ހަބަރު

ކުރެވެނީ އުފާވެރި އިހުސާސެއް، މާޔޫސްވާ ކަމެއް ނެތް: ޝައިނީ

ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމާ އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް ކުރެވެނީ އުފާވެރި އިހުސާސެއް ކަމަށާއި މާޔޫސްވާ އެއްވެސް ކަމެއް ނެތް ކަމަށް މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މާދަމާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުވާ ކުރައްވާއިރު މާދަމާ ރައީސް ޔާމީންގެ ދައުރު ނިމިގެންދާނެ އެވެ. އެއާއެކު، އެމަނިކުފާނުގެ ކެބިނެޓް ވެސް އުވޭނެ އެވެ.

އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްއަށް މަރުހަބާ ވިދާޅުވެ، ޝައިނީ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެ ދެ ބޭފުޅުންގެ ސަރުކާރަށް ކާމިޔާބަށް އެދޭ ކަމަށެވެ.

"ނިމިގެންމިދާ ސަރުކާރުގެ ހިއްސާއަކަށްވުމުން ކުރެވެނީ އުފާވެރި އިހްސާސެއް، މާޔޫސްވާ ކަމެއް ނެތް،" ޝައިނީ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުރެއްވި ޝައިނީ އިތުރަށް ވިދާޅުވީ އެންމެ ހިދުމަތްތެރި ވެރިޔަކީ ރައީސް ޔާމީން ކަމަށާއި އެ ހިދުމަތުގެ ބައިވެރިވުމަކީ އުފާވާ ކަމެއް ކަމަށެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް މިއަދު ވަނީ ހަމައެފަދައިން ވާހަކަ ދައްކަވާފަ އެވެ. "އަވަސް ހުކުރު"އަށް ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ މިނިސްޓަރު ކަމުގައި ހިނގައިދިޔަ އެއްވެސް ކަމަކާމެދު "ރިގްރެޓް" ނުކުރައްވާ ކަމަށެވެ.

ބައެއް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާނެކަން ހާމަކުރައްވާފައިވާއިރު މިހާތަނަށް ސިޔާސީ ހަޔާތް ޝައިނީ ދެން ބައްޓަން ކުރައްވާނެ ގޮތެއް ހާމަ ކުރައްވާފައެއް ނުވެ އެވެ. ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވެސް ޝައިނީ ވާދަ ކުރެއްވި އެވެ. ނަމަވެސް އޭގެން ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.