ވާހަކަ

ބުނެދޭށޭރުހެމޭ

(12 އޯގަސްޓް 2018 އާ ގުޅޭ) -- ކީފާ ހުރި ހިސާބަކަށް އަރްސަލް އޭނާ ބަލާ އައީއެވެ. އެ ހުރިހާ ކަމެއް އޭނާ އެ ކުރަނީ ކީފާއާ މިޢުވާނުގެ ވާހަކަދައްކަން ބޭނުންވެގެންނެވެ. ކިފާ ރުޅި އަރުވާނުލާ އޭނާއަށް މިޢުވާނަކީ ކޮންކަހަލަ މީހެއްކަން ބުނެދޭން އަރްސަލް ބޭނުންވާތީއެވެ.

"ސޮރީ، ފްރެންޑެއް ވަރަށް މުހިންމުކަމަކު އެ މެސެޖުކުރީ، އެހެންވެ ރިޕްލައިކޮށްލީ... އަހަރެން ވެސް އަރްސަލް ގާތު ވާހަކައެއް ބުނަންވެފަ އެބައޮތް" ހިނިތުންވުމެއް އަރްސަލްއާ ބަދަލުކޮށްލަމުން ކީފާ އަތުގައި އޮތް ފޯނު މޭޒުމަތީ ބާއްވާލިއެވެ.

"އިހަށް އޯޑަރު ދެމާ، ކޯޗެއް އަރްސަލް ގެންނަނީ" ކީފާ އަހާލުމާއެކު ވަށައިގެން ނަޒަރު ހިންގާލިއެވެ. އެވަގުތު މޭޒު ކައިރިއަށް ވެއިޓަރަކު އައިސް ހުއްޓިއްޖެއެވެ.

"ކޮފީއެއް އެކަނި... ކީފާ ބޭނުން އެއްޗެއް ގެނޭ، އަހަރެންގެ ޓްރީޓެއް މީ" އަރްސަލް ބުނެލިއެވެ. އަދި ވެއިޓަރު ގާތު އޭނާ ބޭނުންވާ ވައްތަރުގެ ކޮފީ ބުނެލިއެވެ.

ވެއިޓަރު އެނބުރި ދިއުމާއެކު އަރްސަލް ވާހަކަދައްކަން އުޅުނެވެ. އެހެންނަމަވެސް ފޯނުކޯލެއް އައުމުން އޭނާ އިހަށް ކޯލަށް ޖަވާބުދިނެވެ. އަރްސަލްއަށް ގުޅީ ޒިވަންއެވެ.

"މިވަގުތު ބިޒީ، އައި ވިލް ކޯލް ޔޫ ބެކް" ޒިވަންގެ ޖަވާބަކަށް މަޑުކުރުމެއްނެތި އަރްސަލް ބުނެލިއެވެ. އަދި ފޯނުގެ ރިންގު އޮފްކޮށްލުމަށްފަހު މޭޒުމަތީ ފޯނު ބާއްވާލިއެވެ. ހަމައެވަގުތު އިސްކުރީނު ދިއްލުނީ ނިމްރާގެ ކޯލަކުންނެވެ. ކިފާގެ ކުރިމަތީ އިހަށް ނިމްރާގެ ކޯލަށް ޖަވާބުދޭން އަރްސަލް ބޭނުންނުވީއެވެ. އެހެންވެ ނިމްރާއަށް މެސެޖުދާނޭހެން އަރްސަލް ކޯލު ބިޒީކޮށްލީއެވެ.

"އަރްސަލްއަށް އަހަރެންގެ ފަރާތުން ވަރަށް އުނދަގޫކުރެވިއްޖެ ދޯ، އެކަމަކު ދެން އެކަހަލަކަމެއް ނުކުރާނަން އިނގޭ، އެއްގޮތަކަށް ވެސް ވާހަކަނުދައްކާ ތިބޭކަށް ނުވާނެއެއްނު، އަހަރެމެންނަކީ ކިޔަވަން އުޅުނީއްސުރެ އެކުވެރިން، އެހެންވެ އެކުވެރީންގެ ގޮތުގައި ހުންނަން އަހަރެން ވެސް މަސައްކަތް ކުރާނަން، ކުރިން އުޅުނުހެން ދެން ނޫޅޭނަން އިނގޭ... ފްރެންޑްސް ދޯ... އަހަރެންދެކެ ރުޅި އައިސްފައި ނުހުންނައްޗޭ، އަހަރެން ބަދަލުވާން މަސައްކަތް މިކުރަނީ" އަރްސަލްއަށް އެއްޗެއް ނުބުނެވެނީސް ކީފާ ވާހަކަދެއްކީއެވެ. އޭނާ ދައްކަމުންދިޔަ ވާހަކަތައް އަރްސަލް އިނީ ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. އޭރު އަރްސަލްގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދެމުންދިޔައެވެ.

"އައި ލައިކް ދެޓް... ވީ އާ ފްރެންޑްސް، އޭރު ވެސް މިހާރު ވެސް... ކީފާ، ކީއްވެ ކުއްލިއަކަށް ތިކަހަލަ ނިންމުމެއް ތި ނިންމީ، ކީފާ ރިލޭޝަންޝިޕްއެއް ފަށަން ގަސްތުކުރަނީތަ؟" އަރްސަލް އަހާލިއެވެ.

"އާން! ކުއްޖަކާ ރައްޓެހިވެއްޖައިން" ކީފާ ބޯޖަހާލައިފައި ބުނެލިއެވެ.

"ލޯބިވޭތަ؟ ނޫނީ އަހަންނަށް ދައްކަންތަ ތިވަރުގެ ކަމެއް ތި ކުރީ" ކީފާއާ ދިމާއަށް ކަޅިވެސް ޖަހާނުލާ ބަލަން އިން އަރްސަލް ނިކަން އަވަހަށް އެހިއެވެ.

"ނޫން! މީހަކަށް ދައްކަން ކުރަންޏާ މީގެ ކުރީން ވެސް ކުރަންވީ... އަރްސަލް ވީމަ ތެދަށް ބުނެފާނަން، އޭނާދެކެ ލޯތްބެއްނުވޭ، އެކަމަކު އަހަރެން ލައިކްވޭ، އަހަންނަށް ވަރަށް ރަނގަޅު، ފުރަތަމަ ފަހަރަށް ލައިކްވާ ގޮތެއް ހުންނަ މީހަކާ މި ދިމާވީ، އަހަރެން ވެސް ލައިފްގަ ސްޓަކްވެފައި ހުންނާކަށް ބޭނުމެއްނޫން، އަހަރެން އިޚްތިޔާރުކުރި ރާސްތާ އޮތީ ބަންދުވެފައި، ކުރިއަށްދެވެން އޮތީ ބައިވެރިއަކާއެކު... އެކަމަކު އަހަންނަށް އެނގޭ އަރްސަލްގެ ލޯތްބެއް އަހަންނަށް ނުލިބޭނެކަން، އިޓްސް އޯކޭ... އަރްސަލްއާއި ރާދު ވެސް ބުނީމެއްނު އަހަރެންދެކެ ލޯބިވާނޭ ބައިވެރިއަކު ހުރެދާނޭ، އެފަދަ ބައިވެރިއަކު މާރަނގަޅުވާނޭ ޚިޔާރުކުރުން... އަހަރެން ބޭނުންވަނީ ޗާންސެއް ނަގަން، މި ރިލޭޝަންޝިޕް ވޯކްކުރަން އަހަރެން ބޭނުން، އޭނާގެ ގައިގާ މީހަކު ނުރުހޭނޭ ސިފައެއްނެތް، އައި އޭމް ސީރިއަސް އަބައުޓް ހިމް" ކީފާގެ ވާހަކަތަކުން އިތުރަށް އަރްސަލްގެ ބޯހާސްވިއެވެ. ކީފާއާއި މިޢުވާނުގެ ދެމެދުގައި އޮތް ގުޅުން ދިގުލައި ނުދަނީސް މިޢުވާނުގެ ހަޤީޤަތް ކީފާއަށް ބުނެދޭން އަރްސަލް ނިންމިއެވެ.

"މިޢުވާނުތަ ކިޔަނީ އޭނާއަށް" އަރްސަލް އެހިއެވެ. އެހިނދު ހިސާބެއްގެ ޖެހިލުންވުމެއް ކީފާގެ މޫނުމަތިން ފާޅުވެގެންދިޔައެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އޭނާ އިނެވެ. އެވަގުތު އޯޑަރުކުރި އެއްޗެހި ވެއިޓަރު ގެނެސް މޭޒުމަތީ ބަހައްޓައިފިއެވެ. ހޫނު ކަޕުޗީނޯ ޖޯޑުގެ ވަށައިގެން ދެއަތްތިލަ ކީފާ ޖައްސާލަމުން ޖޯޑަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ހަރަކާތްތަކަށް އަރްސަލް ބަލަން އިނދެފައި ވާހަކަދެއްކިއެވެ.

