ހަބަރު

ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާއިން 34 ޖެނެރޭޓަރު ގެނެސްފި

ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ ދައްޗާއި ކުރިމަތިލާޏްޖެހިފައިވާ ރަށްރަށަށް 24 ގަޑި އިރަށް މެދު ނުކެނޑި ކަރަންޓު ކަށަވަރުކޮށްދިނުމަށް ޗައިނާ ސަރުކާރުގެ އެހީގައި 34 ޖެނަރޭޓަރު ހޯދާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތ ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫ އިފްތިތާހުކުރުމަށް އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޖެނަރޭޓަރުތައް ރަށްރަށަށް ދޫކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ސައުވީސް ގަޑިއިރު ކަރަންޓު އޮތްނަމަވެސް ވޭމަންޑޫއަކީވެސް ކަރަންޓުގެ ދައްޗާއި ކުރިމަތިލާންޖެހިފައި އޮތް ރަށެކެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދާއިމީ ކަރަންޓު ކަށަވަތުކޮށްދީފައިވީނަމަވެސް، އަދިވެސް އެކި ދުވަސްވަރު މަތިން ގިނަ ރަށްތަކަކަށް ކަރަންޓުގެ ދައްޗާއި ކުރިމަތިލާން ޖެހިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ޗައިނާ ސަރުކާރުގެ އެހީގައި 34 ޖެނަރޭޓަރު މާލެއަށް މިހާރު ގެނެސްފައިވަނީ އެކަން ހައްލުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވަރަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްފަހު އެ ޖެނަރޭޓަރުތައް ބޭނުންވެފައިވާ ރަށްތަކަށް ފޮނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ސައުވީސް ގަޑިއިރުގެ ކަރަންޓް ކަށަވަރުކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރި ނަމަވެސް، އެންމެ ފުރިހަމައަށް ނުކުރެވި، ދުވަސް ދުވަސްކޮޅުން ރަށްރަށުން ކަރަންޓު ކެނޑޭ ކަމުގެ ޝަކުވާތައް އިތުރުވެ އެވެ.