ހަބަރު

ޝަރީއަތް ދިގުލައިގެންދާ މީހުންގެ ބަންދަށް ލުއިދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ކޯޓުތަކުގައި ދައުވާ އުފުލި ޝަރީއަތް ދިގުލައިގެންދާ މީހުންނަށް ލުއިދެވޭ ގޮތަށް މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ކުރިން އެ ގަވައިދު އޮތް ގޮތުން ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން އިތުރު ދައުވާއެއް އުފުލި ކޯޓުތަކުގައި ޝަރީއަތް ކުރިއަށްދާ ގައިދީންނަށް އަދަބު ލުއިކޮށް ނުދެވޭނެ އެވެ. ނަމަވެސް މިއަދު އެ ގަވައިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ދައުވާއެއް އުފުލި ހުކުމް ނުކުރެވި އެއް އަހަރުވެފައިވާ ގައިދީންނަށް އަދަބު ލުއިކޮށްދެވިދާނެ އެވެ.

ނަމަވެސް އެއީ ބޮޑެތި ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލިފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އެއީ މީހުން މެރުމާއި ކުޑަކުދިންނާމެދު ބަދުއަހްލާގީ އަމަލު ހިންގުމާއި ޖިންސީ ކުށް އަދި މާރާމާރީ ފަދަ ކުށްތަކުގެ ދައުވާ އެވެ.

ޝަރީއަތް ދިގުލައިގެންދާ މީހުންގެ އަދަބު ވެސް ލުއިކޮށްދެވޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްފައިވާއިރު މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރާ ގައިދީންނަށް ވެސް މާފު ދެވޭ ގޮތަށް މިފަހުން ވަނީ ގަވައިދު އިސްލާހުކޮށްފަ އެވެ. އޭގެ ދަށުން ބައެއް މީހުންނަށް މާފުދޭން ނިންމައި ވަނީ ގެއަށް ވެސް ބަދަލުކޮށްފަ އެވެ.