔިތުންގެ ތާއީދާއެކު ކާމިޔާބުކޮށް 25 އަހަރު ދުވަހު މަޖިލީހުގައި މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށާއި ޝަހީމްފަދަ އަލަށް ވޯޓަކާއި ކުރިމަތިލާން ނިކުންނަވާ ބޭފުޅަކު އެގޮތަށް ވިދާޅުވުމުން ހައިރާންވާ ކަމަށެވެ.

"ވަރަށް ސާފުކޮށް މިދަންނަވަނީ އިބޫ ވަނީ ރައްޔިތުންގެ މަންދޫބަކަށް، ރައްޔިތުން ތަމްސީލް އެބޭފުޅާ ކުރައްވާނީ، އެބޭފުޅުން (ޕީޕީއެމް) ވިދާޅުުވާ ގޮތުން ވިއްޔާ ރައްޔިތުންގެ ޕަޕެޓަކަށް، އެއީ އަޅުގަނޑުމެން ރާއްޖެ ދުށް ގޮތަކީ، ރައީސް އަކަށް ނުކުންނަ މީހަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭ މީހާއަށްވުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކުރެއްވި ގޮތަށް އިދިކޮޅު ސަރުކާރެއްގައި ކަންކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ވެރިކަން ކުރައްވާނީ ގާނޫނުތަކާ އެއްގޮތަށް ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އިދިކޮޅުން ވެރިކަމަށް އަންނަނީ ރައްޔިތުންގެ ހިދުމަތުގައި، ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިއްބަވާނެ ބޭފުޅުން ކަމަށް މާރިޔާ ވިދާޅުވި އެވެ.