"ކީފާ... ފަހަރެއްގައި އަހަންނަށް ކީފާގެ ހިތުގައި ހިނގާ އިޙްސާސްތައް ދެނެގަންނަން ނޭނގިދާނެ، މޭބީ ޔޫ އާ ހާޓިންގް ޓޫ މަޗް، އެހެންވިޔަސް ބުނަން... ޑޯންޓް މޭކް އިމްޕޯޓެންޓް ޑިޒިޝަންސް އައުޓް އޮފް ޑެސްޕަރޭޝަން، ޔޫ ނޯ ވެރީވެލް ދެޓް ޑެސްޕަރޭޓް ޑިޒިޝަންސް ލީޑް ޓު ޑިޒޭސްޓަރަސް ރިޒަލްޓްސް، ދެން ކީއްވެ... އަހަންނާއި ރާދު ބުނީ މިކަހަލަ ނިންމުމެއް ކީފާ ނިންމާށެކޭނޫން، ވީ ވޯންޓް ޔޫ ޓު ބީ ހެޕީ" އަރްސަލް ހަޤީޤަތުގައި ވެސް ބޭނުންވަނީ ކީފާ އުފަލުގައި ހުންނާށެވެ. އޭނާގެ ދިރިއުޅުމުން ކީފާ ބޭނުންވާ ފަދަ ފުރުޞަތެއް ދެވެން ނެތްނަމަވެސް ކީފާގެ ދިރިއުޅުމަށް އޭނާދެކެ ލޯބިވާނޭ ބައިވެރިއަކު އައުން އެއީ އަރްސަލް ވެސް ބޭނުންވާގޮތެވެ. އެހެންނަމަވެސް މިޢުވާނަކީ ކީފާގެ ހަޔާތަށް އަންނަން އެންމެ އެކަށޭނެ ބައިވެރިއާނޫންކަން އަރްސަލްއަށް ޔަގީންވެއެވެ.

"އަހަރެން ހެޕީއޭ... ކަމުދާ މީހަކާ ދިމާވެ އޭނާ އަހަންނާ ގުޅެން ބޭނުންވުމުން އެ ފުރުޞަތުގެ ބޭނުން ހިފީ އަހަރެން ވެސް ބަދަލުވާން ބޭނުންވެގެން، އެއީ ޑެސްޕަރޭޓްވުމެއްނޫނެއްނު... އައި އޭމް ޓްރައިން ޓޫ މޫވް އޮން، މިކަމުގަ ގޯހީ ކޮންކަމެއްތަ؟ އަރްސަލް އުފާކުރަންވީނު އަހަރެންގެ އުނދަގުލެއް ދެން ނުފޯރާނެތީ... އަރްސަލްއާ ދިމާވީތަ މިޢުވާނު، ތި ދެ މީހުން އެކަކުއަނެކަކު ދަންނަނީތަ؟ އެކަމަކު މިޢުވާނު ނުބުނޭ ތިކަހަލަ ވާހަކައެއް" ކީފާގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވިކަން އަރްސަލްއަށް ފާހަގަކުރެވުނެވެ.

"ޕްލީޒް ޓްރައިޓު އަންޑަސްޓޭންޑް... އަހަރެން ވެސް ބޭނުން ކިފާއަށް ހެޕީ ލައިފެއް ލިބެން، އެކަމަކު މިޢުވާނު... އައި ވޯންޓް ޓްރަސްޓް ހިމް، ފެންނަ ފެނުމުގައި އޭނާއަކީ ޢައިބެއްނެތް ޒުވާނެއް، އެކަމަކު އޭނާއަކީ މަކަރުވެރި މީހެއް، އަހަރެން ކަންބޮޑުވަނީ އޭނާ ކީފާއަށް ދެރައެއްދީފާނެތީ" އަރްސަލްގެ ހިތުގައި އޮތްގޮތަށް ބުންޏެވެ.

