ކުޅިވަރު

ޔޫތު މުބާރާތުން މިހުނަރު ނުފެނިދާނެ، މައްސަލަ އެފްއޭއަށް

މި މަހު ފަހު ކޮޅު ފެށުމަށް ހަމަޖެހިފައިވާ، އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ކުލަބު ގްރީން ސްޓްރީޓްގެ މުހިންމު ދެ ކުޅުންތެރިންނަށް ނުކުޅެވޭތީ އެ މައްސަލަ ހައްލު ކޮށްދިނުމަށް އެދި އެ ކުލަބުން އެފްއޭއެމްއަށް މައްސަލަ ހުށަހަޅައިފި އެވެ.

ގްރީން ސްޓްރީޓްގެ މުހައްމަދު ދައިޝަމް އަބްދުﷲ އާއި އަހްމަދު ޝަމާލްއަށް ނުކުޅެވޭނެ ގޮތަށް މައްސަލަ ދިމާވީ، އެ ދެ ކުޅުންތެރިން އެހެން ޓީމެއްގައި ރަޖިސްޓްރީ ކޮށްފައި ވުމުންނެވެ. ދައިޝަމް،18 ވަނީ މި އަހަރުގެ މާލޭ ލީގްގައި، ޔުނައިޓަޑް ވިކްޓަރީގެ ޓީމުގައި ލިސްޓް ކޮށްފަ އެވެ. ޝަމާލް،18 ވަނީ މިނިވަން ޗެމްޕިއަންޝިޕްގައި އޭނާގެ އުފަން ރަށް ށ. ފޯކައިދޫ ޓީމުގައި ރަޖިސްޓްރީ ކޮށްފަ އެވެ.

ގްރީން ސްޓްރީޓްގެ ސީނިއާ ޓީމުގެ ހެޑް ކޯޗް އަލީ ސުޒެން ވަނީ ދައިޝަމް ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. "މި ފޮޓޯ ތާރީހަށްޓަކައި ރައްކާ ކުރާތި، އޭނާ [ދައިޝަމް] ސުރުހީއެއް އުފައްދާނެ ވަރުގަދަ ތަފުސީލު ތަކާއެކު." ދައިޝަމްގެ ފޮޓޯއެއް ފެސްބުކްގައި ޝެއާ ކުރުމަށް ފަހު ސުޒޭން ބުނެފައި ވެއެވެ.

ގްރީން ސްޓްރީޓުން މައްސަލަ ހުށަހަޅަފައި ވަނީ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް އެފްއޭއެމުން ބުނާއިރު، އެ ފުރުސަތު އެ ކުޅުންތެރިންނަށް ގެއްލޭގޮތަށް މެދުވެރިވުމުން، ދެ ކުޅުންތެރިންނަށް ޔޫތު މުބާރާތުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި އެވެ.

ގްރީން ސްޓްރީޓްގެ ބޯޑު މެންބަރު މީކާއީލް ބުނީ، އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައި ވަނީ ކުރިން ގަވާއިދުގައި އޮތް ކަމަށް ހިމެނިފައި ނުވާ މާއްދާއެއް، މުބާރާތަށް ތައްޔާރުވާން ފެށިފަހުން ގަވާއިދުގައި އޮތްކަމަށް އަންގާފައި ވުމުން ކަމަށެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް މި އެންގަނީ 1999 ވަނަ އަހަރުފެށިގެން އުފަންވެފައިވާ ކޮންމެ ކުޅުންތެރިޔަކަށް ކުޅެވޭނެ ކަމަށް، އެހެންވެ އަޅުގަނޑުމެން ހަރަދުކޮށްގެން ކުޅުންތެރިން އައްޑޫއިންނާއި، ށ އަތޮޅުން އަދި ބ. އޮތޮޅުންވެސް ގެނައިން އެ ކުޅުންތެރިންނަށް ޓިކެޓް ދީގެން، އެކުޅުންތެރިން ގެނެސް މުބާރަތަށް ތައްޔާރުވާން ފަށައި އެކުވެރިކަމުގެ މެޗުތައް ކުޅެން ފެށިފަހުން މި މައްސަލަ ފެންމަތި ކުރީ،" މީކާއީލް ބުންޏެވެ.

"އޭގެ ފަހުން އެފްއޭއެމުން އަންގާފައި ވަނީ މި އަހަރުގެ މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕުގެ އިތުރު ޓީމެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކުޅުންތެރިޔަކަށް ނުކުޅެވޭނެ ކަމަށް، އަޅުގަނޑުމެން އެހާ ބޮޑު ހަރަދެއް އެކުޅުންތެރިންނަށް ކޮށްފައި މުބާރާތަށް ތައްޔާރުވާން ފެށިފަހުން މިހެން ހެދީމާ މީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް އެހެންވެ އެ މައްސަލަ ހައްލުކޮށްދިނުމަށް އަޅުގަނޑުމެން އެދިފައި ވާނީ."

މީކާއިލް ވަނީ އެ މައްސަލައާ ގުޅިގެން އެހެން ކުލަބުތަކަށް ތުހުމަތު ތަކެއް ކޮށްފަ އެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި އެ ކަން އެފްއޭއެމްއާ ހަމަޔަށް ގެންގޮސް މައްސަލަ އުފެއްދީ އެހެން ކުލަބަކުންނެވެ.

"އެކުވެރި ކަމުގެ މެޗުތަކުން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާތަކެއް ލިބުނު، އެ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް ކުޅެފަ، އޭގެ ފަހުން އެ ކުލަބުތަކުން އެ ކުޅުންތެރިންނަށް ހުށަހެޅުން އައި އެކުލަބުތަކަށް ކުޅެން، ނަމަވެސް އެ ކުޅުންތެރިން ދާކަށް ބޭނުމެއް ނުވި އެ ކުލަބުތަކުން އެ ކުޅުންތެރިން ގާތު ބުނެފަ އެބަހުރި އެ ޓީމުތަކަށް ކުޅެންވީނޫންހޭ އޭރުން މުބާރާތުގައި ކުޅެވޭނެޔޭ، އެހެންވެ އަޅުގަނޑު މި ބުނަނީ މިކަމުގައި އެހެން ކުލަބެއްގެ އަތެއް ވެޔޭ." ކުލަބުގެ ނަން ހިއްސާ ނުކޮށް މީކާއީލް ތުހުމަތު ކުރި އެވެ.

އެފްއޭއެމްއަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން ކޮމްޕްޓީޝަން ކޮމިޓީގެ ހެޑް ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ގަނީ ބުނީ، އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށް މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

"ބައްސާމު މިއަދު މާލެ އައީ، އެހެންވީމަ މާދަމާ ބައްދަލުވުމެއް ބާއްވާފަ އެކަމާ ބެހޭގޮތުން ވަކި ގޮތެއް ނިންމާފަ އެ ކުލަބަށް އަންގާނަން." އައްސަދު ބުންޏެވެ.

މިއަހަރު 19 އަހަރުން ދަށަށް ހައްސަކޮށް ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު 29 ގަ އެވެ. މުބާރާތުގައި ހަތަރު ޓީމަކުން ވާދަ ކުރެ އެވެ. އެއީ ގްރީން ސްޓްރީޓްގެ އިތުރުން، މިދިޔަ ތިން އަހަރުގެ ޗެމްޕިއަން، ކުލަބު އީގަލްސް އާއި މާޒިޔާ އަދި ނިއު ރޭޑިއަންޓެވެ.