ހަބަރު

އިދިކޮޅު ވެރިކަމެއްގައި މަޖިލިސް ރައީސްގެ ބާރުގެ ދަށަކަށް ނުގެންނާނެ: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް ގާއިމްވެއްޖެނަމަ މަޖިލިސް މިނިވަންވާނެ ކަމަށާއި މަޖިލިސް އޮންނާނީ ރައީސްގެ މަޖިލީހެއްގެ ގޮތުގައެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ދ. ހުޅުދެލި ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ވެރިކަމެއް އުފެދިގެންދާއިރު، ރައްޔިތުން ބޭނުންވާ ގޮތަކަށް ރައްޔިތުންނަށް އިސްކަންދެވިގެންވާ ސަރުކާރެއް ދެމި އޮންނާނެ ގޮތަށް ގާއިމް ކުރުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ވެރިކަމެއް ދެމިއޮތުމަށްޓަކައި މިނިވަންކަމާއެކު ހިނގާ ރައްޔިތުންގެ މަޖިލީހެއް އޮންނަން ޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މަޖިލީހުގެ ތެރެއަށްވެސް ނުފޫޒު ވައްދައިގެން ސަރުކާރުގެ ކުޑަ މުއައްސަސާއެއް ހިންގަމުންދާ މަންޒަރު ކަމަށެވެ.

"ސަރުކާރެއް ޖަވާބުދާރި ކުރުމަކީ އިންތިހާބަކަށްފަހު ރައްޔިތުންނަށް އެންމެ މުހިންމުވާނެ ކަންތައް، ހިތާމަޔާއެކު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވީ ހިނދު، އެމަޖިލިސް ތެރޭގައި ވޭތުވެދިޔަ ހަތަރު އަހަރު ކަންތައްތައް ހިނގަމުން ދިޔައީ ވަރަށް ދެރަ ނިކަމެތި ގޮތަކަށް، ރައްޔިތުންނަށްވުރެ ބޮޑަށް އަމިއްލަ ފައިދާ އިސްކުރެވި ވަކިބައެއްގެ ހިމާޔަތާއި ރައްކާތެރިކަމަށް އިސްކަން ދެވިގެން ދިޔަތަން، ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ، ކޯލިޝަން ސަރުކާރެއްގައި މަޖިލިސް އޮންނާނީ ރައީސްގެ މަޖިލީހެއްގެ ގޮތުގައެއް ނޫން،

ފައިސަލް ވިދާޅުވީ، އިދިކޮޅު ސަރުކާރެއްގައި މަޖިލިސް ހިނގާނީ މަޖިލީހަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލިބިދޭ ފުރިހަމަ ބާރު ލިބި ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ރައްޔިތުންނަށް ބާރުލިބި، ގާނޫނުތައްހެދި އެގާނޫނުތައް ތަންފީޒު ކުރުމުގެ ފުރުސަތުތައް ހުރިހާ މުއައްސަސާތަކެއް ލިބޭ ގޮތަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ، ކޮންމެ ރަށަކަށް ދިއުމުންވެސް ރައްޔިތުންގެ ވަރަށްގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެގޮތުން ބަޖެޓް ފޮތުގައި ޖަހާ މަޝްރުއޫތައް ނުނިމި، ދިގުލައިގެން ގޮސް އެންމެ ފަހުން ބަޖެޓް ފޮތުން އެމަޝްރުއުތައް ގެއްލިގެންދާ މަންޒަރުތައް ފެންނަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ކޯލިޝަން ސަރުކާރެއްގައި ދެހަފްތާއަށްވުމުން ޓާފް ދަނޑު ހަދާނެ އެއްޗެހި ގެނެސް އަތިރިމައްޗަކަށް ނުބާލާނަން، ފަސް އަހަރު ދުވަސް ދިނީމާ ކުރާނީ ހިދުމަތް، އަޅުގަނޑުމެން ކުރާނީ އަނެއް ފަސް އަހަރު ދުވަހުގެ ކެމްޕެއިނެއް ނޫން، ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރާނީ ހަލުވި ސްޕީޑެއްގައި،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިދިކޮޅަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ އިދިކޮޅުގައި ތިއްބެވި ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާއި އަދާލަތް ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ފުރިހަމަ ތާއީދު ލިބިފައިވުން ކަމަށެވެ. އަދި އެހަތަރު ލީޑަރުން ކޯލިޝަނާއެކު ވުމުން ރައްޔިތުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.