(14 އޯގަސްޓް 2018 އާ ގުޅޭ) -- "ސޮރީ އިނގޭ، އަސްލު ޓްރަސްޓު ނުކުރާތީއެއްނޫން، ނިމްގެ ހަޤީޤަތް އަހަންނަށް ވެސް އެނގުނީ އަދިކިރިޔާ، އަހަރެން ނިމްގެ މަޢުލޫމާތު މިގޮތަކަށް ނުހޯދަން، އޭނާގެ ޕްރައިވެސީއަށް އަރައިގަންނާކަށް ބޭނުމެއްނޫން، އެކަމަކު އޭނާއާ މެދު ކަންތައްވީގޮތް އެނގުނީ މިޢުވާނުގެ މަޢުލޫމާތު ހޯދުމުގައި، އަރްސަލް ބުނެބަލަ... އަހަރެން އޭނާ ބަނގުރޫޓުކޮށްލަންވީތަ؟ އޭނާ މިވަގުތު ހުރީ ފައިސާއަށް ބޭނުންވެފައި... އަބަދުވެސް ފައިސާއަށް އޭނާ ދަހިވެތިވޭ، މީހުންގެ އަތުން ނުހައްޤުން އެތައް ފައިސާއެއް އޭނާ ވަނީ ލޫޓުވާލައިފައި، އަރްސަލްއާ ހަމައަށް ނިމްރާ އަންނަން ޖެހުނީ ކީއްވެކަން އަހަންނަށް އެނގިއްޖެ، ހިތާމަވެރި ހާދިސާއެއް، އެކަމަކު ނިމްގެ ނަސީބޭ އަހަރެން ހިތަށް އަރަނީ އަރްސަލްއާ ބައްދަލުވުމަކީ، އަރްސަލްގެ ފަރާތުން އަހަންނާ އެކުއްޖާއާ ދެވަނަ ފަހަރަށް ބައްދަލުވީ، މީ ވަރަށް ބޮޑު އިއްތިފާގެއް، ކޮންމެގޮތެއްވިޔަސް މިޢުވާނުގެ ސަބަބުން ތި ދެ މީހުންގެ ދިރިއުޅުން ގެއްލުނީ، އަހަރެންގެ އަތުގައި ހެކި އެބަހުރި، އެކަމަކު އެއީ ކޯޓެއްގައި ބޭނުންކުރެވޭނޭވަރު ހެއްކަކަށް ނުފުދޭ... އަރްސަލް، މި ވީޑިއޯ ބަލާބަލަ، މީ ނިމްގެ ލާރިގަނޑުގައި އޭނާ ބެންކޮކަށާއި ޔޫރަޕަށް ކޮށްފައިހުރި ދަތުރުތަކުގައި އޭނާއާއެކު ދިޔަ ބައިވެރިޔާ، މީނާގެ އަތުން އެއްލަކަ ރުފިޔާގެ ލޯނެއް ނަގުވާފައި އޭނާއާ މިޢުވާނު ރުޅިވީ، މީ އޭނާއަށް ނޭނގި ނަގާފައި ހުރި ވީޑިއޯއެއް" ޒިވަން ހުޅުވާފައި ހުރި ލެޕްޓޮޕް އަރްސަލްއާ ދިމާއަށް އަނބުރާލިއެވެ.
ލެޕްޓޮޕްގައި ހިފާ ކައިރިކޮށްލަމުން އަރްސަލް އޭގައިވި ވީޑިއޯ ޕްލޭކޮށްލިއެވެ. އަންހެންކުއްޖަކާ ދެމެދު ދެކެވެމުންދިޔަ ވާހަކައެކެވެ. މީގެ ކުރީން އަރްސަލް ދުށް އަންހެންކުއްޖެއްނޫނެވެ. އެ އަންހެންކުއްޖާ ވާހަކަދައްކަނީ ކާކާކަން ވީޑިއޯއިން ނުފެނުނު ނަމަވެސް އެ ޒުވާނާގެ އަޑުން އެއީ ޒިވަން ނޫންކަން އަރްސަލްއަށް ޔަގީންވިއެވެ.
