ހޮލީވުޑް

އޭޝިއާގެ ކާސްޓަކާއެކު ހޮލީވުޑްގެ ފުރަތަމަ ފިލްމު

ހޮލީވުޑްއަކީ ހަމައެކަނި ދޮން މީހުންގެ ތަނެކޭ ބުނާ ބުނުމަށް މިހާރު މިޔޮތް ނިމުން އަންނަނީ އެވެ. ނަސްލީ ތަފާތުކުރުންތައް ބޮޑު ހޮލީވުޑްގައި އޮތް މި ތަފާތުކުރުންތަކަށް ނިމުމެއް ގެނައުމަށް ބައެއް ފިލްމު އުފައްދާ ފަރާތްތަކުން ވަނީ ކަމަރު ބަނދެފަ އެވެ. މި ތަފާތުކުރުންތަކަށް އެންމެ ފުރަތަމަ ގޮންޖަހާލި ފިލްމަކަށްވީ މިދިޔަ ޖެނުއަރީގައި ރިލީޒްކުރި މާވެލްގެ ފިލްމު "ބްލެކް ޕެންތާ" އެވެ. އެ ފިލްމަކީ ކަޅު ނަސްލުގެ ބޮޑު ކާސްޓަކާއެކު ތައްޔާރުކުރި ފުރަތަމަ ހޮލީވުޑްގެ ފިލްމެވެ.

އަނެއްކާވެސް މި އޮތީ ހަމަ އެކަހަލަ ފިލްމެކެވެ. ނަމަކީ "ކްރޭޒީ ރިޗް އޭޝިއަންސް" އެވެ. ހުސް އޭޝިއާގެ ނަސްލަށް ނިސްބަތްވާ އެކްޓަރުންގެ ކާސްޓަކާއެކު އުފެއްދި ފުރަތަމަ ހޮލީވުޑްގެ ފިލްމެވެ. މިދިޔަ ބުދަ ދުވަހު ރިލީޒްކުރި މި ފިލްމަކީ އޭޝިއާ މީހުންގެ ސަގާފަތް ފެންނަ ގޮތަށް ގެނެސްދިންވެސް ފުރަތަމަ ހޮލީވުޑްގެ ފިލްމެވެ.

ރޮމޭންޓިކް ކޮމެޑީ މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ ކޮންސްޓެންސް ވޫ، މިޝޭލް ޔޯ، އައުކަފީނާ އަދި އަލަށް ތައާރަފުވާ ހެންރީ ގޯލްޑިން އެވެ. ކޮންސްޓެންސްއަކީ އެމެރިކަން ޓީވީ ސީރީޒް "ފްރެޝް އޮފް ދި ބޯޓް" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓްރެސެކެވެ.

އޭޝިއާގެ ސަގާފަތް ދައްކުވައިދޭން ބޮޑު މަސައްކަތެއް

އެމެރިކާގައި ދިރިއުޅެމުން އަންނަ އޭޝިއާ ނަސްލުގެ އަންހެން ކުއްޖަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ސިންގަޕޫރްގެ ފިރިހެން ކުއްޖެއްގެ އާއިލާ އާއި ބައްދަލުކުރުމަށް ސިންގަޕޫރްއަށް ދިއުމުން ދިމާވާ ކަންތައްތަކެއް މި ފިލްމުގައި ގެނެސްދެ އެވެ. އެ ފިރިހެން ކުއްޖާގެ އާއިލާއަކީ ސިންގަޕޫރްގެ އެންމެ މުއްސަނދި އާއިލާތަކުގެ ތެރޭގައި ހިމެނޭ އާއިލާއެއްކަން މި އަންހެން ކުއްޖާއަށް އިނގެނީ އެ ގައުމަށް ދާފަހުންނެވެ.

ހުޅަނގާއި އޭޝިއާގެ ސަގާފަތް އެކުވުމުން، އެމީހުނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ސިންގަޕޫރްގައި ދިރިއުޅެމުން އަންނަ ޗައިނާއަށް ނިސްބަތްވާ މުއްސަނދި އާއިލާތަކުގެ ވާހަކަތައް މި ފިލްމުގައި ގެނެސްދޭނެ އެވެ. ސިންގަޕޫރްގައި ޝޫޓުކޮށްފައިވާ މި ފިލްމުގައި އެ ގައުމުގެ ހިތްގައިމު ރީތި މަންޒަރުތައްވެސް ހިމަނާފައިވެ އެވެ.

މި ފިލްމުގެ ކާސްޓު ހިމަނާފައިވާ ތަރިންނަކީވެސް ތައިވާން، އިނގެރޭސިވިލާތް، ޗައިނާ، މެލޭޝިއާ، ފިލިޕިންސް، އެމެރިކާ، އޮސްޓްރޭލިއާ އަދި ސިންގަޕޫރްފަދަ ގައުމުތަކުގައި ދިރިއުޅެމުން އަންނަ އޭޝިއާ ނަސްލުގެ އެކްޓަރުންނެވެ.