ހަބަރު

އިދިކޮޅުގެ ވައުދު ތަކަށް ރައީސްގެ ފާޑުކިޔުންތައް އޮއްސާލައްވައިފި

Aug 13, 2018
13

އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަންކަން ކަމަށް ވިދާޅުވެ ވަމުން ގެންދަވާ ވައުދުތަކަށް ރައީސް އަބުދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވަނީ މި ސަރުކާރުން ކޮށްދީ ނިމިފައި ހުރި ކަންތައްތައް ކުރެއްވުމަށް ކަމަށެވެ.

ތ. ކަނޑޫދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ފައްޓަވާފައިވާ ދަތުރުތަކުގައި މާލެ އާއި ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި އެކަންކަން ހައްލު ކުރާނެ ގޮތްތައް ގެންދަވަނީ ރައްޔިތުންނާއި ހިއްސާ ކުރައްވަމުން ކަމަށެވެ. އޭގެ ތެރޭގައި ޒުވާނުންނަށް އެންމެ ބޭނުންވާ ވަޒީފާގެ ފުރުސަތުތައް ފަހިކުރާނެ ގޮތްތަކާއި އޭގެ އިތުރުން ޒަވާޖީ ހަޔާތެއް ފެށުމަށް ތައްޔާރުވެފައިތިބި ކޮންމެ ޒުވާނަކަށާއި 2030 ވަނަ އަހަރާ ހަމައަށް 18 އަހަރު ހަމަވާ ކޮންމެ ޒުވާނަކަސް މާލެ ކައިރިން ގެދޮރުވެރި ކުރުވާނެ ސިޔާސަތުވެސް އިއުލާން ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ އިދިކޮޅު ފަރާތްތަކުން ވާ ވައުދުތަކާ އަޅާވެސް ނުކިޔޭގެ ފަދަ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަކު މިއަދު އަޅުގަނޑު ފަހަތުން [ވައުދުތައް ވަމުން] ވާހަކަ ދައްކަވަމުން، ކޮންމެ ރައްޔިތަކަށް ގެދޮރު ބިނާ ކޮށްދޭނަމޭ ބުންޏަކަސް. އެފައިސާ ހޯދާނެ ގޮތަކާއި އެކަން ކުރައްވާނެ ގޮތެއްވެސް ވިދާޅުވާން ވާނެ، އެ ވިދާޅުވާން ޖެހޭ ސަބަބަކީ އެބޭފުޅުން (އެމްޑީޕީ) އިން ވެރިކަން ކުރެއްވި އިރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ފްލެޓް އެޅުން، އެކަމަކު އެކަން ނުކުރެވި ދިޔައިމާ މިއަދު އެސުވާލު އަޅުގަނޑުމެން ތެރޭގައި އުފެދޭ، މިއަދުވެސް އިއުލާން ކުރާ ކަމެއްގައި އަޅުގަނޑުމެންގެ ފަހަތުން އެކަމެއް އިއުލާން ކުރަމުން އެބަ ގެންދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފްލެޓް އެޅުމުގެ މަސައްކަތް އެމްޑީޕީން ނުކުރެވި ދިޔުމުން މިއަދު އެސުވާލު އަޅުގަނޑުމެން ތެރޭގައި އުފެދިފައިވާ ކަމަށެވެ. އަދި މިއަދުވެސް މި ސަރުކާރުން ކުރަން އިއުލާން ކުރާ ކަމެއްގެ ފަހަތުން އިދިކޮޅުންވެސް އެހެން ކަންކަން ކުރަން ވިދާޅުވަމުންދާ ކަމަށާއި، އާ ކަމެއްގެ ވާހަކައެއް އެބޭފުޅުން ނުދައްކަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަނެއްގައި ނަރުދަމާ އަޅައިފި ކަމަށް ވަންޏާ ދެން އޮތް ތަނެއްގައި އެއާޕޯޓް އަޅާ ވާހަކަ، މާލޭގައި ބްރިޖެއް އަޅައިފިކަމަށް ވަންޏާ އެއް ފަޅެއްގައި ހުރި ރަށްތައް ގުޅުވާލާ ވާހަކަ، ހަމަ މިއާއެކީ ޓޫރިޒަމްގެ ވާހަކަ ދައްކާއިރު މިހާރުވެސް ކެޕާސިޓީއަށްވުރެ އިތުރަށް ރަށްރަށް ހަދަން ދެވިފައިވާއިރު، ކޮންމެ ރަށަކަށް ވަޑައިގެން އެބަ ވިދާޅުވޭ މިރަށަކީ ގެސްޓް ހައުސް ހަދަން ފައްކާ ރަށެއް ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި ތިން ކަމަކަށް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، އެ ތިން ކަންތަކުގެ ތެރޭގައި އާ ކަމެއް ނެތް ކަމަށެވެ. އެއް ކަމަކަށް ވިދާޅުވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 30 މަރު ވެއްޖެ ކަމަށާއި އޭގެ ތަހުގީގް ފަށާނެ ކަމަށެވެ. ނަމަވެސް އެކަން ކުރަން ނުޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ހުރި ހުރިހާ މަރުގެ މައްސަލަތަކެއްގެ ތަހްގީގް ކުރެވެމުން އެދަނީ، އޭގެ ތެރެއިން ތަހްގީގް ނުނިމި އޮތް ކަމެއް ނިންމަވައިފިއްޔާ ރަނގަޅުވާނެ، އޭގެ ތެރެއިން އެތައް މައްސަލައެއް އެހުރީ ކޯޓްގަ، އެހެންމަ ތަހްގީގެއް ފަށާކަށް ނުޖެހެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމ،ަ ދުވަހު ކުރައްވާނެ ދެވަނަ ކަމަކަށް ވިދާޅުވެފައިވަނީ، ދައުލަތުން ގެއްލިފަހުރި ފައިސާ ހޯދުމަށްޓަކައި ކޮމިޓީއެއް އުފައްދަވާނެ ކަމަށެވެ. އެއީ ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަހަލަ ވައުދެއްވީތީ ހައިރާންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު މިއަދު އަޅުގަނޑު ފަހަތުން [ވައުދުތައް ވަމުން] ވާހަކަ ދައްކަވަމުން، ކޮންމެ ރައްޔިތަކަށް ގެދޮރު ބިނާ ކޮށްދޭނަމޭ ބުންޏަކަސް. އެފައިސާ ހޯދާނެ ގޮތަކާއި އެކަން ކުރައްވާނެ ގޮތެއްވެސް ވިދާޅުވާން ވާނެ،
ރައީސުލްޖުމްޙުރިއްޔާ އަބްދުﷲ ޔާމީން

"ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް މައުމޫންގެ ސަރުކާރުގެ އެފްޑީއައިގެ މައްސަލަ ބަލަން ރިޔާސީ ކޮމިޓީއެއް އުފެއްދެވި، އޭގެ ރިޕޯޓްވެސް އޮންނާނެ، އެބޭފުޅުންނަށްވެސް ފެންނާނެ، ކީއްވެގެންތޯ އެ ތިން އަހަރު އެފައިސާ ހޯދަން މަސައްކަތް ނުކުރެއްވީ، އެކަން ކުރި ބޭފުޅުން ޝަރީއަތައް ގެނެސް ތަހްގީގް ކުރުމުގެ ހަކަތައެއް ނުހުންނާނެ، އެހެންވެގެން އޭރުވެސް ނުކުރެވުނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮމެޓީއެއް އުފައްދަން ނުޖެހޭ ސަބަބަކީ މި ސަރުކާރުގައި ކޮމިޓީއެއް އުފައްދައި އެމަސައްކަތް ނިމިފައިވާތީ ކަމަށެވެ. ދައުލަތަށް ވަންނަ ފައިސާގެ ހިސާބު ކުރެވޭ ކަމަށާއި ބުރަ ކަމަކީ އެފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދެވީ އެކަމަށްޓަކައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ

"މިސަރުކާރުގައި ހިނގާފައިހުރި ކަރަޕްޝަނުގައި ފައިސާ ހޯދަން ކުރެވިފަހުރި މަސައްކަތްތައް އަދިވެސް ކުރިއަށް އެދަނީ، އެ މައްސަލަތަކުގައި ހުކުމް އައިސްގެން ޖަލު ހުކުމް ތަންފީޒުކުރާ މީހުން ނެރޭ ވާހަކަވެސް އެދައްކަނީ އަޅުގަނޑާ އިދިކޮޅަށް ވާހަކަ ދައްކާ މީހުން، އަޅުގަނޑެއް ނުދައްކަން އެމީހުން ނެރޭ ވާހަކައެއް، ދައުލަތުގެ އެތައް މިލިއަން ޑޮލަރެއް ގެއްލިގެން ދިއުމުން އަޅުގަނޑުމެންނަކީ އެއީ ސިޔާސީ ކުށްވެރިންނޭ ކިޔާފަ ނުވަތަ ހައްޔަރީންނޭ ކިޔާފަ ލޭބަލެއް އަޅުުވާފަ ދޫކޮށްލުމަކީ އެއީ ކުރެވޭ ޒާތުގެ ކަމެއް ނޫން، އެއީ ރައްޔިތުންގެ ހައްގެއް، ދައުލަތަށް އެފައިސާ ލިބެން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ ކުށްވެރިން މިނިވަން ކުރާ ވާހަކަ ދައްކަވާއިރު އެކަން ހުއްޓެނީ އެންމެ ބޭފުޅަކު މިނިވަން ކުރުމަށް ކަމަށާއި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ކަމަށެވެ. އެ ކުށްވެރިން ދޫކޮށްލުމުގެ ތެރެއިން ނޫނީ ރައީސް ނަޝީދު ވީއްލޭނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް އެކަން ކުރުމުގެ އިހްތިޔާރު ގާނޫނުން ރައީސް އަށް ލިބި ނުދޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން އެދޭ ކަންކަމަކީ އެއީކީ ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ ރަށްރަށުގައި ބޭނުންވެފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ބޭނުންވާ ތަނަވަސްކަން ހޯދައިދިނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.