މާރިޔާ އަހުމަދު ދީދީ

ގިނަ މެންބަރުންތަކެއް ނުކެނޑޭ، އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން: މާރިޔާ

ވާދަވެރި ސިޔާސީ ޕާޓީތަކުން ބުނާ ގޮތަށް އެމްޑީޕީން ގިނަ އަދަދެއްގެ މެންބަރުން ކެނޑިގެން ނުދާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕޯކްސްޕާސަން މާރިޔާ ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެޕާޓީން ނުވިސްނާ ކަމަށެވެ.

އެމްޑީޕީއަށް ލިބޭ ތަރުހީބާއެކު ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ދެވަނަ ބުރަކާ ޖެހުނީމަ ނޫނީ އަޅުގަނޑުމެން އެކަމާ ފިކުރުކުރަންޖެހޭ ހާލަތެއްގައެއްނޫން އަޅުގަނޑުމެން ކެމްޕޭންދާއިރު މިހާރު ފެންނަނީ. އެއަށްވުރެ ޕޮޒިޓިވްކޮށް ކެމްޕޭން އޮތީ،" މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުންތަކެއް އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށްފަހު އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޒާރުދެއްވާފަ އެވެ. އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއަށް މެންބަރުން ސޮއިކުރާކަމަށްވެސް ޑިމޮކްރެޓުން ވަނީ ބުނެފަ އެވެ.

މާރިޔާ ވިދާޅުވީ ފާހަގަކުރެވޭ އަދަދަށް އެމްޑީޕީން މެންބަރުން ކެނޑޭކަން ފާހަގަނުކުރެވޭ ކަމަށާއި އެކަތިގަނޑެއްގެ ގޮތުގައި އޮތް އެމްޑީޕީން ބޮޑުތަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީން މިފަހަރު ނިކުތީ މައިގަނޑު ފަސް ވައުދާއެކުކަން މާރިޔާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ވައުދުތައް

  • އުފާވެރި ދިރިއުޅުމެއް
  • އާ ޒުވާނުންގެ ޖީލެއް
  • އަމާން މުޖުތަމައުއެއް
  • އިގުތިސާދީ ބޮޑު ބަދަލު
  • ހެޔޮވެރިކަން

މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރާއްޖޭގެ 64 ރަށަކަށް ރައީސް ސޯލިހު ދަތުރުކުރައްވާފައިވާ ކަމަށާއި 18 އަތޮޅެއްގެ 108 ރަށަށް އެމްޑީޕީގެ އެކިއެކި ޓީމުތައް ދަތުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ 187 ރަށެއްގައި އެމްޑީޕީގެ ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކެންޑިޑޭޓަކަށް ތާއީދުކުރުމުގައި އާންމުންގެ ހިތުގައި ބިރުވެރިކަން އޮތް ކަމަށް އޭރު މީހުން ބުނަމުންދިޔަ ނަމަވެސް މިހާރު އެ ބިރުވެރިކަން ނެތް ކަމަށް އާންމުން ބުނާ ކަމަށް މާރިޔާ ވިދާޅުވި އެވެ.