މި އީދުގެ މުނާސަބަތުގައި އަންނަ ބޮޑު ބަންދުގެ ތެރެއިން 22 ވާ ބުދަ ދުވަހު ގައުމީ ބޭންކް، ބީއެމްއެލްގެ ބްރާންޗްތައް ހުޅުވައި ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ގައުމީ ބޭންކުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބުދަ ދުވަހު ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ކަމަށެވެ.
އެމްއެމްއޭ އިން ވެސް ބުނެފައިވަނީ ބޮޑު އީދުގެ މުނާސަބަތުގައި މިމަހުގެ 19 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އެ އޮތޯރިޓީ އާއި ބޭންކްތަކާއި އެ އޮތޯރިޓީން ރެގިއުލޭޓް ކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ހިދުމަތް ދިނުމަށްޓަކައި މިމަހުގެ 22 ވާ ބުދަ ހުޅުވާފައި ހުންނާނެ ކަމަށެވެ.
ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، އީދުގެ ތެރޭގައި 22 ވަނަ ދުވަހު އެކަނި ބޭންކްގެ ބްރާންޗްތަކުން ހިދުމަތް ދިން ނަމަވެސް، މާލެ އާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފްސާވިސް ބޭންކިން ސެންޓަރުތަކުން އަދި އޮންލައިންކޮށް ބީއެމްއެލްގެ ހިދުމަތްތައް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މި ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިނުވެ ހިދުމަތް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބޭންކްގެ ހިދުމަތުގެ ތެރެއިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތައް އެދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވާފައި ހުންނާނެ އެވެ. ވަކި ލާރި ބަލައިގަތުމާއި ދޫކުރުމަށް އެދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 11:00 އަށް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ސިޓީއާ ތަކެތި ބަލައިގަތުމަށް އެދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.