"އެ އަންހެންކުއްޖާ ހުރީ ވަރަށް ޑެސްޕަރޭޓްވެފައި ހުރިހެން، އަހަންނާއި މިޢުވާނު ހުޅުމާލޭގައި ހުންނަ ގެސްޓު ހައުސްގެ އޮފީހުން އެރޭ ނުކުތްއިރު އެ އަންހެންކުއްޖާ އިނީ އޮފީސް ބޭރުގައި އޭނާގެ ސައިކަލުގައި އައިސް، އޭނާ ބުނި ގޮތުން މިޢުވާނަށް ލިބިގެން އުޅޭ މުއްސަނދިކަމަކީ އެ އަންހެންކުއްޖާގެ ފަރާތުން ލިބިގެންއުޅޭ މުއްސަނދިކަމެއް، އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ... ކީހާ ވަރެކޭތަ ބުނީ... އާން! ހަނދާންވެއްޖެ... ސިކްސް މަންތް ވެދާނޭ ބުނީ، އެ އަންހެންކުއްޖާއާ ރުޅިވީމަ ވެސް ފަހަތުން ދުވަނީކަމަށް މިޢުވާނު އަހަރެން ގާތުގައި ބުނީ، އޭނާ ބުނީ ފައިސާ ބޭނުންވެގެން އުޅޭ އަންހެންކުއްޖެކޭ އެއީ... އޭނާގެ ކިބައިން ސަލާމަތްނުވެގެންނޭ މިއުޅެނީ... އަހަންނަށް ވެސް އޭރު ޤަބޫލުކުރެވުނީ އޭނާ ދެއްކި ހުރިހާ ވާހަކައެއް، އެ އަންހެންކުއްޖާ އެރޭ ވަރަށް ރުއި، އަހަންނަށް ވެސް އެހާ މުހިންމެއްނުވި އޭރުގަ އެ އަންހެންކުއްޖާ ދައްކާ ވާހަކަތަކުގެ ހަޤީޤަތް ހޯދާކަށް، އަހަރެން ވެސް މިޢުވާނާ ރައްޓެހިވީ އޭނާދެކެ ލޯބިވެގެން، އަހަރެމެން ދެ މީހުން ރައްޓެހިވެގެން އުޅޭތާ އޭރު ވެސް ތްރީމަންތްސް ވެއްޖެ، އަހަރެން ހީކުރީ އެ އަންހެންކުއްޖާ ދޮގު ހަދަނީއޭ، އަހަންނާއި މިޢުވާނު ރައްޓެހިވެގެން އުޅެނިކޮށް ކިހިނެއް އެ ދެ މީހުން ރައްޓެހިވިތާ ހަމަސްވާނީ" ވީޑިއޯއިން ފެންނަމުން ދިޔަ އަންހެންކުއްޖާ ކިޔައިދިނެވެ.
"ދެން އެރޭ މިޢުވާނު އެއަންހެންކުއްޖާއަށް ކިހިނެއް ހެދީ" ފިރިހެންމީހާގެ އަޑު ވީޑިއޯއިން އިވުނެވެ. އެއާއެކު އަނެއްކާ ވެސް އަންހެންކުއްޖާ ވާހަކަދައްކަން ފެށިއެވެ.
"މިޢުވާނު އެ އަންހެންކުއްޖާ ގޮވައިގެން ވަނީ ގެސްޓްހައުސް ތެރެއަށް، އަހަންނަށް މެސެޖުކޮށްފައި ބުނީ އެ އަންހެންކުއްޖާއަށް ފައިސާކޮޅެއް ދީފައި ފޮނުވާލާނީއޭ، އެކަމަކު ބިރުދައްކާލާފައި ދެން އޭނާ ނާންނަވަރު ކުރާނަމޭ، އެހެންކިޔާފައި އޭނާ އެހީ އަހަރެން ގާތު އޭނާދެކެ ކިހާ ވަރަކަށް ލޯބިވޭތޯ، އޭނާ ބުނާ ކޮންމެކަމެއް ކުރަންކެރޭވަރަށް ލޯބިވޭތޯ، އަހަރެން އާނއެކޭ ބުނުމުން އެދުނީ އެ އަންހެންކުއްޖާ އައި ސައިކަލުގެ ބުރެކި ނަރު އުފުރާލަން، މިޢުވާނު ކިޔައިދިން ގޮތަށް އެ އަންހެންކުއްޖާ ނުކުންނަންވާއިރަށް އަހަރެން ކަންތައްކުރީ، މިޢުވާނާއެކު އެ އަންހެންކުއްޖާ ނުކުތުމުން އަހަރެން ބޭނުންވީ އަވަހަށް ދާން، އަހަންނަށް ވެސް އެނގޭ ކުރެވުނީ ކޮށްގެން ނުވާނޭކަމެއްކަން، ބިރުގަނެފައި ހުރީ، އެކަމަކު މިޢުވާނު ބުނީތީ ކުރެވުނީ، އެއްވެސް ވިސްނުމެއްނެތި، މިޢުވާނު އެ އަންހެންކުއްޖާއަށް އެއްޗެހި ކިޔާފައި އަހަރެން ގޮވައިގެން އައިސް ސައިކަލަށް އަރާ ނައްޓާލީ، އޭރު އެ އަންހެންކުއްޖާ އެތަނުގައި ހުރީ... މިހާރު އެނގޭ އެ އަންހެންކުއްޖާ ހުރީ ގޮތްހުސްވެފައި ހުރި މީހަކު ފަދައިންކަން، އޭނާގެ މޫނުމަތިން ހިތްދަތިކަން ސިއްރެއްނުވޭ... އޭގެ ފަހުން އެ އަންހެންކުއްޖާއެއް އަހަރެން ނުދެކެން، މިޢުވާނު އަހަންނަށް ވެސް އޮޅުވާލާފައި އަހަރެން ދޫކޮށްލީ، އަހަރެންގެ ބޮލުގައި އެއްލައްކަ ރުފިޔާގެ ބޮޑު ލޯނެއް އަޅުވައިފައި، ވަރަށް ފަހުން އަހަރެން ދުށީން ޚަބަރުން މިޢުވާނާ އޭރު ބައްދަލުކުރަން އައި އަންހެންކުއްޖާ، އެކުއްޖާ ދުނިޔޭގައި ހުރީތީ އަހަރެން ޝުކުރުކުރީން، އަހަންނަށް ހެދުނު ގޯހުގެ ސަބަބުން އެ އަންހެންކުއްޖާއަށް ލިބުނު ގެއްލުން ފޫނުބެއްދޭހާ ބޮޑުވެދާނޭތީ އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައި، އޭނާ އައީ ސައިކަލުގައި ކަމަށްވާއިރު އެ ސައިކަލަށް އަރައިގެންކަން އެނބުރި ދާނީ އަހަންނަށް ވެސް އެނގޭ... މިޢުވާނުގެ ގަސްދު އޭރު ނުވިސްނުނީ... އޭނާ ޖެހިލުމެއްނުވާނެ މީހެއްގެ ފުރާނަ ދިޔަޔަސް، ހަޤީޤަތުގައި ގޯހީ އަހަރެން... އޭނާ އެކަން ކުރުވީ އަހަރެންލައްވާ، އޭނާގެ މަކަރުވެރިކަމުގައި އަހަރެންގެ މައްޗަށް މަޖުބޫރުކުރުވުމެއްނެތި، އަހަންނަށް ފާޅުގައި އެ ވާހަކަތައް މީހެއް ގާތުގައި ދައްކަން ނުކެރުނީ އެހެންވެ، ކުށްވެރިވިޔަސް ވާނީ އަހަރެންވީމަ، އެކަމަކު މިޢުވާނު ކަހަލަ ފިރިހެނެއްގެ މަކަރުވެރިކަމުން ސަލާމަތްވެވުނީތީ ނަސީބެކޭ ހިތަށްއަރާ، އަހަރެން ބޭނުމެއްނޫން އޭނާއާ ގުޅުން ހުރި އެއްވެސް ކަމެއްގެ ތެރެއަށް އަލުން ވަންނާކަށް، އެ އަންހެންކުއްޖާއަށް ޓަކައި ހަޤީޤަތް މިކިޔައިދިނީ، އޭނާގެ ވެސް ނަސީބު އެއީ މިޢުވާނުއާ ދުރަށް ދެވުނުކަން... އޭނާ ގާތު ބުނެދެއްޗޭ، އަހަންނަކަށް ނުކުރޭނެ އޭނާގެ ކުރިމައްޗަށް އަރާފައި މިވާހަކަތައް ކިޔައިދޭކަށް، އެކަމަކު އަހަންނަށް މަޢާފުކޮށްދޭށޭ އޭނާ ގާތު ބުނައްޗޭ" އަންހެންކުއްޖާ އިސްޖަހާލައިގެން ހުރެ ވާހަކަދައްކާ ނިންމާލިއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ވާހަކަތައް ކިޔައިދިނީމަ، އެކަމަކު ނޭނގި އޮތްކަމެއް ބުނެދީފާނަން، އެރޭ ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގި، މާބަނޑު އަންހެނެއްގެ ފުރާނަ ކުށެއްނެތް އަންހެންކުއްޖެއްގެ އަތުން ގެއްލިގެންދިޔައީ... ހަޤީޤަތް އެނގުމުން ވެސް ގެއްލިގެންދިޔަ ފުރާނައެއް އަނބުރާނުލިބޭނެ... އެހެންވިޔަސް ތި މެސެޖު އަހަރެން ރައްދުކޮށްދޭނަން" ވީޑިއޯ ކުރަމުންދިޔަ ޒުވާނާ ނުފެނި އޭނާގެ އަޑު އިވުނެވެ. އޭނާގެ ކުރިމަތީގައި ހުރި އަންހެންކުއްޖާގެ މޫނުން ފާޅުވެގެންދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ބިރުވެރިކަމެވެ. ހަމައެހިނދު އެ ދެ ލޮލުން ކަރުނަ ފާޅުވިއެވެ. ވީޑިއޯ ނިމުނީ އެ އަންހެންކުއްޖާއާ ދުރަށް ވީޑިއޯ ކުރަމުންދިޔަ ޒުވާނާ ހިނގައިގަތް ފަހުންނެވެ.