"މިޢުވާންއަކީ ޕާފެކްޓް މީހެއްނޫންކަން އަހަންނަށް އެނގޭ، އޭނާ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިން، އަހަންނަށް އެނގޭ ލައިފްގަ އޭނާ ނިންމި ހުރިހާ ނިންމުތަކަކީ ރަނގަޅު ނިންމުންތަކެއްނޫންކަން، އެވްރިބޮޑީ ޑިޒާވް އަ ސެކަންޑް ޗާންސް، ޓު ރިޑީމް ދެއާ ޕާސްޓް އެކްޝަންސް، އައި އޭމް ވިލިންގް ޓު ގިވް ހިމް ދެޓް ޗާންސް، އާފްޓާ އޯލް ވީއާ ޓޫ ޑެމޭޖްޑް ޕީޕަލް ޓްރައިން ޓު ހީލް އީޗް އަދާ" ކީފާ ދެބުމަ ކައިރިކޮށްލިއެވެ. މިޢުވާނުގެ ދިފާއުގައި ވަކާލާތުކުރާހާ ކީފާއާއި އޭނާއާ ދެމެދު އޮތް ގުޅުން ގާތްވީބާއޭ އަރްސަލްގެ ހިތަށް އެރީ އެވަގުތުއެވެ.

"ހައު ކެން ޔޫ ބީ ދިސް ފޫލިޝް، އޭނާ މަޢުޞޫމު އަންހެންކުއްޖެއްގެ ދިރިއުޅުމާ ކުޅެލީ އެ އަންހެންކުއްޖާގެ އެއްވެސް ކުށެއް އޮވެގެންނެއްނޫން، އިންސާނެއްގެ ސިފައިގައި ހުއްޓަސް އޭނާގެ ހިތުގައި ރަޙުމުގެ ކަންފުޅެއް ވެސް ނުހައްދަވާ، ފައިސާއާއި މުއްސަނދިކަމަށް ދަހިވެތިވެފައިވާ މީހެއް، އެހެންމީހުންގެ ބުރަ މަސައްކަތް އަމިއްލަކޮށްގެން އުޅޭއިރު އެއްޗެއް ހިތަކަށް ނާރާ، އަހަރެން ނުބުނާނަން އޭނާ ރަނގަޅު ބޭނުމަކުއޭ ކީފާއާ ގުޅުނީ... އޭނާއަކީ އަމިއްލަ އެދުން ބޮޑު މީހެއް، އަހަންނަށް އެނގޭ ކީފާ އަހަރެންދެކެ ލޯބިވިޔަސް އަހަންނަށް އެ ލޯބި އަނބުރާ ނުދެވޭނެކަން، އެހެންވިޔަސް އެޓްލީސްޓް ޒަމާންވީ ރަޙުމަތްތެރިއެއްގެ ގޮތުގައި އަހަރެންގެ ވާހަކަ ޤަބޫލުނުކުރެވޭނެތަ، އެއްވެސް ސަބަބެއް ނެތި އަހަރެން މިކަހަލަ ވާހަކައެއް ނުދައްކާނޭކަން ކީފާއަށް ރަނގަޅަށް އެނގޭނެ... އަހަންނަކީ މިގޮތަށް ދުވަހަކުވެސް މީހުންގެ ވާހަކަ ދެއްކި މީހެއްނޫނެއްނު... ކީފާ! ދެރައެއްނުލިބެނީސް އެ މިޢުވާނުއާ ދުރަށްދޭ، އެހެންނޫނީ އޮންނާނީ މާލަސްވެފައި" ކީފާ ރުއްސައިގެން އަރްސަލް ބޭނުންވާ ހުރިހާ ވާހަކައެއް ނުދެއްކޭނެކަން އެނގިހުރެ އަރްސަލް ވާހަކަދެއްކިއެވެ.

"ސްޓޮޕް އިޓް އަރްސަލް... ދެރައެއް ލިބުނަސް ލިބޭނީ އަހަންނަކަންނު، މިކަމުން އަރްސަލްއަށް ލިބޭނެ ގެއްލުމެއްނެތް، އެކަމަކު އަހަރެން މިޢުވާނާ ދުރަށް ގޮސްފިއްޔާ އަރްސަލްއަށް ނިމްރާއާ ދުރަށް ދެވިދާނެތަ؟ ނިމްރާނޫން އެހެން އަންހެނެއް ޚިޔާރުކޮށްފާނަންތަ؟" ކިފާގެ ވާހަކަތަކުން އަރްސަލް ހުއްޓުން އެރިއެވެ.

"ތިހެން ބުނާއިރު ވެސް އެނގޭނެ އަހަރެން ނިމްރާ ޚިޔާރުކޮށްފިކަން، އަހަރެން ނިމްރާ ދޫކޮށެއްނުލާނަން، ކީފާ ވެސް ނިމްރާ އެނގެން މަސައްކަތްކޮށްފިނަމަ ހުރިހާކަމެއް އޮޅުންފިލާނެ، އޭނާ މީހަކަށް ދެރައެއްދޭކަށް ބޭނުމެއްނުވާނޭކަން އަހަންނަށް އެނގޭ، ނިމްރާގެ ގޮތް އެހާގަތުން އަހަންނަށް ފެނިއްޖެ، ގަސްދަކާނުލައި އަހަރެންގެ ހިތް އޭނާގެ މައްޗަށް ލެބުނީ، އައި ވޯންޓް ލެޓް ހާ ލީވް މީ" އަރްސަލް ބުނެލިއެވެ.

