ހަބަރު

މުސްކުޅިންގެ އާބާދީ ރާއްޖޭގައި އިތުރުވުމުގެ ކަންބޮޑުވުން، މަޝްވަރާތައް ފަށައިފި

އުމުރުން ދުވަސްވީ މީހުންގެ އާބާދީ ރާއްޖޭގައި އިތުރުވަމުންދާކަމަށާއި މިކަމަށް މުޖުތަމައު ތައްޔާރުވާންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދޮށީ އުމުރު މީހުންގެ އާބާދީ ރާއްޖޭގައި އިތުރުވަމުން އައުމާމެދު މަޝްވަރާކުރުމަށް ޑަބްލިޔުއެޗްއޯއާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން އާބާދީގައި ގިނަވުމަކީ އެކަމަށް ކުރިއާލައި މުޖުތަމައު ތައްޔާރުވާންޖެހޭ ކަމެއް ކަމަށެވެ. އެހެން ނޫންނަމަ އެކަށީގެންވާ އަޅައިލުމާއި ހައްގުން އެފަދަ ފަރާތްތައް މަހުރޫމްވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެއީ މުޖުތަމައުގެ ދުޅަހެޔޮކަން ވަރަށް ބޮޑަށް ދަށަށް ދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އުމުރުން ދުވަސް ވެފައިތިބޭ މީހުންނަށް މިހާރުވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ޒެނީޝާ ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް ރިޓަޔާކުރާ އުމުރަށް ދިޔުމުން އާއިލާއާއި މުޖުތަމައުގެ ތެރެއިން އެ ފަރާތްތައް އެކަހެރިކުރުމާއި ނާޖާއިޒުފައިދާ ނެގުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ދުވަސްވީ މީހުންގެ ހާލަތު ދެނެގަތުމަށް ފަށާފައިވާ "ރަންވޭލާ" ކެމްޕޭނުން މިފަދަ އެތައް ވާހަކައެއް އެނގިގެން ގޮސްފައިވާކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.

"އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ މި ފަދަ ގޮންޖެހުންތައް ދެނެގަނެ، ހައްގުތައް ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ފަރާތުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި، އެ މީހުނަށް ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް އެކަށީގެންވާ ހައްލު ހޯދުން މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ މައްޗަށް އެކުލަވާލާފައިވާ ސާވޭއަކުން ދެއްކި ގޮތުގައި، މީގެ 40 އަހަރު ފަހުން، ދުވަސްވީ މީހުންގެ ނިސްބަތް 14 ޕަސެންޓަށް އިތުރުވާނެ އެވެ. މިހާރު އެ ނިސްބަތް އުޅެނީ ފަސް ޕަސެންޓުގަ އެވެ. އޭގެ މާނައަކީ، 40 އަހަރު ފަހުން ޒުވާނުންނަށް ވުރެ ދުވަސްވީ މީހުން ގިނަ ވުމެވެ.

މި ކޮންފަރެންސަކީ ދޮށީ އުމުރު މީހުންގެ އާބާދީ ރާއްޖޭގައި އިތުރުވަމުންދާ ދިއުމާ ގުޅިގެން ޕޮލިސީ ފެންވަރުގައި ބޭއްވި ފުރަތަމަ ކޮންފަރެންސެވެ.

އުމުރުން ދުވަސްވީ މީހުން ގިނަވުން، ނުވަތަ އޭޖިން މައްސަލައަކީ ދުނިޔޭގެ އާބާދީ ބޮޑު ގައުމުތަކުގައި ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިކަމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ އެފަދަ ފަރާތްތަކަށް އާއިލާތަކުން ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުލިބި ބިކަވާންޖެހުމެވެ. އުމުރުން ދުވަސްވުމުން މީހާއަށް އެކަށީގެންވާ އަޅާލުމާއި އެހީތެރިކަން ނުލިބޭނަމަ އެމީހުން ވަރަށް އަވަހަށް ޑިޕްރެޝަންގެ ތެރެއަށް ވެއްޓެެ އެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަފާތު ކެމްޕޭން ހިންގުމަށާއި ކޮމިއުނިޓީ ހައުސް ނުވަތަ ދުވަސްވީ މީހުން ބަލަހައްޓާ ގެ އެޅުމަށްވެސް ބޮޑެތި ހޭދަތަކެއް ކުރެ އެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ހޭދަތައް ވެސް އިތުރުވެގެން ދެ އެވެ.

މިހާރު ވެސް 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް 5،000 ރުފިޔާގެ އެލަވަންސެއް އަންނަނީ ދެމުން އެވެ. އަދި މިއަދަދު ބޮޑު ކުރަން ރައީސް ޔާމީން ވަނީ ރިޔާސީ ކެމްޕޭންގެ ތެރޭގައި ވައުދުވެ ވަޑައިގެންފަ އެވެ.