ރާއްޖެއިން ތެޔޮ ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ތެޔޮ ހޯދުމަކީ ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ވައުދެކެވެ. އެކަމަށް އެ ސަރުކާރުގައި މަސައްކަތްތަކެއް ވެސް ކުރި އެވެ. ބޭރުގެ ބަޔަކު ގެނެސް ބެލި ބެލުމުން ރާއްޖެއިން ތެޔޮ ފެނިދާނެ ކަމުގެ ނިޝާންތަކެއް ފެނުނު ކަމަށް އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެފަހުން އެކަން އޮތީ މަޑުޖެހިފަ އެވެ. އެ ސަރުކާރު ނިމުނުއިރު ވެސް އެކަން ހާސިލެއް ނުވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިޝަރީޒް މިނިސްޓަރު ޒަހާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ރާއްޖެއިން ތެޔޮ ފެނިފައިނުވާ ކަމަށެވެ.
ކަނޑުގެ އަޑިން ތެޔޮ ފެނޭތޯ އެކަމަށް މަސައްކަތް ކުރުމަކީ ވެސް ތިމާވެއްޓަށް ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށާއި އެފަދަ ތިމާވެއްޓަށް ގެއްލުންވާފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަކާލާތު ކުރާނީ ތިމާވެށި ރައްކާތެރިކުރުމަށެވެ.
މިނިސްޓަރު ވިދާޅުވި އެ ދާއިރާގެ ފަންނީ މީހެއްގެ ހައިސިއްޔަތުން ރާއްޖެއިން ތެޔޮ ނެގުމަކީ ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިނިސްޓަރު ޒަހާއަކީ ފިޝަރީޒް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ފަރުގެ މާހައުލެއް ކަމަށާއި އެފަދަ މާހައުލަކުން ތެޔޮ ނެގުން ވާނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.