"އަހަންނަށް އެނގޭ އަރްސަލްއަށް ނިމްރާއާ ދުރަކަށްނުދެވޭނެކަން، ޕްލީޒް އަރްސަލް، އިތުރަށް ހުރިހާ ކަމެއް ކޮމްޕްލިކޭޓް ކުރަން ނޫޅޭ، އަހަރެންގެ ނިންމުމަށް ވެސް އިޚްތިރާމުކުރޭ... މިޢުވާނުއާއެކު ނޫޅެވިއްޖެނަމަ އެއީ ހަޔާތުން އަހަންނަށް ލިބުނު ފިލާވަޅެއް، އަހަރެން ރޫޅި ކުދިކުދިވާހާ ބަލިކަށްޓެއްނޫން، އަހަރެމެން އެކަކުއަނެކަކުގެ ދިރިއުޅުމުގެ ތެރެއަށް ނުވަދެ ރައްޓެހިންގެ ގޮތުގައި ނުތިބެވޭނެތަ؟" ކީފާގެ އަޑުގައި އެކުލެވުނު މަޑުމޮޅިކަން އަރްސަލް ހިމޭންކުރުވިއެވެ. ބުނަން ބޭނުންވި އެތައްވާހަކައެއް އަރްސަލްއަށް މަޑުޖައްސާލަން ޖެހުނީ އެހެންވެއެވެ. އިތުރަށް ކީފާގެ ނިންމުމަށް ފާޑުނުކިޔާށެވެ. އަނެއްކޮޅުން މިޢުވާނާއި ނިމްރާގެ ދެމެދުގައި ކުރީން ގުޅުމެއް އޮތްކަން ކީފާގެ ގާތުގައި ހާމަކުރަން އަރްސަލް އެއްގޮތަކަށް ވެސް ބޭނުމެއްނުވެއެވެ.

"އޯކޭ... އަހަރެންގެ އެކުވެރިޔާއަށް ރަނގަޅުގޮތް ބުނެދޭން މަސައްކަތްނުކުރެއެކޭ މިހާރު ދެން ނުބުނެވޭނެތާ، އަބަދުވެސް ކީފާއަކީ އަހަންނާއި ރާދުގެ އެކުވެރިއެއް، ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ކަމެއް ބޭނުންވެއްޖެނަމަ ކީފާގެ މި އެކުވެރިޔާ ހުންނާނެ، އަހަންނަށް ކޮށްދެވޭނީ އެވަރު" އަރްސަލް ބުނެލިއެވެ. ކީފާ ހިނިތުންވެލިއެވެ.

"ދެޓްސް މޯ ދެން އިނަފް، ތެންކިޔު... ޑޯންޓް ވޮރީ، އައި ވިލް ބީ އޯކޭ" ހިނިތުންވެލައިގެން އިނދެ ކިފާ ބުނެލިއެވެ.

"އެކަނިތަ ގެއަށް ދަނީ" ކޮފީ ޖޯޑުން އެތިފޮދެއް ބޯލާފައި އަރްސަލް އަހާލިއެވެ. އެއާއެކު ކީފާ ބޯޖަހާލިއެވެ.

"އަހަރެން ގެންގޮސްދީފާނަން" އަރްސަލް ބުނެލިއެވެ. ކީފާގެ ހިނިތުންވުން ފުޅާވިއެވެ.

"ތޭންކްސް، އަރްސަލް ވެސް ގެއަށްތަ ދަނީ، މިހާރު ރާދުއާ ދެ މީހުން އެކަނި ދޯ އުޅެނީ" ކިފާ ހަމަޖެހިފައި އިނދެ ވާހަކަދެއްކިއެވެ.

"ބައްޕަ ގާތަށް ބަދަލުވެއްޖައިން، އެހެންވެ މާލޭގައި މިހާރު އުޅެނީ، އަނެއްހެން ފަސޭހަ، ހޮޓެލާ މާދުރެއްނޫންވިއްޔާ، ދުއްވަންޖެހޭވަރު ކުޑަ" އަރްސަލް ބުނެލިއެވެ.