"އަރްސަލް" ވީޑިއޯ ނިމުމުން ވެސް އަރްސަލް ގަބުވެފައި އިންތަން ފެނިގެން ޒިވަން ގޮވާލިއެވެ. އެ އަޑު އަރްސަލްއަށް ނީވުނީތީ ދެވަނަ ފަހަރަށް ޒިވަން ގޮވާލައިފިއެވެ. އަދި ގޮނޑިން ތެދުވެގެން އައިސް އަރްސަލްގެ ކޮނޑުގައި އެއްއަތް ބާއްވާލިއެވެ. އެހިނދު ފުންނޭވާއެއް އަރްސަލް ލިއެވެ. އަދި މޫނުގައި ދެއަތްތިލަ ހާކާލުމާއެކު އިސްތަށިގަނޑު ތެރޭ ހިންގާލި ދެއަތްތިލަ އަޅުވާލީ ފުއްކިބައިގައެވެ. ހަށިގަނޑުގެ ވަރު ގޮނޑިއަށް ދޫކޮށްލަމުން އަރްސަލް ދެ ފަރާތަށް ބޯހޫރުވާލިއެވެ.
"އެތަށް ފަހަރަކު އަހަރެންގެ ގާތުން މަޢާފަށް އެދުނު... ގަސްދުގައި ހިނގައިދިޔަ ކަމެއްނޫންކަން އަހަންނަށް ވިސްނައިދޭން މަސައްކަތްކުރި، ސައިކަލުގެ ބުރެކި ހުރީ ކަނޑާލާފައިކަމަށް ފުލުހުން ވެސް ބުނީ... ޝީ އިޒް އިނެސެންޓް، އަހަރެންގެ ހިތް ކުރީން ވެސް ބުނި އޭނާގެ ކުށެއްނެތޭ، މީ ތަޤުދީރުގެ ރޭވުންކަމަށް، ނަމަވެސް އޭރު ޤަބޫލުކުރަން ބޭނުންނުވީ، އަހަރެންގެ ގާތަށް ގެނައީ އޭނާ ހަމަޖެހިގެން އުޅުނަނުދޭންވެގެން، އެކަމަކު މިހާރު، އޭނާއަށްވުރެ ބޮޑަށް އަހަރެންގެ ހިތް އެދޭ އަންހެނަކުނެތް، ޝީ އިޒް މައި އެވްރިތިންގް، އާފްޓަރ އޯލް ދި ޓެރިބަލް ތިންގްސް އައި ހޭވް ސެޑް ޓު ހާ، މިހާރު އަހަރެން ބޭނުންވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އެ އަންހެންކުއްޖާއަށް ހޯދައިދޭން" ފުއްކިބައިގައި އަޅުވާލާފައި އޮތް ދެއަތް ނައްޓާލައި ވައަތްތިލައިން ނިތްކުރީގައި އަރްސަލް ހިފަހައްޓާލިއެވެ.
"ވީ ޑޯންޓް ނޯ ވަޓް ދި ފިއުޗާ ހޯލްޑްސް ފޯ އަސް، އޯލް އައި ނޯ އިޒް، ޔޫ ޓޫ އާ ޑެސްޓިންޑް ޓު ބީ ޓުގެދާ، ހޯޕް ފޯ ދި ބެސްޓް، ޝީ އިޒް އަ ގްރޭޓް ގާލް، ޔޫ އާ އަ ލަކީ މޭން" އަރްސަލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ޒިވަން ބުނެލިއެވެ.
"ޔެސް... ޔޫ އާ ރައިޓް ޒޭވިއާ، އައި ޑޫ ފީލް ލަކީ ޓު ހޭވް ހާ އިން މައި ލައިފް، ދެ މީހުން ބައްދަލުވީ ކިތަންމެ ފަހުން ވިޔަސް އުމުރުގެ ބާކީ އޮތް ބައި ހޭދަކުރަން ބޭނުންވަނީ އޭނާއާއެކު، ދެން ދުވަހަކުވެސް ދުލެއްނުކޮށްލާނަން" ބޯޖަހާލަމުން އަރްސަލް ހިނިތުންވެލިއެވެ.
