ހަބަރު

ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ދޭން އުޅެނީ އިތުބާރު ނެތީމަ: ރައީސް

އިދިކޮޅު ކޯލިޝަންގެ ކަންކަން ރެގިއުލޭޓްކުރަން ގާނޫނެއް ފާސްކުރަން ނިންމާފައިވަނީ ކޯލިޝަންގައި ތިބި ފަރާތްތަކުގެ މެދުގައި އިތުބާރު ނެތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތ ދިޔަމިގިއްޔާއި މަޑިފުށީގައި އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން އުޅުއްވަނީ ކޯލިޝަންގެ ކެންޑިޑޭޓެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓެއް ކަމަށާއި އެމްޑީޕީއިން އެހެން ޕާޓީތަކަށް "ހިތްހެޔޮ" ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ކޯލިޝަންގެ ކަންކަން ނިންމަން އިދިކޮޅު މެނިފެސްޓޯގައި ގާނޫނެއް ފާސްކުރާނެ ވާހަކަ ގެނެސްފައިވަނީ އެހެންވެގެންނެވެ. އިތުބާރު ނެތިގެންނެވެ.

"އިތުބާރުކޮށްގެން ލޯބި ހޯދައިގެން އަންނަ ބަޔަކު އިތުބާރު ދަމަހައްޓަން ކުރާ ކަންކަން މި ފެންނަނީ. އެކަން ކުރަނީ ގާނޫނު މަޖިލީހުން ގާނޫނަކުން ފާސްކޮށްގެން،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަން ރައީސް ސިފަކުރެއްވީ ކޭކެއްގެ މިސާލުގަ އެވެ. ފެނިވަޑައިގަންނަވަނީ އެ ކޭކު ފަޅިކުރަން އެނގިވަޑައިނުގެން އުޅުއްވާ މަންޒަރުކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ދޭން އުޅޭފަދަ ގޮތްގޮތަށް ވާހަކަ ދެއްކުމުން، ކޯލިޝަން އުފެއްދުމުގެ ކުރިން ހުރި މައްސަލަތަކެއް އަދިވެސް އެމީހުންގެ ތެރޭގައި އުޅޭކަން އެބައެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން އޭރު ވޯޓުނަގަން ވަރަށް ކައިރީގައި އޮއްވާ އޭރުގެ ގައުމީ އިއްތިހާދު ޕާޓީގައި ތިއްބެވި ބޭފުޅުން ދެއްތޮ އެންމެ ވަރުގަދައަށް ވާހަކަފުޅު ދެއްކެވީ. ރައީސް މައުމޫން، ޑީއާރްޕީން އުޅުއްވަނީ ޕީއޭ ކިޔާ ޕާޓީއަކާއެކު ކޯލިޝަނެއް ހަދައިގެންނޭ. އެއީ ގާނޫނުން ތަންދޭ ކަމެއް ނޫނޭ. ގާނޫނު އަސާސީގައި ހޮވޭ ރައީސުލް ޖުމްހޫރިއްޔާއޭ ހުރިހާކަމެއް ކުރައްވާނީ،" ރައީސް ވިދާޅުވި އެވެ.

ދެ ހާސް އަށްވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެން، ވެރިކަމަށް އެންމެ ތިން ހަފްތާ ވީތަނާ ކޯލިޝަންގެ އެންމެ ބޮޑު މެންބަރު ގާސިމް އިބްރާހިމް މަގާމުން އިސްތިއުފާ ދެއްވައި ދުރަށް ވަޑައިގަތީ ކީއްވެތޯ ރައީސް ސުވާލު ކުރެއްވި އެވެ. އެ ފަހަރު ވެރިކަމަށް ވަޑައިގަތުމަށް ފެޅި ކޭކު ފޮތީގެ ރަހަ ކަރުތެރޭގައި ހަރުލި ނަމަ ވެރިކަމަށް ތިން ހަފުތާގެ ތެރޭގައި ގާސިމް ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން، ރައީސް ވިދާޅުވި ގޮތުގައި ކޯލިޝަނަކީ އިދިކޮޅު ފަރާތްތަކުން އެއްވެސް ވަރަކަށް ތާއީދުކުރާ ކަމެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވީ، ވޯޓަކާ ހަމައަށް ދާތީ ކުރީގައި ދައްކާފައިހުރި ވާހަކަތައް އަޑު އަހައި ވިސްނަންޖެހޭ ކަމަށެވެ.