ދުނިޔެ

ހަމަލާއާ ގުޅިގެން ވެނެޒުއޭލާގެ ސިފައިންތަކެއް ހައްޔަރުކޮށްފި

Aug 15, 2018

ކަރަކަސް (އޯގަސްޓް 14) - ޑްރޯންތަކެއް ގޮއްވާލައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސިފައިންގެ އިސް އޮފިސަރުންތަކަކާއެކު އިތުރު 14 މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރި އޮފިސަރުންގެ ތެރޭގައި ޖެނެރަލް އަކާއި ކާނަލްއެއް ހިމެނޭ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހަމަލާގައި ފަހަތުގައި ތިބި މީހުން، އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށާއި، ޕެރޫ އަދި ކޮލޮމްބިއާ އަށް ފިލައިގެން ގޮސްފައިވާ ކަމަށް މަޑޫރޯ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ދެ ޑްރޯން ގޮއްވައިލައިގެން ދިން ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ 27 މިހެއް ހައްޔަރުކުރުމުގެ އަމުރު ވަނީ ނެރެފަ އެވެ.

ހަމަލާގައި ބައިވެރިވި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް މަޑޫރޯ ވަނީ ވިދާޅުވެފަ އެވެ.

އެ ހަމާލާދީފައިވަނީ އެމެރިކާއަށް ވާގިދޭ ކޮލަމްބިއާގެ ޖަމާއަތަކުން ކަމަށް މަޑޫރޯ ވަނީ ފަހުން ވިދާޅުވެފަ އެވެ. އަދި އެ ހަމަލާގެ ފަހަތުގައި ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންޓޯސްގެ އަތެއް ވާނެ ކަމަށް ވެސް މަޑޫރޯ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ނަމަވެސް، ކޮލަމްބިއާ ސަރުކާރުން ވަނީ މަޑޫރޯގެ އެއްވެސް "އަސާސެއް" ނެތް ތުހުމަތުތައް ދޮގުކޮށްފަ އެވެ.