ހަބަރު

ޅޮހިން މަހަށް ނިކުތް ޒުވާނަކު ހަބަރެއް ނުވެގެން ހޯދަނީ

Aug 16, 2018
3

ނ. ޅޮހިން ދޯންޏެއްގައި މަހަށް ނިކުތް ޒުވާނެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 2:00 ހާއިރު ކަމަށާއި އެމައުލޫމާތު ލިބިމާއެކު އެ ޒުވާނާ އާއި ދޯނި ހޯދުމުގެ މަސައްކަތް ފަށާފަވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ. ދޯނީގައި ދަތުރުކުރަމުން ދިޔައީ، ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ކަމަށެވެ. އަދި އެމީހާ ރޭ 10:30 ހާއިރު ޅޮހިން ފުރި ފަހުން އެދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އޭރު ދޯނި އޮތީ އެއަތޮޅު މަނަދޫ އާއި ޅޮއްސާ ދެމެދުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެމީހާ ހޯދުމަށް ވައިގެން މަގުން ސީޕްލޭން މެދުވެރިކޮށް ސްޕެޝަލް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެ ދޯންޏަކީ 15 ފޫޓް ދިގު އަދި ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ ދޯންޏެއް ކަމަށާއި އެ ދޯންޏަކީ ހަ ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.