ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީ މިގޮތަށް ވިދާޅުވީ، ސަރުކާރު ބަދަަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އޭނާއާ ކުރެއްވި ބައްދަލުވުމުގައި އެެއްބާރުލުން ދީފައިނުވާ ކަމަށް ބުނެ އެ ކޮމިޓީގައި ހިމެނޭ މެންބަރަކު ޓްވީޓް ކުރެއްވުމާ ގުޅިގެންނެވެ. ނަމަވެސް އެ ޓްވީޓް ވަނީ ފަހުން ޑިލީޓް ކޮށްލާފަ އެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ޝައިނީ ވިދާޅުވީ، އޮމާންކަމާއެކު ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ ރައީސްގެ އޮފީހުން ކަނޑައެޅުއްވި ކޮމިޓީއެއްގެ ބައްދަލުވުމަކާ ގުޅިގެން އެކޮމިޓީގެ ބޭފުޅަކު ކުރެއްވި ޓްވީޓަކާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުންގެ ތެރޭގައި ރުޅިވެރިކަން އުފެދި އޭނާއަށް ޖިސްމާނީ އަދި މަރުގެ އިންޒާރުތައް ދެމުންދާތީ އެކަން ހިނގައިދިޔަ ގޮތް ސާފުކޮށް ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
"ދެންނެވުނު ބައްދަލުވުމަކީ ޑީޖީ ޓްރާންސިޝަން އަޅުގަނޑާ ބައްދަލު ކޮށްލުމުގެ ކާޓަސީ ކޯލާ އެއް ކަމުގައި މިނިސްޓްރީގެ ވައިބާ މެސެޖަކުން އަންގާރު ދުވަހު އޮފީސް ބަންދުވި ފަހުން ދެންނެވުމުން ހަމަ އެވަގުތު ވައިބާ އިން ޖެހިގެން އަންނަ ދުވަހު 13:00 އަށް ވަގުތު ދިނިން، އޮފީހުން ބޭރުގައި އެހެން ބައްދަލުވުމެއްގައި އިނދެފައި 13:00 އަށް އޮފީހަށް އައިއިރު ބައްދަލުވުމަށް ބޭފުޅުން ކޮޅެއް ވަޑައިގެން ތިއްބެވުމުން، މަޑު ކުރާ ސަރަހައްދުގައި ނުބައިތިއްބާ މިނިސްޓަރު ކޮޓަރިކޮޅުގައި ހުންނަ ޖަލްސާ ކުރާ މޭޒު ކައިރިން ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައި ޑީޖީ ޓްރާންސިޝަން ވަޑައިގަންނަވަންދެން މަޑުކޮށްލުމަށް ދެންނިން،" ޝައިނީ ވިދާޅުވި އެވެ.
ނަމަވެސް ޑީޖީ ޓްރާންސިޝަން ވަޑައިނުގަނެވޭނެ ކަމަށް ތިއްބެވި ބޭފުޅުން ވިދާޅުވުމާ ގުޅިގެން ބައްދަލުވުން ކުރިއަށް ގެންދިއުމަށް ދެންނެވި ކަމަށެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް އޮމާންކަމާއެކު އަންނަ ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުން ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އެ މައުލޫމާތުތައް ލިސްޓަކުން ބައްލަވައިގެން ދެންނެވުމުން، ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް، ޕްރެސިޑެންޓް އިލެކްޓް އިބްރާހީމް މުހައްމަދު ސޯލިހް އަށް ސިޓީއަކުން ދަންނަވާފައިވާ ފަދައިން އާސަރުކާރުގެ އެފަދަ ސިޔާސަތުތަކަށް އޮމާންކަމާ އެކު ބަދަލު ކުރުމަށް 2019 އަށް ހުށައަޅާނެ ބަޖެޓް ދެއްވުމަށް އެދިލައްވާފައި ވުމަކީ ޓްރާންސިކަލް އޮމާންކަމާ އެކު ގެންދަން ބޭނުންވާކަން ދައްކުވައިދޭ ކަމެއް ކަމާއި މި މިނިސްޓްރީން އެކަމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމަށް ވާނީ ތަކުރާރުކޮށް ދަންނަވާފަ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ، ބޭނުންވާ މައުލޫމާތުތައް ފޯރު ކުރުމުގައި ރަސްމީ ލިޔުމެއް އޮންނަން ޖެހޭނެ ކަމަށާއި މިފަދަ ވަގުތެއްގައި ހިނގާ މުއާމަލާތްތައް ފަހުންވެސް ރަސްމީކޮށް ފެންނަން ހުންނަން ޖެހޭނެ ކަމަށް ދެކޭތީ ޕްރެސިޑެންޓް އެލެކްޓް އޮފީހުން ނުވަތަ ޑީޖީ ޓްރާންސިޝަން އޮފީހުން ލިޔުމަކުން ހުށައެޅުމަށް ދެންނެވި ކަމަށެވެ.
ޝަައިނީ ވިދާޅުވީ، މައުލޫމާތުތައް ކުރިން ތައްޔާރު ކުރުމަށް ގެންގުޅުއްވާ ލިސްޓް ފޯރުކޮށްދެއްވައި ފަހުން ސިޓީއަކުން
ރަސްމީ ކޮށްލުމަށްވެސް އެދިފައިވާނެ ކަމަށެވެ. މީގެ އިތުރުން އެކަމާ ގުޅިގެން ގުޅުއްވާނެ ބޭފުޅަކު އައްޔަން ކޮށްދިޔުމަށް އެދުމުން އެކަންވެސް ހަމަ އެވަގުތު ބައްދަލުވުމުގެ ތެރެއިން ހަމަޖައްސާފައިވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
"ޓްވީޓް މިހާރު އަނބުރާ ގެންނަވާފައި ވީނަމަވެސް އެ ޓްވީޓާ ގުޅިގެން މިފަދަ ހައްސާސް ވަގުތެއްގައި ރައްޔިތުންގެ ތެރެއިން ބަޔަކުވެ ހިތުގައި ނުތަނަވަސްކަން އުފެދި ރުޅިވެރިކަން އުފެދި މަސްލަހަތު ގެއްލޭ ގޮތް ވުމަކީ ހިތާމަކުރާ
ކަމެއް، އަދި އެޓްވީޓްގައި ބަޔާން ކޮށްފައިވީ ނަމަވެސް، ވަޑައިގެންނެވި ހުރިހާ ބޭފުޅުންނާވެސް އިސްލާމްދީނުގެ ރިވެތި ސަލާމުން ސަލާމް ކުރިން، ފޮޓޯ އެއް ނެގުމަކީ ބައްދަލުވާ ގުޅުމެއް ހުރިކަމެއް ނޫން ނަމަވެސް އެފަދަ އެދުމެއްވެސް ނުވެސް އެދޭ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ، އެ ބައްދަލުވުމަކީ ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމަކަށް ވީތީ ބައްދަލުވުން ފެއްޓުމަށްވެސް އަދި ނިންމުމުގެ ފުރުސަތު ދިނީވެސް ވަޑައިގެންނެވި ބޭފުޅުންނަށް ކަމަށެވެ. އެހެންކަމުން ބައްދަލުވުން މަދު މިނެޓްކޮޅެއްގެ ތެރޭގައި ނިންމާލުމަކީ އޭނާ އެއްބާރުލުން ނުދިން ކަމެއް ކަމުގައި ބެލެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.