ވިޔަފާރި

މާފަރު އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސައި ތާރީހުގެ ތެެރެއަށް

Aug 14, 2018
1

ނ. މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމައި ޓެސްޓް ފްލައިޓް މިއަދު ޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ސިވިލް އޭވިއޭޝަން އަދި ރީޖަނަލް އެއާޕޯޓާއި މި މަޝްރޫއު ކުރިއަށް ގެންދާ އަބޫދާބީ ކުންފުނީގެ ވެރިން ގޮވައިގެން މާފަރަށް ދިޔަ ފުރަތަމަ ފްލައިޓް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 3:46ގަ އެވެ.

ޓެސްޓް ފްލައިޓް ޖައްސުމަށްފަހު، މާފަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ދެން ބާކީ ހުރި މަސައްކަތްތައް ވެސް އަންނަ މަހު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"ރާއްޖޭގައި މިހާ ހިސާބަށް އެންމެ ފުޅާކޮށް ހެދި ތިންވަނަ ރަންވޭ މިއީ. މިތަނަށް ބޭނުންވާނެ ފަޔަ ބިލްޑިންގް އާއި ޓާމިނަލްގެ ފައުންޑޭޝަން ނިމިއްޖެ. ބައެއް އިމާރާތްތަކަކީ ޕްރީ-ފެބް ބިލްޑިންގް. އެ ބިލްޑިންގްތައް ވެސް ވަނީ އައިސްފައި،" ޒަމީރު ވިދާޅުވި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި ހެދި ހަތަރު ވަނަ އިންޓަނޭޝަނަލް އެއާޕޯޓެވެ. މިހާރު އިންޓަނޭޝަނަލް އެއާޕޯޓުގެ ގޮތުގައި ރާއްޖޭގައި ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މި އެއާޕޯޓް ނިމޭއިރު، އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ އެވެ. އެ ރަށުގައި އަޅަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މި އެއާޕޯޓާއެކު އެ ރަށުގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަންވެސް ވަނީ ނިންމާފަ އެވެ.