ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިޔާސީ ދައުވާ ނުކުރާނެ ކަމަށް އުއްމީދު ކުރެއްވި ނަމަވެސް އެމަނިކުފާނު ސަރުކާރުގައި ވެސް ސިޔާސީ ދައުވާ ކުރަމުންދާ ކަމަަށް ކުރީގެ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީ މިފަދަ މޭރުމަކުން ޓުވީޓު ކޮށްފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
ޝައިނީ މިހެން ވިދާޅުވެ ޓްވީޓު ކުރެއްވީ، ޔާމީން މާފުށި ޖަލަށް ގެންދިޔުމުގެ ގޮތުން ލޯންޗަށް އަރުވާ ފޮޓޯ އަކާ އެކު އެވެ. ފޮޓޯގައި ލިޔެފައިވަނީ "ފްރީ ރައީސް ޔާމީން"، ރައީސް ޔާމީން ދޫކޮށްލާ މިހެންނެވެ. ޝައިނީ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެކެވެ. ޔާމީން ނިސްބަތްވާ ޕީޕީއެމް އިން ވަނީ ޝައިނީ ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރުމަށް ޕްރައިމަރީއަކާ ނުލާ ޓިކެޓްވެސް ދީފަ އެވެ.
ޔާމީން ބަދްދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވަނީ ޕްރެސެކިއުޓާ ޖެނެރަލް (ޕީޖ) އިން އެގޮތަށް ކްރިމިނަލް ކޯޓުގެ އެދުމުންނެވެ. އެގޮތުން ޕީޖީ އިން ވަނީ ޔާމީން ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ޔާމީންގެ މައްޗަށް ކުރަމުންދާ މަނީ ލޯންޑާ ކުރުމުގެ ދައުވާ ނިމެންދެން އެެމަނިކުފާނު ބަންދުގައި ބަހައްޓައިގެން ދައުވާ ކުރިއަށް ގެންދިޔުމަށް އެދިފަ އެވެ. އެ އަމުރު ކޯޓުން އިއްޔެ ނެރެދިނެވެ.
ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަމުރާ ގުޅިގެން ޔާމީން ވިދާޅުވެފަ ވަނީ، އެމަނިކުފާނުގެ މައްޗަށް ކުރަމުންދަނީ މަނީ ލޯންޑުކުރި ކަމުގެ ދައުވާއަކަށް ވުމުން، މައްސަލައިގެ ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތަށް ކަމަށްވުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނެތް ކަމަށެވެ.