"ރާދު ގާތު ނުބުނާނަންތަ؟" އިރުކޮޅަކު ހިމޭނުން ދެ ޒުވާނުން ތިބެފައި ކުރީން ވާހަކަދެއްކީ ޒިވަންއެވެ.
"އޭނާއަށް އަހަރެން މި ގުޅަނީ، ތެދަށް ބުނަންޏާ އެ މިޢުވާނުގެ ވަސް ވެސް ފޮހެލަން އަހަރެން ބޭނުންވަނީ، އެކަމަކު އަހަންނަށް އެނގޭ އެ ވިސްނުން ރަނގަޅެއްނޫންކަން، ރާދުއާ މަޝްވަރާކޮށްފައި ގޮތެއް ނިންމަމާ" އަރްސަލް ބުނެލިއެވެ. އަދި އޭނާ ފޯނު ނަގައި ރާދިންގެ ނަންބަރަށް ޑައިލް ކުރިއެވެ.
* * * * *
ފޯނުގެ އިސްކުރީނަށް ބަލަހައްޓައިގެން އިނުން ނޫންކަމެއް ނިމްރާއަށް ނުކުރެވުނެވެ. އަރްސަލްއާއި ކީފާ އެކުގައި ތިއްބާ ނަގާފައި ހުރި ފޮޓޯތައް ބެލުނު އަދަދު ވެސް ނިމްރާއަކަށް ނޭނގެއެވެ. ހިތަށް އުނދަގޫވެގެން އަރްސަލްގެ އަޑު އަހާލަން ގުޅުމުން ވެސް އަރްސަލް ފޯނުކޯލު ބިޒީކޮށްލުމުން އެކަމާ ވެސް ނިމްރާ އިނީ ސުވާލު އުފެދިފައެވެ. ސޯފާގެ އަތްގަނޑުގައި ބުރަކަށި ޖައްސާލައިގެން ދެފައި ކުރުކޮށްލައި އުނގުގައި އޮތް ދެއަތުގެ ތެރޭ ފޯނު ހިފަހައްޓާލައިގެން ބުދެއްހެން ހުއްޓުން އަރާފައި ނިމްރާ އިނީއެވެ.
"އަހަންވީތަ؟ ނޫން!، އެ ދެ މީހުންނަކީ ކުރީގެ ރައްޓެހިން، ކީފާގެ ނިޔަތް ގޯސް ވިޔަސް އަރްސަލް އެހެނެއްނުވާނެ، ސުވާލުކޮށްފިއްޔާ ހީވެދާނެ އަހަރެން ޝައްކުކުރަނިއްޔޭ، އަރްސަލް ފޫހިވާކަށް ބޭނުމެއްނޫން، އަހަރެމެން ދެ މީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް އަދި ނުޖެހޭ، އެހެންވީމަ މައްސަލައެއް އުފެދޭނޭވަރުގެ ކަމެއް ކުރަންވީ ކީއްކުރަން، އެ ފޮޓޯތައް ފޮނުވި މީހެއްގެ ބޭނުމަކީ އެ ކަމަށް ވެދާނެ.... އެހެންވާކަށް އަހަރެން ފުރުޞަތެއް ނުދޭނަން" ނިމްރާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ވިސްނުން ރަނގަޅު މިސްރާބަކަށް ގެންދަން ނިމްރާ ބޭނުންވިޔަސް އޭނާގެ ސިކުނޑި ކޮންމެ ނިންމުމަކާ މެދު ސުވާލު އުފައްދައެވެ. ބައެއް ސުވާލުތަކަށް އަމިއްލަ ޟަމީރު ވެސް އެއްބަސްވެއެވެ. އަރްސަލްއާ މެދު މިފަދަ ގޮތަކަށް މީގެ ކުރީން ސުވާލެއް ނުއުފެދެއެވެ. އެފަދަ ފުރުޞަތެއް އަރްސަލް ނުވެސް ދެއެވެ. އެއަށްވުރެ އެ ދެމެދުގައި އޮތް އިތުބާރާއި ޔަގީންކަން ބޮޑެވެ. އެހެންވިޔަސް ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ބަލިކަށިވާ ގޮތްވެއްޖެއެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވުނުކަން އެނގުމުން ނިމްރާ އަވަސް އަވަހަށް ފޯނުގައިވި ފޮޓޯތައް ފޮރުވާލައި އިސްކުރީނު ނިއްވާލައިފިއެވެ. މީހާ ހަމައަކަށް އެޅިލުމުގެ ނިޔަތުގައި އިސްތަށިގަނޑުގައި އަތްފުނާ އަޅާލައި ރީތިކޮށްލިއެވެ. އޭރު ސޯފާ ކައިރިއަށް އަރްސަލް އަތުވެއްޖެއެވެ. ޖީންސުގެ ޖީބަށް ދެއަތްތިލަ ކޮއްޕާލައިގެން ނިމްރާއަށް ނަޒަރު ހުއްޓާލައިގެން އަރްސަލް މަޑުކޮށްލިއެވެ.
