ބޮލީވުޑް

ދީޕިކާއާއި ރަންވީރްގެ ކައިވެންޏަށް ފޯނު ވެއްދުން މަނާ!

މިހާރު އެންމެ އިންތިޒާރުކުރެވޭ ބޮލީވުޑް ޖޯޑެއްގެ ކައިވެންޏަކަށް ވާނީ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންހު ކައިވެންޏެވެ. އަންނަ ނޮވެމްބަރު މަހު 20 ގައި، އިޓަލީގައި ކައިވެނިކުރުމަށް ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ.

މިފަހުން ބޮލީވުޑްގެ ޖޯޑުން ކުރި ގިނަ ކައިވެނިތައް އެންމެ ފުރަތަމަ ބަލާލަން ލިބުނީ އެ ކައިވެނި ހަފްލާތަކުގައި ބައިވެރިވި މީހުންގެ ފޯނުން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުންނެވެ. އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީގެ ކައިވެނި އަދި ސޯނަމް ކަޕޫރް އަހޫޖާ އާއި އާނަންދު އަހޫޖާގެ ކައިވެނީގެ މަންޒަރުތައްވެސް އެންމެ ފުރަތަމަ ފެނުނީ މިފަދަ ގޮތަކަށެވެ.

ރިޕޯޓުތައް ބުނާގޮތުން މި ސަބަބުތަކަށްޓަކައި ދިޕިކާ އާއި ރަންވީރް އެ ދެމީހުންގެ ކައިވެންޏަށް މޯބައިލް ފޯނު ވެއްދުން ވަނީ މަނާކޮށްފަ އެވެ. އެ ދެމީހުން ބޭނުންވަނީ "ވަރަށް ޕްރައިވެޓް" ކައިވެންޏެއް ބާއްވަން ކަމަށްވެ އެވެ. ހަފްލާއަށް ދައުވަތު ދިން މީހުނަށް ވަނީ ފޯނު ނުގެނުމަށް އެދިފަ އެވެ.

ކައިވެންޏަށް ދައުވަތު ދިނީ 30 މީހުނަށް

ދީޕިކާ އާއި ރަންވީރް ބޭނުންވަނީ އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު ކުޑަ ކައިވެނީގެ ހަފްލާއެއް ބާއްވާށެވެ. ކައިވެންޏަށް ދައުވަތުދިނީވެސް ރިޕޯޓުތައް ބުނާގޮތުން އެންމެ 30 މީހުންނަށެވެ. މި ދެމީހުން ބާއްވަނީ ދީޕިކާ ނިސްބަތްވާ ދެކުނު އިންޑިއާގެ ސްޓައިލްގެ ކައިވެންޏެއް ކަމަށްވެސްވެ އެވެ.

ކައިވެނީގެ ހަފްލާ ކުޑަކޮށް ބޭއްވި ނަމަވެސް ކައިވެނީގެ ސައި ނުވަތަ ރިސެޕްޝަން ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ރާވަމުން އަންނަކަމަށް މައުލޫމާތު ލިބެ އެވެ. ރިސެޕްޝަން އޮންނާނީ އިންޑިއާގެ މުމްބާއީގަ އެވެ.