"ނިމްރާއާ ދެ މީހުން ވަރަށް ސީރިއަސްތަ؟ ތި ދެ މީހުން ރައްޓެހިވެގެން ދޯ އުޅުނީ ހުޅުމާލޭގައި އުޅުން އިރު ވެސް" އިރުކޮޅަކު މަޑުކޮށްލާފައި ކީފާ އަހާލިއެވެ.

"މިހާރު އަހަރެންގެ ހުރިހާ އެއްޗެއް ނިމްރާއަކީ، އަހަންނަށް އެނގޭ އޭނާއަށް ވެސް އަހަންނާ ދުރަށްދާން އުނދަގޫވާނޭކަން" ކުޑަކޮށް ހީނލާފައި އަރްސަލް ބުނެލިއެވެ.

"އައި އޭމް ހެޕީ ފޯ ޔޫ" ކީފާގެ ތުންފަތުގައިވީ ފަނޑު ހިނިތުންވުމެއްވިޔަސް ފުރަތަމަ ފަހަރަށް އޭނާ އަރްސަލްއާއި ނިމްރާގެ ދެމެދުގައި އޮތް ގުޅުމާމެދު ހިތްހަމަޖެހުން ފާޅުކުރީތީ އަރްސަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ.

އަހަރުތަކަކަށްފަހު ކިފާއާއި އަރްސަލްގެ ދެމެދުގައި އެކުވެރީން ފަދައިން ވާހަކަދެއްކުނީތީ އަރްސަލް އިނީ އުފަލުންނެވެ. ކީފާއާ މެދު ހިތުގައި އޮތް ނުރުހުން އެއްފަރާތްކޮށް އޭނާ ހިތް ސާފުކުރީއެވެ. އެހެންނޫންނަމަ އެ ދެމެދުގައި އެކުވެރިކަމަށް ޖާގައެއްނުދެވުނީހެވެ. ރެސްޓޯރެންޓުން ނުކުންނަނިކޮށް ބިލާލު ގުޅިއެވެ. އިރުއޮއްސި ނަމާދަށް ގޮވަންވާއިރަށް ގެއަށް އަންނާނަންތޯ ބިލާލު އެހުމުން އަރްސަލް ބުނީ އޭނާ ކަމަކު ހޮޓެލަށް ދާން ޖެހިފައި އޮތްކަމުގައެވެ. އެކަމަކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ބިލާލު އެދުމުން އެކަމާ ދެކޮޅު ހަދާކަށް އަރްސަލްއަކަށް ނުކެރުނެވެ. އޭނާ ފޯނުކޯލު ނިންމާލީ އަށްގަޑި ބައިވަންވާއިރަށް ގެއަށް ދާނަން ކަމުގައި ބުނެފައެވެ. ކީފާއާއެކު އަރްސަލް ކާރު ޕާކުކުރި ދިމާއަށް އައެވެ. ހުޅުމާލޭގައި ހުންނަ ކީފާގެ އެޑްރެހަށް އަރްސަލް އޭނާ ގެންގޮސްދިނެވެ.

"މިހެން ދޭތެރެއަކުން ކޮފީއަކަށް އަރަން ގުޅާލާނަން އިނގޭ، އަނެއްކާ އާދެވޭނެތަ" ކާރުން ފައިބައި ދޮރުފަތް ލައްޕާލުމުގެ ކުރީން ކީފާ އަހާލިއެވެ. އަރްސަލް ހީނލާފައި ބޯޖަހާލަމުން އެއްބަސްވިއެވެ. މާބުރަކަށް އުޅޭ ވަގުތެއް ނޫނިއްޔާ ކިފާ ގުޅާލުމުން އަންނާނަން ކަމަށް އަރްސަލް އެއްބަސްވިއެވެ. ކީފާ ކާރުގެ ދޮރުފަތް ލައްޕާލާފައި އެނބުރިލީ ހިތްހަމަޖެހިފައި ހުރެއެވެ.

"ވެއާ އާ ޔޫ... އޯކޭ... އައި އޭމް އޮންމައިވޭ" ކާރު ދުއްވާލުމުގެ ކުރީން ޒިވަންއަށް އަރްސަލް ގުޅިއެވެ. އަދި އޭނާ ހުރިތަނެއް އެނގުމުން އަރްސަލް މިސްރާބު ޖެހީ ޒިވަންއާ ބައްދަލުކުރާށެވެ.

