ލައިފްސްޓައިލް

ދިވެހި ކަޅުސައިގެ "މީރު ރަހަ" ކެނޑިއްޖެ

އަވަށްޓެރި ސިލޯނަކީ، ސައިފަތް އުފެއްދުމުގައި، މަޝްހޫރު ގައުމެކެވެ. އެ ގައުމާ އެންމެ ކައިރިގައި މިތިބީ ދިވެހިންނެވެ. ސިލޯނުގެ ބައެއް ރހަތަކަކީ، ދިވެހިންނާވެސް ކަމުދާ ރަހަތަކެކެވެ. މަޝްހޫރު ކޮއްތު ރޮށީ މިއީ ސިލޯނުގެ ކެއުމެކެވެ. ދިވެހިންނަށްވެސް ކަމުދާ ރަހައެކެވެ. ކޮއްތު ރޮށި ރާއްޖެ އައިހެން، ސައިފަތް ވެސް ރާއްޖެ އައީ ސިލޯނު މަގުން ނެވެ. މިހާރުވެސް ރާއްޖެއަށް އެންމެ ގިނައިން ސާފަތް އެތެރެ ކުރަނީ ހަމަ ސިލޯނުންނެވެ.

ސިލޯނުން އައި ސައިފަތުގެ ރަހަޔާއެކު، ދިވެހިން ވަނީ ކަޅު ސައިގައި ދިވެހި ވަންތަ ރަހަތަކެއް ލައްވާލައިފަ އެވެ. އަވަޓެރި އިންޑިއާގައި ސައިފަތުގެ ތަފާތު ފްލޭވަރުތައް އުފެއްދުމުގެ ކުރިން، ސައި ކެއްކުމުގައި ދިވެހިން ވަނީ، ދިވެހި ރަހަތަކެއް އީޖާދުކޮށްފައޭ ބުނެވިދާނެ އެވެ. ހުވަނދު މާ އަޅައިގެން ކައްކައި ސަޔަކީ، ދިވެހިންގެ ކަޅު ސައިގެ އެންމެ މީރު ރަހަ އެވެ. މާލޭގެ މަޝްހޫރު ޕީޓްރަލް ހޮޓެލުގައި ހަދާ ކަޅު ސައި، މީރު ކަމުން އެ ހޮޓާ މީހުން ޖަމާވެ ފުރާލަ އެވެ. ހެންވޭރުގައި ދިރިއުޅޭ މީހާވެސް، އެ ހޮޓަލަށް އަންނަން ބޭނުން ވަނީ ޕީޓްރަލް ހޮޓެލުގެ މީރު ކަޅުސަޔަށް ތައުރީފު އޮއްސަމުންނެވެ. ބައެއް ރަށްރަށުގައި، ސައިކައްކާއިރު ރާބާފަތް ކޮޅެއްވެސް ސައި ކުރާ ތެރެއަށް އަޅައިގެން ކައްކައެވެ. އެއީވެސް ސައިގައި އިތުރު މީރު ރަހައެއް ލައްވާލުމުގެ ސީކްރެޓް ރެސިޕީއެކެވެ.

ނަމަވެސް، ދިވެހި ކަޅު ސައިން އެ މީރު ރަހަތައް ދަނީ ކެނޑި، ނެތި ގެއްލެމުން އެވެ. މާލޭގެ ގެއެއްގައި އެކަހަލަ ކަޅު ސައި ލިބެނީ މަދު ފަހަރަކު އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ސައި ކައްކާ ކުރަލާއި ދިވެހިން އެއްލައިލުމެވެ. ނުވަތަ ސައި ކެއްކުމުގެ އާދަ ދިވެހިންގެ ކިބައިން ކެނޑުމެވެ.

