އެތުލެޓިކޯ މެޑްރިޑް

ތަށި ހޯދަން އެތުލެޓިކޯއަށް ޑިމާންޑް ބޮޑުވެއްޖެ

މި ސީޒަންގައި ތަށި ހޯދަން އެތުލެޓިކޯ މެޑްރިޑަށް ޑިމާންޑް ބޮޑު ވެއްޖެ ކަމަށް އެ ޓީމުގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

ގޯލްކީޕަރު ޖޭން އޮބްލެކް، ޑިއޭގޯ ގޮޑިން އަދި އެންޓައާން ގްރީޒްމަން ހޯދަން މުއްސަނދި ކުލަބުތަކުން ބޮޑުތި ހުށަހެޅުންތައް ލިބުނު އިރު، އެތުލެޓިކޯއިން ވަނީ އެ ކުޅުންތެރިން ޓީމުގައި މަޑު ކުރުވާފަ އެވެ. އަދި ޓްރާންސްފާ ޕީރިއަޑްގައި މަޝްހޫރު ކުޅުންތެރިންތަކެއް އެތުލެޓިކޯއިން ގެނަ އެވެ. ސިމިއޯނޭ ބުނީ ޓްރާންސްފާގައި އެ ކުލަބުން އެޅި ފިޔަވަޅުތަކާއެކު ތަށި ހޯދަން އެ ޓީމަށް މަޖުބޫރު ބޮޑު ވެއްޖެ ކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން ދެ ފަހަރު އެތުލެޓިކޯ މެޑްރިޑް ވަނީ ޗެމްޕިއަންސް ލީގް ފައިނަލަށް ދަތުރު ކޮށްފަ އެވެ. ސްޕެނިޝް ލީގް އެއް ފަހަރު ހޯދި އެވެ. މިދިޔަ ސީޒަންގައި ޔޫއެފްއާ ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ހޯދި އެވެ. ސީޒަން ތައްޓަކާއެކު ފެށުމުގެ ފުރުސަތު މިރޭ އެ ޓީމަށް އެބައޮތެވެ. ޔޫރަޕްގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔޫއެފްއާ ސުޕަ ކަޕުގެ މެޗުގައި މިރޭ އެ ޓީމު ވާދަ ކުރާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

"އަހަންނަށް ހީވަނީ މިހާރު އެންމެންނަށް ވެސް އެނގޭނެ ހެން، އިތުރު ތަށިތައް ހޯދަން އަހަރެމެންނާ މެދު އުންމީދު ބޮޑު ވެއްޖެ، އެއީ ކުރިއަށް ދިއުމަށް ޖެހުނު ރަނގަޅު ފާހަގައެއް،" މިރޭ ކުޅޭ މެޗުގެ ކުރިން ސިމިއޯނޭ ބުންޏެވެ. "މިދިޔަ ސީޒަނަށް ވުރެ ބޮޑަށް އަހަރެމެން ކުރިއެރުން ހޯދަން ޖެހޭނެ އެކަމަށް ޑިމާންޑް ބޮޑު ވެއްޖެ، އާ ކުޅުންތެރިންނާއެކު ޓީމު ރަނގަޅު ޓިޔުން އެއްގައި ބާއްވަން ޖެހޭނެ، އަދި ޓީމު ވަރުގަދަކޮށް ބޭއްވުމަށް މަސައްކަތް ކުރަން ޖެހޭނެ."

އޭނާ ބުނީ އެހެން ޓީމުތަކުގައި އޮތް ވަރުގެ ބޮޑު ބަޖެޓެއް އެތުލެޓިކޯ އަތުގައި ނެތް ކަމަށާއި ނަމަވެސް އެ ޓީމުތައް ހޯދާ ވަރުގެ ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށެވެ.

"ފުޓްބޯޅަ ބަޖެޓާ ގުޅުވުމަކީ އަހަރެން މާ ކުރާ ހިއްވާ ކަމެއް ނޫން، ރެއާލް މެޑްރިޑްގައި އޮތް ވަރުގެ ބަޖެޓެއް އަހަރެމެން އަތަކު ނެތް، ނަމަވެސް އެޓީމުތައްވެސް ހޯދަން ބޭނުންވާ ވަރުގެ ކާމިޔާބެއް ހޯދަން އަހަރެމެން އުންމީދު ކުރަން. މިސީޒަނުގައި އަހަރެމެންނަށް ހޯދޭނެ ހުރިހާ ކާމިޔާބެއް ހޯދަން އަހަރެމެން ބޭނުން."

ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12:00 ގަ އެވެ.