ރިޕޯޓް

މިފަސް އަހަރު: ޓަފް ނިންމުންތަކާއި ވަރުގަދަ ހަނގުރާމައެއް!

Aug 23, 2018
11

މިނިވަންކަމާއި ސިޔާސީ ހަމަޖެހުން ހޯދައިގަތުމަށް ޓަކައި މީގެ 10 އަހަރު ކުރިން ދިވެހިން ބޮޑު ނިންމުމެއް ނިންމި އެވެ. އެއީ ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ޑިމޮކްރަޓިކް ނިޒާމަކަށް ރާއްޖެ ބަދަލުވާން ޖެހިއްޖެ ކަމެވެ. އެހެންވެ ބޮޑެތި ގުރުބާނީތަކެއްވެ މިއަދު އަމަލު ކުރަމުންދާ ފެހި ގާނޫން އަސާސީ ވުޖޫދަށް ގެނަ އެވެ. އެ ގާނޫނުގައި ލިޔެވުނު އެންމެ މުހިންމު އެއް ކަމަކަށްވީ ދެން އެއްވެސް ބަޔަކަށް 30 އަހަރުގެ ވެރިކަމެއް ނުކުރެވޭނެ ވާހަކައެވެ. ވެރިއަކު އިންތިހާބުވާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް ލިޔެ ގަރާރު ކުރި އެވެ. އެއީ ސިޔާސީ ހަމަޖެހުން ގެނެސް، ތަސައްރަފު ފުދިފައިވާ ތަހުޒީބު ގައުމަކަށް ރާއްޖެ ބަދަލުވުމުގެ ނިޔަތުގައި އޭރު ނިންމި މުހިންމު އެއް ނިންމުމެވެ.

މިއީ އޭގެ 10 އަހަރު ފަހެވެ. މިއަދު ފެނިގެން މިދަނީ އޭރު އުންމީދު ކުރި ސިޔާސީ ހަމަޖެހުމާއި ތަހުޒީބު މުޖުތަމައުއެއް ނޫނެވެ. އޭގެ ބަދަލުގައި މިދިޔަ 10 އަހަރުގެ ތެރޭގައި ރައީސްގެ މަގާމް ފުރުއްވި ތިން ރައީސުން ވެސް ވެރިކަމުގައި ދެމި ހުންނެވުމަށް ކުރައްވަން ޖެހުނީ ހަނގުރާމައެކެވެ. އެތަށް "ހަމަލާ"ތަކަކަށް ފަހު "ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް" ކަމަށް ނިންމައި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި އެވެ. އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެން އުޅުއްވަން ޖެހުނީ ބޭރާއި އެތެރޭގެ ސިޔާސީ ނުފޫޒުތަކުން "ފިތި ބާރު"ވެގެނެވެ. ދެން އިންތިހާބުވީ މިއަދުގެ ރައީސް އަބްދުﷲ ޔާމީން އެވެ.

ރައީސް ޔާމީންއަށް ވެރިކަން ކުރައްވަން ލިބިވަޑައިގަތީ ރައީސް ނަޝީދާ ހިލާފަށް މަޖިލީހުގެ ވެސް ބާރާއެކުގަ އެވެ. އަދި ބޮޑު ކޯލިޝަނެއް ފަހަތުގައި ބާއްވައިގެނެވެ. އެމަނިކުފާނުގެ ދައުރު ފެށިގެން އައިސް ވަކި ހިސާބަކަށް ދިޔައީ ރައްޔިތުން ބޭނުންވެފައި އޮތް އަމާންކަން އޮތެވެ. ނަމަވެސް ކުރިމަތިން ނަގަމުން ދިޔަ ބޯ ވިލާގަނޑު އެންމެ ފަހުން ބަދަލުވީ ސިޔާސީ ތޫފާންތަކާއި ފުރާނަފުޅަށް ކުރިމަތިވި ނުރައްކާތެރި ހަމަލާތަކަކަށެވެ.

