ބޮލީވުޑް

އަތިޔާގެ ފޮޓޯއަށް ޑްރޭކްގެ ކޮމެންޓްކުރުމުން އިންޓަނެޓް ހިލުވާލައިފި

ކުރީގެ މަޝްހޫރު އެކްޓަރު ސުނީލް ޝެއްޓީގެ 57 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އޭނާގެ ދަރިފުޅު އަތިޔާ ޝެއްޓީ މަރުހަބާގެ މެސެޖެއް ފޮނުވީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ބައްޕައާއެކު ކުޑައިރު ނަގާފައިވާ ފޮޓޯއެއް އޭނާ އާންމުކުރި އެވެ. އަދި އެ ފޮޓޯއާއެކު ވަރަށް އަސަރުގަދަ މެސެޖެއްވެސް ލިޔުނެވެ.

"އުފަންދުވަހުގެ ތަހުނިޔާ ބައްޕައަށް ފޮނުވަން، އަދި އަހަންނަށް އިތުބާރުކުރާތީ އާއި އަބަދުވެސް އަހަންނަށް ހިތްވަރުދޭތީ ބައްޕައަށް ޝުކުރު އަދާކުރަަން، ބައްޕަ ފަހަރުވެރިކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާނަން، ވަރަށް ލޯބިވޭ، ބައްޕަ ކަހަލަ ހިތްހެޔޮ މީހަކަށް ހުރިހާ އުފަލެއް ހައްގު،" އެ މެސެޖުގައި އަތިޔާ ލިޔެފައިވެ އެވެ.

އެކަމަކު އިންޓަނެޓް އިިއްޔެ ހިލުވާލީ މި މެސެޖެއްވެސް ނޫނެވެ. ކެނެޑާގެ މަޝްހޫރު ރެޕަރު ޑްރޭކް 31، ސުނިލްއަށް ރައްދުވާ ގޮތަށް އެ ފޮޓޯއަށް "ލެގެންޑް" ކިޔާފައި ކޮމެންޓުކުރުމުންނެވެ. އަދި އެ ކޮމެންޓަށް ޖަވާބުގައި އަތިޔާ ލިޔުނީ "ހަހަހަހާ،" ނޫ ހިތަކާއެކު އެވެ.

ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން އަތިޔާ އާއި ޑްރޭކްއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. މި ރަހުމަތްތެރިކަން އުފެދުނީ ދާދިފަހަކުން އެ ދެމީހުން ލަންޑަނުގެ ކުލަބެއްގެ ތެރެއިން ދިމާވުމަށްފަހުގައި ކަމަށްވެ އެވެ. އޭގެފަހުން ދޭތެރެ ދޭތެރެއިން ޑްރޭކް އަތިޔާގެ އިންސްޓަގްރާމް ފޮޓޯތަކަށް ކޮމެންޓުކުރެ އެވެ. ނަމަވެސް ގިނަ ބައެއްގެ ސަމާލުކަމަށް މިކަމެއް އައީ އިއްޔެ އެވެ.