ރިޕޯޓް

ބަދަލުވަމުންދާ ސިޔާސަތުތަކުގެ ތެރޭ ދިވެހިން ތާށިވެފައި!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން، ރައީސް މައުމޫންގެ ދުވަސްވަރު ހިއްކައިން ތަރައްގީ ކުރަން ފެށި ހުޅުމާލެ ދޫކޮށްލެއްވުމަށް ފަހު، އެމަނިކުފާނު ފެއްޓެވި އެންމެ ބޮޑު އެެއް މަސައްކަތަކީ ގުޅީފަޅު ހިއްކައިގެން މީހުން އާބާދު ކުރުމުގެ މަޝްރޫ އެކެވެ. އެކަން ހަގީގަތަކަށް ހެއްދެވުމަށް 2010 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ގުޅީފަޅު ހިއްކި އެވެ. ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައި ތިބި މީހުން ހޯދައި އެއްކޮށް، އެ މީހުންނަށް ގުޅީފަޅުގައި ފްލެޓުތަކާއި ޕާކުތައް އަޅައިދީ އެތަނަކީ ދިރިއުޅެވޭ ތަނަކަށް ހަދައިދިނުމުގެ މަސައްކަތެއް ފެށި އެވެ. ދަތިހާލުގައި ދިރިއުޅެމުން އައި ދުވަސްތައް ނިމުމަކަށް އަންނާނެ ކަމުގެ އުންމީދުގައި 158 މީހެއް އެ ފްލެޓުތަކަށް ފައިސާ ވެސް ދެއްކި އެވެ.

އެ އުންމީދުތައް "ފުނޑު"ވެން ދިޔައީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ، ދެން ވެރިކަމަށް ވަޑައިގަތް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ސިޔާސަތުތައް ވެސް ބަދަލުވުމުންނެވެ. އަދި އެއަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެ މަޝްރޫއަށް ޖާގައެއް ނުލިބި ހުއްޓުނެވެ. މި ސަރުކާރަށް ވިސްނުނީ ގުޅީފަޅަކީ މީހުން ދިރިއުޅުމަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އެއީ މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ބައްޓަންވީ ގޮތެއް ނޫނެވެ. އެހެންވެ "އެ މީހުންނަށް ފަހުން އެހެން ގޮތެއް ހަމަޖައްސާދޭނީ" ކަމަށް ސަރުކާރުން ނިންމި އެވެ. އެ ފަރާތްތްތަކަށް ދިނީ ހުޅުމާލެއިން ފްލެޓު ދޭނެ ކަމުގެ ލިޔުމެކެވެ. އެއަށް ފަހު މި ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފޭސް ހިއްކައިގެން ތަރައްގީ ފެށި އެވެ. އަދި ހުޅުމާލެއިން ފްލެޓްތައް ދޭން ފެށި އެވެ. ނަމަވެސް ދަތި ހާލުން އަރައިގަތުމުގެ އުންމީދުގައި ގުޅީފަޅު ފްލެޓުތަކަށް ފައިސާ ދެއްކި މީހުން އެ އެ ލިޔުން ހިފައިގެން ހަތް އަހަރު ހޭދަ ކުރަން ޖެހުނެވެ. އޭރު ރައީސް ނަޝީދުގެ ސަރުކާރުން ފެށި ވެށިފަހި މާލެ ޕްރޮޖެކްޓުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު މީހުންނަށް ވެސްވީ ހަމަ މިކަހަލަ ގޮތެކެވެ.

މިއީ ސަރުކާރުތަކަށް އަންނަ ބަދަލާ އެކު ބޯހިޔާވެހިކަމުގެ ސިޔާސަތު ބަދަލުވެ ހާލުގައި އުޅެން ޖެހުނު އާންމު ރައްޔިތުންގެ ވާހަކަ އެވެ. އެކަމުން ފިލާވަޅެއް ލިބިގަތްތާ އަދި އަހަރެއް ނުވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބާއެކު ބޯހިޔާވެހިކަމާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓުން ބީހިޔާވަކިކަމުގެ ވައުދުތައް ފުލުފުލުގައިވާ އިރު، ލަފާ ކުރެވެނީ ދެން ވެސް އޮތީ އެކަހަލަ ދުވަސްތަކެއް ކަޑައްތު ކުރުން ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު ސިޔާސަތުގެ ތެރެއިން ބޯހިޔާވެހިކަމަށް ގެންނަވާނެ "ޓޯޓަލް ސޮލިއުޝަން" ވިދާޅުވެދެއްވައިފަ އެވެ. ރައީސް ވިދާޅުވާ ގޮތުން އެ ބޮޑު މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގެ އާބާދީގައި ހިމެނޭ 300،000 މީހުންނަށް މާލެ ސަރަހައްދުން ފްލެޓާއި ގޯތި ދިގެނެވެ. 100،000 މީހުންނަށް މިހާރު ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ފްލެޓު ލިބޭނެ އެވެ. އިގްތިސާދީ ބޮޑެތި މައްސަލަތައް ހައްލު ކުރައްވަން ނިންމަވަނީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ތެރެއިންނެވެ.