އެމަނިކުފާނަށް ކުރިމަތިވި ހަމަލާތައް ފެށުނު ހިސާބަކީ އެމަނިކުފާނާ އެކު އިންތިހާބުގައި ކޯލިޝަންގައި ތިއްބެވި ލީޑަރުން އެކި ސިޔާސީ ފެޔަށް ޖެހިވަޑައިގަތުމެވެ. އެއަށް ފަހު ދެން ފެނުނު މަންޒަރަކީ ފަސް އަހަރުގެ ކުރިން އެމަނިކުފާނު މަގާމުން ބޭލުމުގެ މަސައްކަތްތަކެކެވެ. ފުރަތަމަ ކަމަކަށް 2015 ވަނަ އަހަރު "އަނިޔާވެރިކަން ނިންމަން" އިދިކޮޅު ފަރާތްތަކުން ރާއްވައިގެން މޭޑޭގައި މާލޭގައި ބޭއްވީ ބޮޑު މުޒާހަރާއެކެވެ. މުޅި ރާއްޖޭގެ އެކި ހިސާބުތަކުން މީހުން މާލެ އައިސް ކުރި މުޒާހަރާގައި އެތަށް ހާސް ބަޔަކު ބައިވެރިވި އެވެ. މުޒާހަރާގެ ބައިވެރިންގެ މިސްރާބު އޮތީވެސް ރައީސް އޮފީހާ ދިމާލަށެވެ. އަމާޒު އޮތީ ސަރުކާރު ވައްޓާލުމަށެވެ. އެއީ ގިނަ އާންމުންްތަކާއި ބައެއް ފުލުހުންނަށް އަނިޔާވެ ގިނަ ސިޔާސީ ފަރާތްތައް ވެސް ޖަލަށްލި ދުވަހެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ކުރިމަތިލާން ޖެހުނު މިއީ ބިރުވެރި ދުވަހެކެވެ.

ނަމަވެސް އެއީ ފެށުމެކެވެ. މޭޑޭގެ ހޫނުކަން މަގުމަތިން ރަނގަޅަށް ފިލައި ނުދަނީސް އެ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީންއަށް ދިމާވީ ރާއްޖޭގެ ފަހުގެ ތާރީހުގައި ރައީސްއަކަށް ކުރިމަތިލާން ޖެހުނު އެންމެ ބިރުވެރި އެއް ދުވަހާ އެވެ. އެއީ ރައީސް ޔާމީން އާއި އަނބިކަނބަލުން އަދި އާއިލާގެ ބައެއް ބޭފުޅުންނާ އެކު، ސަރުކާރުގެ އިސްވެރިން ތިބި "ފިނިފެންމާ" ލޯންޗު ގޮއްވާލި ހާދިސާއެވެ. އެކަން ކުރެއްވުމުގައި ފަހަތުގައި ހުންނެވީ، ރައީސް ޔާމީން އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅެއް ކަމަށްވާ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ތުހުމަތު ކުރެވުނެވެ. އެ ހަމަލާއިން ސަލާމަތްވެގެން ރައީސް ހުންނަވަނިކޮށް މާލޭގެ އެކި ސަރަހައްދުގައި "ބޮން" ގޮއްވާލަން އުޅޭ ކަމަށް ހަބަރު ފެތުރި، ހިނބަޅަދޫ ފަޅު ތެރެއިން ހަތިޔާރުތަކެއް ފެނިގެން ސިފައިން "ތެޅިތެޅި" ތިއްބާ ދެން އިވުނީ ސްްރީލަންކާއިން ސްނައިޕަރެއް ގެނެސް ދިރާގު ބިލްޑިންގެ މަތިން ރައީސް ޔާމީންއަށް އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ހަބަރެވެ. ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ވަރުގަދަ ދެ ހަމަލާއިން ވެސް އެމަނިކުފާނު ސަލާމަތްވެ ވަޑައިގަތެވެ.

