ހަބަރު

އީދު ތެރޭގައި ވެސް "ހިޔާ" ފޯމް ބަލައިގަންނާނެ: ހައުސިން

ކުރިޔަށް އޮތް އީދު ބަންދުގެ ތެރެގައި ވެސް "ހިޔާ" މަޝްރޫއުގެ ފޯމްތައް ބަލައިގަންނާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުރިޔަށް އޮތް ބަންދު ދުވަސްތަކުގެ ތެރެއިން ހިޔާ ފޯމް ދޫނުކުރާނީ ހައްޖު ދުވަހާއި އީދުގެ ފުރަތަމަ ދުވަހާއި ހުކުރު ދުވަސްތައް ކަމަށެވެ. އެ ނޫން އެހެން ކޮންމެ ދުވަހެއްގައި ހެނދުނު 9:00 އަކުން މެންދުރު ފަހު 2:00 އަކަށް އަދި ހަވީރު 4:00 އަކުން އިރުއޮއްސި 6:00 އަކަށް ފޯމް ބަލައިގަންނާނެ ކަމަށެވެ. އަދި ރޭ ގަނޑު 8:00 އަކުން 10:00 އަކަށް ވެސް ފޯމް ބަލައިގަންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 7000 ފްލެޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމަށް ކުރިމަތިލާން ފޯމް ދޫކުރަން ފެށީ މޭ ހަވަނަ ދުވަހު އެވެ. އެކްސްޕޯއެއް ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން، 40،096 ފޯމް ވަނީ ނަގައިފަ އެވެ.