ހަބަރު

ސަރުކާރުން ދޫކުރި މަސްދޯނިތަކުގެ ޖޫރިމަނާ ފައިސާ މާފުކުރަނީ

Aug 17, 2018
1

ފައިސާ ދައްކާ ގޮތަށް ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ މަސްދޯނިތަކުގެ ތެރެއިން ފައިސާ ނުދެއްކިގެން ޖޫރިމަނާ އަރާފައިވާ ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ،

ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ދިގު މުއްދަތައް ފައިސާ ހަލާސްކުރާ ގޮތަށް ދޫކޮށްފައިވާ މަސްދޯނިތަކަށް ފައިސާ ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ އެކީ މާފުކޮށްދޭން ރައީސް ނިންމަވާފައިވާ ކަމަަށެވެ. އަދި ނުދެއްކި ބާކީ ހުރި ފައިސާ، އެއްއަހަރާއި ދެއަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކޭ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ އިރު، ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ގެންދަވަނީ މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވަމުން އެވެ. އެގޮތުން ރައީސް ޔާމީން ވަނީ މިފަހުން ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނަށް އެތައް ހިދުމަތެއް ލިބޭ މެރީނާއެއް ހުޅުއްވައިދެއްވައިފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިންނަށް، ހާއްސަ ޑެބިޓް ކާޑެއް ތައާރަފްކޮށް ދައުލަތުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމް އެ ފަރާތްތަކަށް ހަމަޖައްސައި ދެއްވުމަށެވެ.

މީގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މަސްވެރި ދޯނިތައް ހިމެނޭ ގޮތަށް ކަނޑު އުޅަދުތައް ރަޖިސްޓްރީ ކުރުމަށް ނަގާފީ އުވާލާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އަދި ތެލުން ނަގަމުން އަންނަ ޑިއުޓީ އެއްކޮށް ކަނޑާލައި، މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އިބޫ ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.