އެހާ ހިސާބަކުން ނިމުނީއެއް ނޫނެެވެ. އެއަށް ފަހު، 2016 ވަނަ އަހަރުގެ ތެރޭގައި ރައީސް ޔަމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ވެސް ތަފާާތު ގިނަ ކަންކަން އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރަމުން ދިޔަ އެވެ. އެގޮތުން ގާނޫނާ ހިލާފަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރެ، ރައީސް ޔާމީން ހައްޔަރު ކުރުމަށް މަސައްކަތް ކުރުމެވެ. އެކަމުގައި ބައިވެރިވަނީ ކުރީގެ ޕީޖީ މުހުތާޒު މުހުސިން އާއި އދ. މާމިނގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން އެވެ. އެ ހާދިސީ ހިނގީ އެ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހުގަ އެވެ. އެ ބޭފުޅުން ހައްޔަރު ކުރައްވާ އެކަމުން ރައީސް ޔާމީން ދެމިގަތް ނަމަވެސް ސަރުކާރު ވައްޓާލުމަށް ވަރުގަދަ "ޕްލޮޓެއް" ރޭވި ކަމަށް ތުހުމަތުކޮށް ބީބީސީ އިން ރިޕޯޓު ކުރި އެވެ. އޭރު ދެކެވެނީ އެމްއެންޑީއެފްގެ ތެރޭގައި ވެސް މައްސަލަތަކެއް އުޅޭ ކަމުގެ ވާހަކައެވެ. ރައީސްގެ ސެކިއުރިޓީ އެތަށް ގުނައަކަށް ވަރުގަދަ ކުރެވުނެވެ. އެ ދުވަސްވަރު އިދިކޮޅު އެހެން ލީޑަރުންނާއި ރައީސް ނަޝީދު ގެންދެވީ އިދިކޮޅު ކޯލިޝަން ވަރުގަދަ ކުރައްވަމުން އެވެ.

ރައީސް ޔާމީންގެ ފުރާނަފުޅަށް ދޭން އުޅުން އެކި ހަމަލާތަކުން ސަލާމަތްވުމަށް ފަހު "ހަމަނޭވާ" ނުލެވެނީސް ރައީސް ޔާމީންއަށް ޖެހިވަޑައިގަތީ ސިޔާސީ "ބޮޑު ހަނގުރާމަ"އެއް ކުރައްވާށެވެ. އެއީ އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި އެމަނިކުފާނުގެ އަމިއްލަ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ދެކޮޅަށެވެ. ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން ރައީސް މައުމޫން އިއުލާން ކުރެއްވީ 2016 ވަނަ އަހަރުގެ އޮކްޓޯބަހު މަހުގެ 27 ވަނަ ދުވަހުގަ އެވެ. އެއީ ޕީޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި ބައެއް މެންބަރުން އެ ޕާޓީއާ ވަކިވެވަޑައިގަތުމާއި ރައީސް މައުމޫންގެ އަތުން އެ ޕާޓީ
"އަތުލި" ހިސާބުން ފެށިގެން އެމަނިކުފާނު ނިންމެވި ނިންމެވުމެކެވެ.

ރައީސް މައުމޫންގެ އެ ނިންމުން ވެގެން ދިޔައީ 2017 ވަނަ އަހަރުގެ ތެރޭގައި ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. ވެރިކަން ދަމަހައްޓަން ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އޭރު އަޅާފައި ހުރި ނަަމވެސް ޕީޕީއެމްގެ ތެރެއިން ރައީސް މައުމޫންއަށް ތާއީދު ކުރައްވާ ގިނަ މަޖިލީސް މެންބަރުންތަކެއް އެއްފަހަރާ އެ ޕާޓީ އިން ވަކިވެ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނު އަތުން ދަމައިގަތެވެ. އަދި މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުވަން މަސައްކަތް ކުރުމުން އެކަމަކީ ސީދާ ވެރިކަމަށް އައުމަށް ޖަހާ މަޅިއެއް ކަމަށް ރައީސް ޔާމީން އޭރު ތުހުމަތު ކުރެއްވި އެވެ. އެކަން ވިޔަ ނުދިނުމަށްޓަކައި ކޯޓަށް ވަޑައިގެން ޕާޓީއިން ވަކިވާ މެންބަރުންގެ ގޮނޑިި ގެއްލޭ ގޮތަށް ހަދަން އެދުނެވެ. އެ ގޮތަށް ހުކުމް އައި ހިސާބުން 12 މެންބަރުންގެ ގޮނޑި ގެއްލި މަޖިލީހުގެ މެޖޯރިޓީ އަލުން ސަރުކާރަށް ލިބުނެވެ. އެ 12 މެންބަރުންގެ ގޮނޑީގެ މައްސަލަ އަދިވެސް އޮތީ ސުވާލުތަކެއްގެ ތެރޭގަ އެވެ.