"ކިހިނެއްވީ؟" އަރްސަލް ބަލަން ހުންނަތާ ގިނައިރުވުމުން ނިމްރާ އަހާލިއެވެ. އެއާއެކު އަރްސަލް ހިނިތުންވެލިއެވެ. އަދި ކުރިޔަށް ފިޔަވަޅު އަޅާލައި ނިމްރާގެ ގާތުގައި ސޯފާގައި އިށީނދެ އޭނާ ގެނެސް އަރްސަލްގެ އަތުގެތެރެއަށް ލައިފިއެވެ.
"އައި މިސްޑް ޔޫ" ނިމްރާގެ ކޯތާފަތުގައި ބޮސްދެމުން އަރްސަލް ބުނެލިއެވެ. ނިމްރާ ހިނިތުންވުމެއް ދިނުމާއެކު ވަކިން ބޮޑަށް އަރްސަލްގެ އަތުގެތެރޭ ބޮނޑިވެލިއެވެ. އޭނާގެ އެ ހަރަކާތުން އަރްސަލް ގާތަށް ހިނިއައެވެ.
އަރްސަލް ބަސްމަދުވެފައި އިންނަކަން ނިމްރާއަށް ފާހަގަވީ ދެނެވެ. އެއަތުގެތެރެއިން ނިމްރާ ދުރަށް ޖެހޭކަށް އަރްސަލް ފުރުޞަތެއް ނުދިނެވެ. އޭނާއަށް ކޮންމެވެސް ކަމެއްވެއްޖެހެން ނިމްރާއަށް ހީވިއެވެ. އެއާއެކު ފުރަތަމަ ވެސް ސިކުނޑިއަށް އައީ ކީފާގެ ޚިޔާލެވެ. ނޭނގޭ ބާރުމިނެއްގައި ނިމްރާގެ ހިތް ތެޅިގަތެވެ. އަރްސަލް ބަހެއް ނުބުނެ އިނެއްކަމަކު ދޭތެރެއަކުން ނިމްރާގެ މޫނުގައި ނޫނީ އަރްސަލްގެ އަތުގެ އިނގިލިތަކާއި މަހާލެވިފައިވާ ވައަތްތިލަ ހިއްލާލާ އަތްތިލައިގައި ބޮސްދެއެވެ.
"ކަމެއްވީތަ؟ އަރްސަލް ނުބުނަންޏާ އަހަންނަކަށް ނޭނގޭނެ" އަރްސަލްގެ ނިތްކުރީގައި ނިތް ޖައްސާލައިގެން އިނދެ ނިމްރާ އަހާލިއެވެ. އެއާއެކު އަރްސަލް ބޯހޫރުވާލީ އެ އިންގޮތަށް އިނދެއެވެ.
"އަހަރެން ގުޅިން" ނިމްރާ ގުޅިކަން އަރްސަލް ފާހަގަ ނުކުރުމުން އެކަން ހަނދާންކޮށްދޭން މަސައްކަތްކުރިއެވެ.
"މުހިންމު ވާހަކައެއް ދައްކަން އިނީ އެވަގުތު" އަރްސަލްގެ މޫނުން ފާޅުވި އަސަރުތަކުން އޭނާ އެ ވާހަކަ ދައްކަން ބޭނުންނުވާކަން ނިމްރާއަށް ސާފުވިއެވެ. އަދި ނިމްރާގެ ތުންފަތް އަރްސަލް ޤައިދުކޮށްލީ އޭނާ އިތުރު ސުވާލެއްކޮށްފާނޭތީއޭ ނިމްރާއަށް ހީވިއެވެ.
"އައި ހޭވް ޓު ގޯ" ނިމްރާގެ މޫނާ ދުރަށް ޖެހިލައި އަރްސަލް ބުނެލިއެވެ. އެއްވެސް އެއްޗެއް މިފަހަރު ނިމްރާއަކަށް ނުބުނެވުނެވެ. އަރްސަލްގެ ލޮލަށް ބަލަހައްޓައިގެން އިނީ އެ ދެ ލޮލުން ހުރިހާ ވަހުމެއް ފިލުވައިދީފާނޭ ހީވެގެން ކަހަލައެވެ. އަރްސަލް ލޯތްބާއެކު ކާނާތު އިނގިލިތަކުގެ ނުފުށުން ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ. އަދި ހިފެހެއްޓުމެއްނެތި ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ބައި އެއްފަރާތްކޮށްލައި ހިނިތުންވެލިއެވެ.