ރައީސް ޔާމީން މިގޮތަށް އިއުލާން ކުރެއްވުމަށް ފަހު ނިންމަވާލީއެއް ނޫނެވެ. އެއާ ޖެހިގެން އައި ދުވަހު ހައުސިން މިނިސްޓްރީ އިން "ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލި އެވެ. އަދި 3000 މީހުން ފޯމުވެސް ނެގި އެވެ. އެހެންވެ ވަރަށް އަވަހަށް ފޯމުތައް ބަލައިގަނެ އިވެލުއޭޓުވެސް ކުރަން ފަށާނެ އެވެ. އެއާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ފައުންޑޭޝަން ސްޓޭޖުގައި ހުރި ފްލެޓުތަކަށް ވެސް ކުރިމަތިލި ފަރާތްތައް ވެސް އިވަލުއޭޓު ކުރުމަށް ފަހު ފްލެޓު ލިބޭނެ ކަމުގެ ގެރެންޓީދޭ ލިޔުމެއް ސަރުކާރުން ދެއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ސިޔާސަތު މުޅިން ތަފާތެވެ. އެއްފަސް ކުރުމުގެ ވިސްނުމާ މުޅިން ދެކޮޅެވެ. ވިލިމާލޭ 2 ހިއްކާ ވާހަކައަށް ފާޑު ކިޔާ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އެވެ. އެއީ އިދިކޮޅުން ގަބޫލު ކުރާ ސިޔާސަތަކީ ޖަޒީރާ ވަންތަކަމެވެ. މާލެ ސަރަހައްދަށް މީހުން ޖަމާކޮށް ތޮއްޖެއްސުމުގެ ބަދަލުގައި ކޮންމެ ރަށެއްވެސް ތަރައްގީކޮށް އެ މީހުން އުފަން ރަށުގައި ރަނގަޅު އާމްދަނީއެއް ލިބިގެން އުޅެވޭނެ ގޮތްތައް ހަދައިދިނުމަކީ އިދިކޮޅު މެނިފެސްޓޯގެ އަސާސެވެ.

ހަމަގައިމުވެސް މިހާރު ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭނެ ކަން ކަށަވަރުވެ ލިޔުން ލިބޭ މީހުންނަށް އެންމެ އަވަސް ވެގެންވެސް ފްލެޓަކަށް ވަދެވެން އޮތީ އަންނަ އަހަރުގެ ތެރޭގަ އެވެ. ރައީސް ޔާމީން ހޮވިއްޖެ ނަމަ ފްލެޓު "ޔަގީން" ވެދާނެ އެެވެ. ނަމަވެސް ސަރުކާރު ބަދަލުވެއްޖެ ނަމަ ސިޔާސަތުތަކަށް އަންނަ ބަދަލާއެކު "ހިޔާ" ފްލެޓާއި ގޯތިތަކުގެ ފޯމު ހިފައިގެންނާއި ސަރުކަރުން ދޭ ލިޔުން ހިފައިގެން ރައްޔިތުން ތިބެން ޖެހޭނީ އެހެން ގޮތެއް ހޯދައިދެންދެކަށް ތާށިވެފަ އެވެ. އެ މީހުން ދަތުރު ކުރަން ޖެހޭނީ ގުޅީފަޅުން ފްލެޓު ލިބުނު މީހުން ހިނގި މަގުން ކަމަށް ވެދާނެ އެވެ.

މިކަހަލަ އެހެން ސިޔާސަތެކެވެ. ކޮންމެ އާ ސަރުކާރަކާ އެކުވެސް އެއާޕޯޓްތަކެއް ތަރައްގީ ކުރުމުގެ ވިސްނުން ކުރިއަށް ނެރެ އެވެ. ކޮންމެ ސަރުކާރަކުން ވެސް ބަލަނީ ކުރީގެ ސަރުކާރަށް ވުރެ ގިނައިން އެއާޕޯޓްތައް އެޅުމަށެވެ. އެކަމަށް ހަގީގަތުގައި ސަރުކާރުގެ ޕްލޭނެއް ނޯވެ އެވެ. ރާއްޖެއަށް ބޭނުން ވަނީ ކިތައް އެއާޕޯޓް ކަމެއް މިހާތަނަށް ޕްލޭން ކުރެވި، އަމަލު ކުރެވޭނެ އެކްޝަން ޕްލޭނެއް ނެތެވެ. ކޮންމެ ސަރުކާރަކުން ވެސް އެކަން ކުރަނީ އިގްތިސާދީ ވިސްނުމަށް ވުރެ ބޮޑަށް ސިޔާސީ ވިސްނުމުގަ އެވެ. ނަތީޖާއަކަށް ވަނީ އެއާޕޯޓްތަކުން ދައުލަތަށް ފައިދާއެއް ނުވެ، ދަތުރުފަތުރުގެ އަގުތައް ވެސް ކުޑަނުކުރެވުމެވެ. އެކަމަކު މިވަރު ބޮޑެތި ކަންތައްތަކަކީ ގައުމީ އެކްޝަން ޕްލޭނެއް ނުހަދާ ކުރާވަރުގެ ކަންތައްތައް ހެއްޔެވެ؟

ސިޔާސަތުގައި މިހާ ބޮޑު ތަފާތުތަކެއް ހުރުމުން އޮތީ ވެސް އެ ނޫން އެހެން ކޮން ގޮތެއް ހެއްޔެވެ؟ މިކަމަށް ތަފާތު ފިކުރުގެ ދެ ފަރާތެއް އުޅޭ އިރު މިކަމަށް ގެނެވިދާނެ ހައްލަކީ ކޮބާ ހެއްޔެވެ؟ މިހާރު އުޅޭ ހާލުގައި ރައްޔިތުން ދެ ފަރާތަށް ތެޅިލަތެޅިލާ ތިބެންވީ ހެއްޔެވެ؟ ނޫނީ އެންމެން އެއްބަސްވާ "ގައުމީ ސިޔާސަތެއް" އެކުލަވާލައި، ގާނޫނެއްގައި ލިޔެވިދާނެ ހެއްޔެވެ؟