ނ. މާފަރުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓް ހަދާ ކުންފުނީގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޔޫއޭއީއަށް ވަޑައިގަންނަވަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިނިސްޓަރު ނަހުލާ މާދަމާ އަބޫދާބީއަށް ކުރައްވާ ދަތުފުރުޅުގައި މާފަރު އެއާޕޯޓުގެ މަޝްރޫއާ ބެހޭ ގޮތުން ކުންފުންޏާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ދަތުރުފުޅުގެ ތެރޭގައި ދަތުރުފަތުރުގެ ދާއިރާ އިން ރާއްޖެއަށް ހޯދެން ހުރި އެއްބާރުލުން ތަކާބެހޭ ގޮތުން ވެސް އެކަމަނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މާފަރު އެއާޕޯޓުގެ ހުރިހާ ހަރަދެއް ކުރަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިިން އެވެ.
މިނިސްޓަރު ނަހުލާ އަބޫދާބީ އަށް ވަޑައިގަންނަވާއިރު، މާފަރު އެއާޕޯޓު އަޅަން ހަވާލުކުރި ސިންގަޕޫރު ކުންފުންޏާއި ސަބް ކޮންޓްރެކްޓަރުންނާ ދެމެދު މައްސަލަ ޖެހި މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވަނީ ހުރަސް ތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން މި މަޝްރޫއުގެ މަސައްކަތް ކުރާ ސިންގަޕޫރުގެ ޓަފް ކުންފުނި ގޮވައިގެން މި މަަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ސަބް ކޮންޓްރެކްޓަރު ޖީކޭޑީއިން ވަނީ ފުލުހަށް ގޮސްފަ އެވެ. އެ ކުންފުނިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖީކޭޑީގެ ތަކެއްޗަށް ގެއްލުން ދިންކަމަށް ބުނެ އެވެ.
އޭޑީއެފްއިން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ހޭދަކޮށްގެން ތަރައްގީ ކުރާ މި މަޝްހޫރުގެ ދަށުން 2.2 ކިލޯމީޓަރުގެ ދިގު ރަންވޭއެއްގެ އިތުރުން ޓާމިނަލް އާއި ސިޓީ ހޮޓަލެއް ވެސް އަޅަން ހަމަޖެހިފައިވެ އެވެ. މި މަސައްކަތް އަދި އެއްކޮށް ނުނިމެ އެވެ. ނަމަވެސް މި އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން ރައީސް އަބްދުﷲ ޔާމީން ވަނީ ރަސްމީކޮށް ހުޅުވާފައިވާ ތަނެވެ. އަދި ޓެސްޓް ފްލައިޓް ވެސް ވަނީ ޖައްސާފަ އެވެ.