"ބައްޕަ ގުޅި... މިރޭ ނާދެވޭނެ، އަހަރެން ފަހުން ގުޅާނަން އިނގޭ" އަރްސަލް ބުނެލިއެވެ. ނިމްރާ ހަމައެކަނި ބޯޖަހާލީއެވެ.
އަރްސަލް ނުކުމެގެން ދިއުމުން ނިމްރާ ވެސް އައީ އޭނާގެ ކޮޓަރިއަށެވެ. އެރޭ ކާހިތެއް ވެސް އޭނާ ނެތެވެ. ބޭނުންވީ ނިދާލާށެވެ. ހޭލެވޭއިރު ސިކުނޑިއަށް ލުއިކަމެއް ލިބޭނޭކަމުގެ އުންމީދުގައެވެ.
* * * * *
ހަފްތާ ބަންދަށްފަހު މަސައްކަތައް ރަސްމީކޮށް އެންމެން އެނބުރި އައެވެ. ބިލާލުގެ އެދުމަށް އަރްސަލްއާއި ރާދިން އޭނާގެ އޮފީސް ހުންނަ އިމާރާތައް ދިޔައެވެ. ބިލާލުގެ މަސައްކަތްތައް އޭނާ ޚިއްޞާކުރިއެވެ. މުސްޠަޤްބަލުގައި އޭނާގެ މަސައްކަތް ބަލަހައްޓައި ކުންފުންޏާ ހަވާލުވާން ތިބީ އަރްސަލްއާއި ރާދިންކަން ބިލާލު ހާމަކުރިއެވެ. އެއީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ. އަރްސަލްއާއި ރާދިން އެ ވިސްނުމާ ދެކޮޅެއް ނުހަދައެވެ. އެކަމަކު ދެ ޒުވާނުން ވެސް އެއްބަސްވީ ބިލާލުއާއި މުއްޠަލިބަށް ނުވާ ހިސާބަށް ގޮސްފިނަމަ އެ ކުދީން އެ ވިޔަފާރީގެ ތެރެއަށް ވަންނާނަން ކަމުގައެވެ. އެގޮތް ބިލާލުއާއި މުއްޠަލިބަށް ކަމަކުނުދިޔައެވެ. ގައިބާރުދެރަވެ ކަމެއް ނުކުރެވޭ ހިސާބަށް ދިއުމުގެ ކުރީން ދެ މީހުން ވެސް ބޭނުންވަނީ އެ ކުންފުނި ހަވާލުކުރާށެވެ.
އޮފީހުން އަރްސަލް ނުފެންނާތީ ނިމްރާ އޭނާއަށް ގުޅަން އުޅެފައި ވެސް ނުގުޅިއެވެ. ފޯނުކުރާތަނުން އަރްސަލް އެ ކޯލު ބިޒީކޮށްލައިފައި ފާޑުފާޑުގެ އެއްޗެހި ހިތަށް އަރަންފަށާނޭކަން ނިމްރާގެ ހިތް ބުނީމައެވެ. މަސައްކަތުގައި އުޅެނިކޮށް އަރްސަލްގެ މެސެޖު ލިބުނީ މެންދުރުފަސްވި ފަހުންނެވެ. މެސެޖު ހުޅުވާލަންވާއިރަށް އަނެއްކާ އަނެއް މެސެޖު އަތުވެއްޖެއެވެ.
"މި ހުރީ އެލެވޭޓާ ކައިރީ، އާދެބަލަ" އަރްސަލް ފުރަތަމަ ކުރި މެސެޖުގައިވިއެވެ. ދެން ހުރި މެސެޖުތަކުގައި އަރްސަލްގެ ބޭނުން ބުނެފައި އޮތެވެ. ދެ ޚިޔާލެއްގައި ހުއްޓާ އަނެއްކާ އަރްސަލް މެސެޖުކޮށްފިއެވެ.
"ކެބިންއަށް ގޮސް ގޮވައިގެން އަންނަންވީތަ؟" އަރްސަލްގެ މެސެޖު ކިޔާލުމާއެކު ނިމްރާ ގޮނޑިން ތެދުވިއެވެ.
"އީވާ! މުހިންމު ކަމެއް ޖެހިއްޖެއްތާ އަހަންނަށް ޓެކްސްޓްކޮށްލާ އިނގޭ، ފަހަރެއްގައި ދެން ނާދެވިދާނެ، ފަހެއް ޖެހީމަ އަހަރެން ނެތަސް އީވާ ދޭ އިނގޭ" ނިމްރާ އަތްދަބަސް ހިފައިގެން ކެބިން އިން ނުކުންނަން އުޅެމުން ބުނެލިއެވެ.
