ބޮލީވުޑް

އަމީތާބްއާއި ކާޖޮލް 17 އަހަރުފަހުން އެކުގައި

އަމީތާބް ބައްޗަން އާއި ކާޖޮލް ދޭވްގަން އެންމެފަހުން އެކުގައި ފެނިގެންދިޔައީ ކަރަން ޖޯހަރްގެ ފެމިލީ ޑްރާމާ ފިލްމު "ކަބީ ޚުޝީ ކަބީ ގަމް" އިން 2001 ވަނަ އަހަރު އެވެ. އޭގެ 17 އަހަރުފަހުން އަންނަ ސެޕްޓެމްބަރު މަހު ހަތެއްގައި ރިލީޒްކުރާ ކާޖޮލްގެ އާ ފިލްމު "ހެލިކޮޕްޓަރް އީލާ" އިން އަނެއްކާވެސް ދެ ތަރިން އެކުގައި ފެނިގެންދާނެ އެވެ.

"ހެލިކޮޕްޓަރް އީލާ" ގައި އަމީތާބް ފެނިގެންދާނީ ހާއްސަ ފެނިލުމަކުންނެވެ. މި ފިލްމުގެ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރް އާންމުކުރި ބަޔާނެއްގައި ބުނީ އަމީތާބް ވަރަށް ހާއްސަ މަންޒަރަކުން މި ފިލްމުގައި ފެނިގެންދާނެ ކަމަށެވެ.

މި ފިލްމުގައި ކާޖޮލް ކުޅެނީ އެކަނިވެރި މަންމައެއް ރޯލެވެ. އޭނާއަކީ ލަވަކިޔުމަށްވެސް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ކާޖޮލްއާއެކު މި ފިލްމުގައި ލީޑުން ފެނިގެންދާނީ ގައުމީ އެވޯޑު ހޯދާފައިވާ އެކްޓަރު ރިދީ ސެން އެެވެ. ރިދީ މި ފިލްމުގައި ކުޅެނީ ކާޖޮލްގެ ދަރިފުޅު ރޯލެވެ. ހާއްސަ ރޯލަކުން މި ފިލްމުގައި ނޭހާ ދުޕިއާވެސް ފެނިގެންދާނެ އެވެ.

"ހެލިކޮޕްޓަރް އީލާ" ގެ ޓްރެއިލާ.

ކާޖޮލްގެ އާ ފިލްމެއްގެ އިންތިޒާރުގައި ފޭނުން ތިއްބާ އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން މި ފިލްމު އިއުލާނުކުރީ މިދިޔަ މަހު އެވެ. އެންމެފަހުން ބޮލީވުޑްގެ ފިލްމަކުން ކާޖޮލް ފެނިގެންދިޔައީ 2015 ވަނަ އަހަރު އެވެ. އެއީ ޝާހްރުކް ޚާންގެ ފިލްމު "ދިލްވާލޭ" އިންނެވެ.