ރިޓަޔާ ކުރާ އުމުރު ބަދަލުކުރުމަށް ނިންމެވީ 65 އަހަރުވުމުން ލިބޭ ރިޓަޔާވުމުގެ ހައްގާއި އިނާޔަތް އުނިކުރުމުގެ ގޮތުން ނޫންކަމަށާއި އެއީ 65 އަހަރު ވުމަށް ފަހުވެސް މަސައްކަތުގައި ދެމިތިބެން ބޭނުން މީހުންނަށް އެ ފުރުސަތު ލިބޭގޮތް ހެދުމުގެގޮތުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މި ފަހުން ރައީސް ޔާމީން އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި، ދެވަނަ ދައުރަށް ވެވަޑައިގަންނަވާ ވައުދުތައް ހާމަ ކުރައްވަމުން ވިދާޅުވެފައި ވަނީ 65 އަހަރުގައި ރިޓަޔާ ކުރަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށާއި ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ގާނޫނު އިސްލާހުކޮށް އެ އުމުރު 75 އަކަށް ބަދަލު ކުރާނެ ކަމަށެވެ. ރައީސް އެ ގޮތަށް ވިދާޅުވުމުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ކަނޑާލަނީ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައީސް މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ދައްކަވާ ވާހަކަތައް ހަގީގަތް އޮޅޭގޮތަށް މާނަކޮށް ފަތުރަމުންގެންދާ ކަމަށެވެ. ދުވަސްވީ މީހުންނަށް ޕެންޝަން ދިނުން ފަސްކުރަން ރައީސް ނިންމެވިކަމަށް ބުނާ ވާހަކައަކީވެސް އެފަދަ ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހަކަށް 74 އަހަރުވަންދެން މަސައްކަތްކުރަން މަޖުބޫރު ނުކުރާނެ ކަމަށެވެ.
"އެއްގޮތަކަށްވެސް 65 އަހަރުން މަތީގެ ހުރިހާ އެންމެންނަށް މަޖުބޫރިވަނީއެއް ނޫން 74 އަހަރު ވަންދެން ސިވިލް ސާވިސްގަ އުޅެން. މި ދެނީ އިހްތިޔާރެއް. މި އިހްތިޔާރު ބޭނުންވާ މީހުން ތިބޭނެ. މި އިހްތިޔާރު ބޭނުންވާނެ ނަރުހުން އެބަ އުޅޭނެ. ޓީޗަރުން އަދި ޑޮކްޓަރުން ތިބޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޓަޔާވާން ބޭނުންވާ ފަރާތްތަކަށް 65 އަހަރުން ރިޓަޔާކުރެވޭނެ އެވެ. ނަމަވެސް އެ އުމުރުގައި ވަޒީފާއިން ވަކިވާން ބޭނުން ނުވާ ފަރާތްތަކަށް އެމީހެއްގެ އުމުރުން 74 އަހަރު ވަންދެން މަސައްކަތުގައި ދެމިތިބެވޭނެ ކަމަށެވެ.
"އެހެންވީމަ މިކަން ސާފުކޮށްދޭން ބޭނުންވަނީ. އެބޭފުޅުންގެ އިނާޔަތް ކެނޑިގެން ނުދާނެ. އިނާޔަތް ލިބިފަ[ރިޓަޔާކުރަން ބޭނުން ފަރާތްތަކަށް]، އޭގެ ތެރެއިން ސަރުކާރުގައި ވަޒީފާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ބޭފުޅުންނަށް އެ ބޭފުޅުންގެ އިނާޔަތަށްވުރެ ބޮޑު އެއްޗެއް ލިބޭނެ ފޯމިއުލާއެއް ހުށަހެޅީ. އެހެންވީމަ އެއިން ވަނީ ފައިދާ،" ރައީސް ވިދާޅުވި އެވެ.