ވަސީލަތުގެ ގޮތުން، ދިވެހިންވެސް ކުރިއަށްގޮސް، ދިވެހިން ވެސް ކަޅު ސައި ތައްޔާރުކޮށްލާ ގޮތް މިހާރު ވަނީ ބަދަލު ވެފަ އެވެ. ކޮންމެ ގެއެއްގައިހެން މިހާރު ހުންނަނީ ކަރަންޓުން ފެން ހޫނު ކުރާ ޖަގެކެވެ، ތައްޓަށް ސައިފަތް ޕެކެޓެއް ވައްޓާލާލައި އެއްކަލަ ޖަގުން ހޫނުފެން ކޮޅެއް އަޅާލީމައި އެ ހުރީ ސައި ތައްޔާރުވެފަ އެވެ. އެ ކަންފަސޭ ކަމާއެކު ކުރިން ދިން މީރު ރަހަތައް ކަޅު ސައިން ކެނޑިއްޖެ އެވެ.

އަނެއް ކަމަކީ، ކުނޑި ސައިފަތް، ގޭގޭގައި ބޭނުން ކުރުން މުޅިން ކަހަލަގޮތަކަށް ހުއްޓިގެން ދިއުމެވެ. ދިވެހިން ކުރީގައި ސައި ކަށްކަނީ، ކުޑި ސައިފަތުން ނެވެ. ސައި ކެއްކުމަށްފަހު، ތަރުމޯޒަށް ނުވަތަ ޖޯޑަށް ސައި އަޅަނީ ސައި ފުރޭނިން ފުރާނާލައިގެންނެވެ. ކުޑި ސައިފަތް ކުރަޔަށް އަޅައިގެން ގިނަ އިރު ކެއްކުމުން، އެ ސައިފަތުގެ ހުރިހާ މީރު ތާސީރެއް ހުންނާނީ، ސައިގެ ފެންގަނޑާއެކުވެ އެއް ރަހަ ވެފައެވެ. ފުރާނާލައިގެން ތައްޓަށް އަޅާ ލުމުން އެދޭ މީރު ރަހައިން ބޮޑު ހިތްހަމަ ޖެހުމެއް ލިބެ އެވެ.

ކުނޑި ސައިފަތުގެ ބަދަލުގައި މިހާރު ލިބެން ހުރީ ޓީބޭގެވެ، ނޫނީ ސައިފަތްޕެކެޓެވެ. ވިޔަފާރިވެރިންނަށް ބޮޑު ފައިދާ އެކެވެ. ޓީބޭގަކުން ގިރަނީ އެކެއް ނުވަތަ ދެ ސައިތައްޓެވެ. ގެއްލެނީ މީރު ރަހަ އެކަންޏެއް ނޫނެވެ. ސައިފަތުގެ ހަރަދުވެސް އެހާ ބޮޑެވެ. ކުރީގައި ދިވެހި ކަޅު ސައި ތައްޓެއް ބޯލުމަކީ، ލިބޭ ހިތްހަމަ ޖެހުމެކެވެ. ނަމަވެސް، ރަހަތައް ކެނޑެމުން ގޮސް، އެ ހިތްހަމަ ޖެހުންވެސް ގެއްލުނީ އެވެ.

ދިވެހި ހަރުކުލައިގެ މީހުން ދައްކާ ވާހަކައެއް އެބައޮތެވެ. ދަރު އުދުނުން ކެއްކުމުން އެދޭ މީރު ރަހައެއް، މިހާރުގެ ކާއެއްޗިހީގައި ނުލައެވެ. އެއީ ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮތް ވާހަކައެކެވެ. ގޭސް އުނދުނުން ނުވަތަ ތެޔޮ އުދުނުން ކައްކާފައިވާ ކާއެއްޗަކާއި، ދަރު އުދުނުން ހުޅު އަލިފާނުގައި ކައްކާފައިވާ އެއްޗެއްގެ ރަހައިގައި ހަމަ ތަފާތުތައް ހުރެ އެވެ. ދަރު އުދުނުން ކެއްކުމުގެ ސަގާފަތް ދިވެހިންގެ ތެރެއިން ދަނީ ނެތެމުންނެވެ. އެއީ ދެން އެކަންވާނެ ވެސް ގޮތެވެ. ސައިގެ މީރު ރަހަ ކެނޑިގެންދަނީ ހަމަ މިކަހަލަ ސަބަބުތައް އައިސްގެނެވެ.