"އޯކޭ" އިވާ ވަގުތުން ބުނެލިއެވެ.
ނިމްރާ ފެނުމާއެކު އަރްސަލް އަވަހަށް އެލެވޭޓާގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. ނިމްރާ އައިސް ވަނުމުން އަރްސަލް މަޑުކޮށްލީ ދޮރުލައްޕެންދެނެވެ. އެއަށްފަހު އޭނާއަށް އަމިއްލަ ނަފްސުގެ މައްޗަށް ވެސް ބާރެއް ނުފޯރުވުނެވެ.
"ލެޓްސް ރިލީޒް ސަމް ސްޓްރެސް" ނިމްރާގެ ކަންފަތްދޮށުގައި އަރްސަލް ސިއްރުން ބުނެލިއެވެ.
"އޮފީސް ގަޑިއެއްނު މީ" ނިމްރާ ބުނެލިއެވެ.
"އަހަރެން މީ ބޮސް، ދެން ކޮންކަމަކާ ސްކާލެޓް ހާސްވާންވީ... ކަމޯން ބޭބް، ޑޯންޓް ކިލް ދި މޫޑް" އަރްސަލް ބުނެލިއެވެ. އަދި ނިމްރާ ޚިޔާލު ފާޅުކުރާކަށް އޭނާ ފުރުޞަތެއްނުދިނެވެ.
ނިމްރާގެ އަތުގައި ހިފައިގެން އަރްސަލް ޕެންޓްހައުސްއަށް ވަންގޮތަށް މިސްރާބު ޖެހީ ނިމްރާ ނިދާ ކޮޓަރިއަށެވެ. އަރްސަލްގެ ސަމާސާތަކުން ހުރިހާ ކަމެއްގެ މަތިން ނިމްރާ ހަނދާންނެތިއްޖެއެވެ. ކޮޓަރިތެރެ ފިނި ނަމަވެސް ދެ ޖިސްމަށް ހޫނުކަން އިޙްސާސްކުރެވި ދާހިއްލާފައިވެއެވެ. ލިބެމުންދިޔަ ލައްޒަތުގެ އުފަލުގައި ނިމްރާ ހިތް ހުޅުވާލީ ބޭއިޚްތިޔާރުގައެވެ.
"އައި ލަވް ޔޫ... އަރްސަލް... އައި..ލަވް..ޔޫ" އަރްސަލްއަށް ބަލަން އޮވެ ނިމްރާ ބުނެލިއެވެ. ދުލުން އެ ބަސްތައް ބޭރުވީ އިޚްތިޔާރަކާނުލާ ވިޔަސް ހިތުގެ ހާލު އިއްވާ ދެވުނީތީ ނިމްރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަރްސަލް ހިނިތުންވެލިއިރު އެ ދެ ލޮލުގައިވި ވިދުން ގަދަވިއެވެ. ހިތުގައިވާ އިޙްސާސްތައް ހާމަކުރުމުން އަރްސަލްއަށް ނިމްރާ ބޭނުންވާ ގޮތް އަންގައިދެވުނީ ކަމުގައި ނިމްރާ ޤަބޫލުކުރިއެވެ.
"ސްކާލެޓް" އަރްސަލް ގޮވާލިއެވެ. އޭނާ އެނދުގެ އެއްފަރާތަށް ޖެހިލައި އުއްޑުން އޮށޯވެ ނިތްކުރީގައި އަތްބާއްވާލީ ދެ ލޯ މަރާލައިގެންނެވެ. ކުރުއަތް މައްޗަށް ތެދުވެލި ނިމްރާ ބަލާލީ އަރްސަލް ބުނަން އުޅެ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމުގައެވެ. އަރްސަލްދެކެ ލޯބިވާކަން މުޅި ދުނިޔެއަށް ހާމަކުރަން ވެސް ނިމްރާ ހުރީ ތައްޔާރަށެވެ. އަރްސަލްގެ އަތުގެ ތެރޭގައި އޮންނަ ހަމައެކަނި އަންހެންކުއްޖަކީ އޭނާކަމުގައިވާން ނިމްރާ ބޭނުންވެއެވެ. އަރްސަލްއާ ދިމާއަށް ބަލާލާ ކޮންމެ އަންހެންކުއްޖަކަށް އޭނާއަކީ ނިމްރާގެ މީހެއްކަން ހާމަކުރާން ނިމްރާގެ ހިތް ގޮވަމުންދިޔައެވެ. (ނުނިމޭ)