ހަބަރު

ކޮޗިންގައި ތާށިވެފައި ތިބި 100 ދިވެއްސަކު ސަލާމަތް ކުރަނީ

Aug 16, 2018

އިންޑިއާގެ ކޮޗިންއަށް މިހާރު އަރައިގެން އުޅޭ ކޮޅިގަނޑުގެ ސަބަބުން، އެ ސިޓީގެ އެއާޕޯޓް ބަންދުކުރުމާ ގުޅިގެން ރާއްޖެ ނައިސް ތާށިވެފައި ތިބި ދިވެހިން ސަލާމަތްކޮށް ރާއްޖެ ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ އިން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިރޭ ބުނީ، އޮގަސްޓް 26 ވަނަ ދުވަހާ ހަމަޔަށް ކޮޗިންގެ އެއާޕޯޓް ބަންދުކުރަން ނިންމާފައި ވާތީ، ރާއްޖެ ނާދެވި ކޮޗިންގައި ތާށިވެފައި ތިބި މީހުން ރައްކާތެރިކަމާ އެކު، ޓްރެވިންޑްރަމްއަށް ގެނައުމަށް ބަސްތައް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެގޮތުން 24 އާއިލާއަކަށް ނިސްބަތްވާ 100 މީހަކު ޓްރެވިންޑްރަމްއަށް ގެންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ކޮޗިން އިން ޓްރެވިންޑްރަމްއަށް މީހުން ގެންނަން ތިން ބަސް ބޭނުން ކުރާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން ކޮޗިންއިން މީހުން ގޮވައިގެން ޓްރެވިންޑްރަމްއަށް އަންނަ ފުރަތަމަ ދެ ބަސް، ފުރަން ހަމަޖެހިފައި ވަނީ އަމްރިތާ ހޮސްޕިޓަމް ކައިރީ ހުންނަ ޖީޖީ ހޮޓަލްގެ ކުރިމަތިން މިރޭ ދަންވަރުގެ ވަގުތުގައި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. އަދި ތިން ވަނަ ބަސް މީހުން ބަލާ ދިޔުމަށް ޓްރެވިންޑްރަމް އިން ފުރާނީ، މާދަމާ ހެނދުނު ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މީގެ ކުރިން، ޓްރެވިންޑްރަމްގައި ފެންބޮޑުވެ ހާލުގައި ޖެހުނު އާއިލާތަކަށް ޓްރެވިންޑްރަމްގައި ހުންނަ ކޮންސިއުލޭޓުން ވަނީ އެހީވެފަ އެވެ. އެގޮތުން ކޯރެއް ބަންޑުންވެ ހިނގި ހާދިސާއެއްގައި ދިވެހި ހަތަރު އާއިލާއެއް ދިރިއުޅެމުންދާ ގެތަކަށް ފެންވަދެ ގޭތެރޭގައި ފެންބޮޑުވުމުގެ ސަބަބުން އެމީހުން ވަނީ ރައްކާތެރި ހިސާބުތަކަށް އިއްޔެ ބަދަލުކޮށްފަ އެވެ.

އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެ ޕްރިވިންސްގެ ބޮޑު ބައެއްގައި ފެންބޮޑުވެ، 67 މީހަކު މަރުވެ 50،000 މީހުން ވަނީ ގެދޮރު ގެއްލިފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން މިހާރު ވެސް އެތަކެއް ހާސް އޭކަރުގެ ދަނޑުތައް ވެސް ހަލާކުވެފައިވާ ކަމަށް އެ ސަރަހައްދުގެ ޑިޒާސްޓާ މެނޭޖްމަންޓު ޑިޕާޓްމަންޓުން ވަނީ ލަފާކޮށްފަ އެވެ.