* * * * *

ސްކާލެޓް ގޮމަ ހޮޓެލަށް ވަދެގެން އައި ގޮތަށް އަރްސަލް އެލެވޭޓާއަށް އެރީ ކޮންޓްރޯލު ރޫމަށް ދިއުމަށެވެ. ފަނަރަވަނަ ބުރީގައި ހުންނަ ކޮންޓްރޯލު ރޫމަކީ ޒިވަންގެ އޮފީހެވެ. ސެކިއުރިޓީ ހުރިހާ ކަމެއްގެ ފުރިހަމަ ބާރު އަރްސަލް އޮންނަނީ ޒިވަންއަށް ދީފައެވެ. ކޮންޓްރޯލު ރޫމުގެ ތެރެއަށް އަރްސަލް ވަނުމާއެކު ތަނުގައި ތިބި ދެ ސްޓާފުން ސަމާލުކަމަށް އައެވެ. އެތަނުން އެކަކު ޒިވަން އެބައިން ކަމުގައި ބުނެ އޭނާއަށް ޚާއްޞަކުރެވިފައި ހުންނަ ކެބިންއަށް އިޝާރާތްކޮށްލިއެވެ. އަރްސަލް ބޯޖަހާލަމުން ޒިވަންގެ ކެބިންއަށް ވަދެ ދޮރުލައްޕާލިއެވެ.

"އައި ހޭވް ސަމްތިންގް ފޯ ޔޫ" އަރްސަލް ފެނުމާއެކު ޒިވަން ބުނެލިއެވެ. އަރްސަލް އައިސް ޒިވަންއާ ކުރިމަތިވާނޭހެން މޭޒުގެ އަނެއްފަރާތުގައި ބަހައްޓާފައި ހުރި ދެ ގޮނޑީން ކުރެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"މި ފައިލް ބަލާބަލަ، އަހަންނަށް މި މިޢުލޫމާތު އަރްސަލްގެ އަތަށް ދޫކޮށެއްނުލެވޭނެ، މީ ސިއްރު މަޢުލޫމާތު، މިޢުވާނަކީ ކާކުކަން މީގައި ހުރި މަޢުލޫމާތުން އެނގޭނެ" ޒިވަން ދިއްކޮށްލި ފައިލުގައި އަރްސަލް ހިފިއެވެ. އަވަސް އަވަހަށް އެ ފައިލުގައި ހުރި ކަރުދާސްތަކާއި ފޮޓޯތައް އަރްސަލް ބެލިއެވެ. މިޢުވާނުގެ ޢާއިލާއާއި އޭނާގެ ބޭންކް ސްޓޭޓްމެންޓުތަކުގެ މަޢުލޫމާތުތައް ވެސް ހުއްޓެވެ. އޭނާ ރާއްޖޭން ބޭރަށް ދަތުރެއްކުރިއްޔާ އެ މަޢުލޫމާތު ވެސް އޭގައި ހުއްޓެވެ.

"ހައު... މި ހުރިހާ އެއްޗެއް ޒޭވިއާ އަތަށް އެރީ ކިހިނެއް" އަރްސަލްއަށް ޤަބޫލުކުރަން އުނދަގޫވިއެވެ.

"ހޯދި ގޮތް ނާހާ، ނިމްއަކީ އަހަރެން ވެސް ކެއާކުރާ ކުއްޖެއް، އެހެންވެ އަރްސަލް ގާތު އަހަރެން ވާހަކައެއް އަހަން ބޭނުން، ތެދަށް ބުނައްޗޭ" ޒިވަންގެ ލޮލުން ފާޅުވަމުންދިޔަ ސީރިއަސްކަން މިފަހަރު އަރްސަލް ވެސް ޖެހިލުންކޮށްލައިފިއެވެ.

"ކިހިނެއްވީ؟" އަރްސަލް އަވަހަށް އަހާލިއެވެ.

"އަހަރެން ނޫން މީހަކަށް މިހޮޓެލްތެރޭގައި ނުބެލޭނެ ފުޓެޖުތައް ހުންނާނޭކަން އަރްސަލްއަށް ވެސް އެނގޭނެ، އަރްސަލް، ނިމްދެކެ ލޯބިވޭތަ؟ އަހަރެން މިހެން މި އެހީ ކީއްވެކަން އެނގެއެއްނު... އަރްސަލްގެ ސަބަބުން ނިމްއަށް ދެރައެއްލިބޭކަށް އަހަރެން ބޭނުމެއްނޫން، ނިމްއަކީ އަރްސަލް ތިގޮތަށް ބޭނުންހިފާ ކަހަލަ އަންހެންކުއްޖެއްނޫން" ޒިވަންގެ އަޑުގައި ވެސް ވީ މީގެ ކުރީން އަރްސަލްއަށް ނޭނގޭ ބީރައްޓެހި ހަރުކަށިކަމެކެވެ.

