ދުނިޔެ

ކެރެލާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި

Aug 16, 2018

ކެރެލާ (އޯގަސްޓް 15) - އިންޑިއާގެ ކެރެލާ ސްޓޭޓުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެތަކާއި އިމާރާތްތަކާއި ބްރިޖުތައް ވެއްޓި، މިހާތަނަށް މަރުވި މީހުންގެ އަދަދު 67 އަރާފައިވާކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑިއާގެ ދެކުނުން އޮންނަ ކެރެލާގައި 33 މިލިއަން މީހުން ދިރިއުޅޭއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހެމުން ދާތީ، އެ ސްޓޭޓުގެ ގިނަ ސަރަހައްދުތަކުގައި ވަނީ އެލާޓު ނެރެފަ އެވެ.

މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ ކޭމްޕުތަކުން ހިމާޔަތް ހޯދާފައިވާކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާރު ވެސް އެތަކެއް ހާސް އޭކަރުގެ ދަނޑުތައް ވެސް ހަލާކުވެފައިވާ ކަމަށް އެ ސަރަހައްދުގެ ޑިޒާސްޓާ މެނޭޖްމަންޓު ޑިޕާޓްމަންޓުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ އެ ސަރަހައްދުގެ މަސްވެރިން ވެސް ކަނޑަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.