ހަބަރު

ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ

Aug 13, 2018
10

ރިޔާސީ އިންތިހާބު ފެށެން މަހަކަށްވެފައިވަނިކޮށް ސިޔާސީ ސަބަބުތަކާހުރެ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ކަމަށް ބުނެ ޝަކުވާތައް ގިނަވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތަކަށް ތާއީދުކޮށް، ވާހަކަ ދައްކާފަރާތްތަކާމެދު ފިޔަވަޅު އަޅައި، ވަޒީފާއިން ވަކި ކުރަމުންދާ މައްސަލަތައް މިމަހު ތެރޭގައި ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. އެގޮތުން ލ. ކައްދޫ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ކުއްލިއަކަށް އެ ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށް ބުނެ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ލ.މާބައިދޫ ވިނަރެސް، އަހުމަދު ނާސިރަކީ ކައްދޫ އެއާޕޯޓްގެ އިންޖިނިއަރެއްގެ ގޮތުގައި 26 އަހަރު ވަންދެން ވަޒީފާ އަދާ ކުރަމުންދިޔަ ފަރާތެކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އޭނާ ބުނީ، ވަޒީފާއިން ވަކި ކުރި ސަބަބެއް ކަމަށް ބެލެވެނީ ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ފަރާތްތަކާއެކު އުފެދުނު ހިޔާލު ތަފާތުވުމެއްގައި ކަމަށެވެ. އެގޮތުން ހިޔާލު ތަފާތުވުން އުފެދިފައިވަނީ ޕީޕީއެމްގެ އިސް ބޭފުޅެއްގެ ދަރިއަކާ ކަމަށާއި އޭނާއާ މައްސަލަ ޖެހުނީ ރައީސް އަބުދުﷲ ޔާމީނަށް ތާއީދު ނުކުރާކަން ފާޅު ކުރުމުން ކަމަށްވެސް އޭނާ ބުންޏެވެ.

ކައްދޫ އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ވަކިކޮށްފައިވާއިރު، ސިޔާސީ ސަބަބުތަކާހެދި ޅ.އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރަކުވެސް ވަނީ ވަރަށް ފަހުން ވަޒީފާއިން ވަކިކޮށްފައި ކަމަށް ބުނެ ވަނީ ޝަކުވާ ބޮޑުވެފަ އެވެ.

ޅ. އަތޮޅު މަދަރުސާގެ ވަޒީފާއިން ވަކިކޮށްފައިވަނީ މުހައްމަދު ޝާހީން އެވެ. އޭނާ އަކީ އެސުކޫލްގައި ހަތް އަހަރުވަންދެން އިކޮނޮމިކްސް ކިޔަވާދެމުން ގެންދިޔަ ޓީޗަރެކެވެ. އޭނާ ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސާވިސް ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާތީ ކަމަށް އޭނާއަށް ސިވިލްސާވިސް ކޮމިޝަނުން ފޮނުވި ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓްގައިވެ އެވެ.

އޭނާގެ ރަހުމަތްތެރިންނާއި އެ ސްކޫލްގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ޝާހީން ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރާއި ދެކޮޅަށް ފޭސްބުކްގައި ޖެހި ސްޓޭޓަސް އެއްގެ ސަބަބުން ނެވެ. އޭނާ ވަޒީފާއިން ވަކި ކުރުމުން އެރަށުގެ ބެލެނިވެރިން ހިތްހަމަ ނުޖެހިގެން ވަނީ ސުކޫލް ދޮށުގައި އިއްޔެ މުޒާހަރާވެސް ކޮށްފަ އެވެ.

ޝާހީން އަކީ ނ. ޅޮހީ ރައްޔިތެކެވެ. އޭނާ އަކީ އެރަށު ކަތީބު ކަމާއި ކުޑަ ކަތީބު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމާ ގުޅޭ ގޮތުން ސިވިލްސާވިސް ކޮމިޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ސަރުކާރުގެ ބައެއް ބޮޮޑެތި ކުންފުނިތަކުގެ މުވައްޒަފުން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރާ ކަމަށް ބުނާ ޝަކުވާ ވެސް ބޮޑުވެފައިވެ އެވެ. އެގޮތުން އަވަސްއާ ވާހަކަދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކަށް ނުދާ ނަމަ، އިދާރީ ފިޔަވަޅު އަޅާނެ ކަމަށް ސެކްޝަންތަކުގެ ވެރިން އަންގަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް އޭނާ މިހާރު ކުރައްވާ ދަތުރުގެ ތެރޭގައި ވިދާޅުވީ، ތައުލީމީ ނިޒާމަށް ސިޔާސީ ނުފޫޒު ވައްދާ ޓީޗަރުންނަށް ފިއްތުންތައް ކުރިމަތި ކުރުވައި ވަޒީފާއިން ވަކި ކުރަމުންދާ ކަމަށެވެ. އަދި ސިޔާސީ ވިސްނުމުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ކަންކަން ބަލައި ފިޔަވަޅު އަޅަމުންދިޔުމަކީ ލަދު ގަންނަަން ޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ޓުވީޓެއް ކޮށްގެން، ފޭސްބުކްގައި ލައިކެއް ދިނުމުން ވަޒީފާއިން ވަކި ކުރުމަކީ ލަދުވެތިވާ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

ސިޔާސީ ސަބަބުތަކާހުރެ ސަރުކާރު މުއައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ އިރު، ފެބްރުއަރީ އެކެއްގެ ސުޕްރީމް ކޯޓުގެ އަމުރަށްފަހު ގިނަ ކައުންސިލަރުން ތަކެއްވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ބައެއް ކައުންސިލްތައް އުވާލާނެ ކަމުގެ އިންޒާރުވެސް ވަނީ ލޯކަލް ގަވާމެންޓް އޮތޯރިޓީން ދީފަ އެވެ. ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ. އެގޮތުން ސިޔާސީ ސަބަބުތަކާހުރެ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އަނބުރާ ވަޒީފާދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.