"ޒޭވިއާ، އެ ފުޓޭޖުތައް ފެންނާނޭ މީހަކީ ތީ... އަހަންނަށް އެކަން ނޭނގެނީއެއްނޫން، އަހަރެން ޒޭވިއާއަށް އިތުބާރުކުރަން، އަހަންނަށް ވެސް ޒޭވިއާ އިތުބާރުކުރޭ، އަހަރެން ނިމްދެކެ ލޯބިވޭ، ވަރަށް ބޮޑަށް ލޯބިވޭ، އަހަރެން އޭނާއާ ކައިވެނިކުރާނަން، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، އަހަންނަށް އެނގޭ ތީ ސިއްރު ހިފަހައްޓާނޭ އެކުވެރިއެއްކަން، އަހަރެން ވަރަށް އަވަހަށް އަހަރެންގެ ސްކާލެޓްއަށް ޕްރޮޕޯސް ކުރާނަން" އަރްސަލް ބުނެލިއެވެ.

"ސޮރީ އިނގޭ، އަސްލު ޓްރަސްޓު ނުކުރާތީއެއްނޫން، ނިމްގެ ހަޤީޤަތް އަހަންނަށް ވެސް އެނގުނީ އަދިކިރިޔާ، އަހަރެން ނިމްގެ މަޢުލޫމާތު މިގޮތަކަށް ނުހޯދަން، އޭނާގެ ޕްރައިވެސީއަށް އަރައިގަންނާކަށް ބޭނުމެއްނޫން، އެކަމަކު އޭނާއާ މެދު ކަންތައްވީގޮތް އެނގުނީ މިޢުވާނުގެ މަޢުލޫމާތު ހޯދުމުގައި، އަރްސަލް ބުނެބަލަ... އަހަރެން އޭނާ ބަނގުރޫޓުކޮށްލަންވީތަ؟ އޭނާ މިވަގުތު ހުރީ ފައިސާއަށް ބޭނުންވެފައި... އަބަދުވެސް ފައިސާއަށް އޭނާ ދަހިވެތިވޭ، މީހުންގެ އަތުން ނުހައްޤުން އެތައް ފައިސާއެއް އޭނާ ވަނީ ލޫޓުވާލައިފައި، އަރްސަލްއާ ހަމައަށް ނިމްރާ އަންނަން ޖެހުނީ ކީއްވެކަން އަހަންނަށް އެނގިއްޖެ، ހިތާމަވެރި ހާދިސާއެއް، އެކަމަކު ނިމްގެ ނަސީބޭ އަހަރެން ހިތަށް އަރަނީ އަރްސަލްއާ ބައްދަލުވުމަކީ، އަރްސަލްގެ ފަރާތުން އަހަންނާ އެކުއްޖާއާ ދެވަނަ ފަހަރަށް ބައްދަލުވީ، މީ ވަރަށް ބޮޑު އިއްތިފާގެއް، ކޮންމެގޮތެއްވިޔަސް މިޢުވާނުގެ ސަބަބުން ތި ދެ މީހުންގެ ދިރިއުޅުން ގެއްލުނީ، އަހަރެންގެ އަތުގައި ހެކި އެބަހުރި، އެކަމަކު އެއީ ކޯޓެއްގައި ބޭނުންކުރެވޭނޭވަރު ހެއްކަކަށް ނުފުދޭ... އަރްސަލް، މި ވީޑިއޯ ބަލާބަލަ، މީ ނިމްގެ ލާރިގަނޑުގައި އޭނާ ބެންކޮކަށާއި ޔޫރަޕަށް ކޮށްފައިހުރި ދަތުރުތަކުގައި އޭނާއާއެކު ދިޔަ ބައިވެރިޔާ، މީނާގެ އަތުން އެއްލަކަ ރުފިޔާގެ ލޯނެއް ނަގުވާފައި އޭނާއާ މިޢުވާނު ރުޅިވީ، މީ އޭނާއަށް ނޭނގި ނަގާފައި ހުރި ވީޑިއޯއެއް" ޒިވަން ހުޅުވާފައި ހުރި ލެޕްޓޮޕް އަރްސަލްއާ ދިމާއަށް އަނބުރާލިއެވެ. (ނުނިމޭ)