ވެރިކަން ހިންގުމުގެ ބާރަށް ދިން ބޮމުގެ ހަމަލާތަކާއި މަޖިލީހުގެ ބާރު ދަމައިގަތުމަށް މެންބަރުން ގެނައި (ރައީސް ސިފަ ކުރައްވާ ގޮތުން ނަމަ) "ބަޣާވާތުން" ރައީސް ޔާމީންގެ ވެރިކަން ސުޕްރީމް ކޯޓުން ކިތަަންމެ ފަހަރަކު ސަލާމަތްކޮށްދިނެވެ. ނަމަވެސް އެއާ ޖެހިގެން އައި އަހަރު އެމަނިކުފާނަށް ޖެހިވަޑައިގަތީ އެ އިސްކޯޓާ ހަނގުރާމަ ކުރައްވާށެވެ. އެއީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 1 ފެބްރުއަރީގައި ނެރުނު ހުކުމާ ގުޅިގެން އެވެ.

އެ ހުކުމުގައިވާ ގޮތުން ކުރީގެ ނައިބު ރައީސް އަދީބު ހިމެނޭ ގޮތުން، ހުރިހާ ކުށްވެރިން ދޫކޮށްލާ އަލުން ޝަރީއަތް ކުރަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކާ "ނުބެހެވޭ" ގޮތަށް ވެސް އެ ހުކުމުގެ ތެރެއިން ކަންތައްތަކެއް ކަނޑައެޅި އެވެ. އެހެންވެ ރައީސް ޔާމީންއަށް ވިސްނިވަޑައިގަތީ އެ އަމުރަކީ އެއީ ސީދާ ސަރުކާރު ވައްޓާލަން އިދިކޮޅުން ކުރި ކަމެއްގެ ގޮތުގަ އެވެ. އެހެންވެ ވާހަކަދައްކައިގެން ހައްލެއް ނުހޯދޭނެކަން ޔަގީންވުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކާއި އަމުރު ނެރުނު ދެ ފަނޑިޔާރެއް ވެސް ހައްޔަރު ކުރި އެވެ. މިއަދު އެ ހުރިހާ ފަރާތްތަކެއް ވަނީ ޖަލަށްލާ ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫން ވެސް ހިމެނެ އެވެ.

"އެ ދުވަސްވަރު ރައީސް ޔާމީން ދެއްވި ހިތޯބެއްގައި ވިދާޅުވި އެވެ؛ "ސަރުކާރާ ދެކޮޅަށް ދޭ ހަމަލާތަކާ ހެދި ވަރުބަލިވެއްޖެ" އެވެ.
ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ހުރެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާނެ ކަމެވެ. އަދި އިތުރު ފަސް އަހަރަށް ވެސް ވާދަ ކުރައްވާ ކެމްޕެއިން ބާރު މިނުގައި ފައްޓަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އާ ގާނޫނު އަސާސީއަށް ފަހު ފަސް އަހަރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ރައީސްއެއްގެ ގޮތުގައި ރައީސް ޔާމީން ތާރީހުގެ ތެރެއަށް ވަދެގެން ދާއިރު އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވަރުގަދަ ޗެލެންޖްތަކަކާ އެވެ. ނަންގަވަން ޖެހިވަޑައިގަތީ ޓަފް ޗޮއިސްތަކެކެވެ. މެގަ ޕްރޮޖެކްޓްތަކާ އެކު، ސިޔާސީ ވަރުގަދަ ގޮންޖެހުންތައް އެމަނިކުފާނު ގިރާކުރައްވައި އެ ކަންކަމުގެ މައްޗަށް ގަދަވެގަންނަން ޖެހިވަޑައިގަތެވެ. ރައީސް ޔާމީން ވިދާޅުވަނީ ގައުމެއްގެ ވެރިއަކަމަށް އެންމެ ހިތްހަމަ ޖައްސައި ނުދެވޭނެ ކަމަށާއި ގައުމުގެ ހައްގުގައި ޓަފް ނިންމުންތައް ނިންމަން ޖެހޭ ދަނޑިވަޅުތައް ވެސް އަންނަ ކަމަަށެވެ. އެ ޗޮއިސްތައް ރައްޔިތުން ބަލައިގަންނަ ގަންނަ ކަން ނުވަތަ ނޫންކަން ނިންމާނީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ނަގާ ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެވެ. އެ އިންތިހާބުގެ ނަތީޖާއިން ގިނަ ވާހަަކަ ކިޔައިދޭނެ އެވެ.