ހަބަރު

އިދިކޮޅުން އަޅުގަނޑު ދައްކާ ވާހަަކަ އަޑުއަހަން ފޫހިނުވާވަރު ކުރާނަން: ރައީސް

ތަރައްގީ ގެނައުމުގެ ވާހަކަ ދައްކަން ބޭނުންނަމަ ޖެހިވަޑައިގަންނަވާނީ އެމަނިކުފާނުގެ ވާހަކަފުޅުތައް އަޑު އަހަންކަމަށާއި، އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ފޫހިވާން ވަގުތު ނުދީ، ކޮޅުމަޑުލަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިމެންދެން ވާހަކަ ދައްކަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާހަކައެއް، އާ ވައުދުތަކެއް ވެވަޑައިގަންނަވާ މަންޒަރު ނުފެންނަ ކަމަށެވެ. މުޅިންވެސް ފެނިވަޑައިގަންނަވަނީ އެމަނިކުފާނު ކުރައްވަން ފައްޓަވާފައިވާ، ނުވަތަ ކުރައްވާނެ ކަމަށް ވިދާޅުވާ ކަންތައްތަކުގައި އެކި ގޮތްގޮތަށް ކުރައްވަން ވިދާޅުވާ ވާހަކަ ކަމަށެވެ.

މިއަދު ތ ބުރުނީގައި އަޅާފައިވާ ނަރުދަމާ އިފްތިތާހުކޮށް، އެ ރަށުން ތާއީދު ހޯއްދަވަން އެރަށަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ދަތުރުތަކުގައި ޕީޕީއެމްގެ މެނިފެސްޓޯ ކިޔައިދެމުންގެންދާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ފޫހިވާނެ ވަގުތެއް މާދަމާ ރައީސްގެ ކޮޅުމަޑުލު ދަތުރުފުޅު ނުނިމެނީސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ވެސް އަދި ވާދަކުރައްވާ ބޭފުޅުންނަށްވެސް ފޫހިވާނެ އެންމެ މިނިޓްކޮޅެއްވެސް އަޅުގަނޑު ނުދޭނަން. މި ކޮޅުމަޑުލުގެ ދަތުރު ނިމެންދެން އެބޭފުޅުން ޖެހޭނީ އަޅުގަނޑުގެ ވާހަކަ އަޑުއަހަން. އަދި އެބޭފުޅުން ދެއްވާ ރައްދުތަކެއްވެސް ދެއްވަންޖެހޭނެ. އެއީ އަޅުގަނޑު މިގެންދަނީ ހުރިހާ ރަށަކަށް ބޭނުންވާ ކަންތައްތައް ކުރަންމުން، ކޮށްދޭނެ ގޮތް ބުނަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދުވެސް ވަނީ ކެމްޕޭން ޕޯޑިއަމްތަކުގައި އިބޫ ދައްކަވާ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"މިއަދު ރާއްޖޭގެ އެތަން މިތަނުގައި އެއާޕޯޓް އެޅުމުން ދަތުރުފަތުރު ފަސޭހަވެފައި ވިޔަސް އޭގެ ކުރިން ދަތުރުފަތުރު އޮތީ ކިހިނެއްތޯ. ހަތަރު ފަސް ފެރީގެ ނިޒާމް ގާއިމްކުރި. ﷲ ދެނެވޮޑިގެންވާނީ މިއަދު އެއިން ފެރީ ނިޒާމްތައް ވީތަން. ދާދި ފަހުން ކުޅުދުއްފުށީގެ އެއާޕޯޓް އަޅަން އުޅުނީމަ ނޫންތޯ ވިދާޅުވީ، ތިތަނަށް ބޭނުންވާނީ އެއާޕޯޓެއް ނޫނޭ، ފެރީގެ ނިޒާމެކޭ. ބަލަ އެ ފެރީގެ ނިޒާމް ކަމު ނުގޮސްގެންނޭ މާލެއާ ހުޅުމާޅެ ބްރިޖަކުން ގުޅާލީ ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅުން މިހާރު މަސައްކަތްކުރަނީ ރައްޔިތުން ބޭނުންވާ ކަމެއްގެ ވާހަކައެއް ދެއްކުމުން، އެ ވާހަކައެއް އަޑު އެހުމަށްފަހު އޮޅުވާލައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށެވެ. އެހެން ކަމުން ރައްޔިތުންނަށް ވެސް އިދިކޮޅަށްވެސް ސާފު ވާވަރަށް މިފަހަރު އެމަނިކުފާނުގެ ތަރައްގީގެ ތަސައްވަރު އޮތް ގޮތް ވިދާޅުވާނެ ކަމަށާއި އެ ވާހަކަތައް އަޑުވެސް އައްސަވަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި މެނިފެސްޓޯގައި ހުރި ކަންކަން ބޮޅަކަށްފަހު ބޮޅެއް އަމުނަމުން ގެންދާނަން. އެބޭފުޅުން ޖެހޭނީ އެކަމަށް ވިސްނާވަޑައިގަންނަވަން، ހަމަ އަޅުގަނޑު ކަމެއް ކުރީމަ އެކަމެއް ކޮށްދޭނަމޭ ބުނަންޖެހޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް އެ އަތޮޅުގެ ތިން ހަތަރު ރަށަކަށް ވަޑައިގަންނަވާފައިވެ އެވެ. މިއަދުވެސް އިތުރު ދެ ރަށަކަށް ވަޑައިގަންނަވާއިރު ދެން އެންމެ އަވަހަށް ވަޑައިގަންނަވާނީ އެ އަތޮޅު މަޑިފުއްޓަށެވެ.