ހަބަރު

ސަލާން ޖަހުމުގެ ސަގާފަތް ނިމުމަކަށް ގެންނާނަން: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް ގާއިމްވެއްޖެނަމަ އެހެން ބައެއްގެ މުށުތެރެއަށްވެއްޓި ރައްޔިތުން ސަލާން ޖަހަން ނުޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫއަށްވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުންގެ މެނިފެސްޓޯއާއެކު ރައްޔިތުންނާއި ބައްދަލު ކުރައްވަނީ، ރައްޔިތުން ބޭނުންވާފަދަ ވައުދުތަކަކާއެކު ކަމަށެވެ.

"ޖަޒީރާ މި ރަށްރަށުގައި، ޖަޒީރާ ދިރިއުޅުމެއްގައި ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި އެނޫން ހިދުމަތްތައް އޯގާތެެރި ސަރުކާރަކުން ލިބި، ނޫ އިގްތިސޯދެއްގެ ހިޔާވަހިކަން އެންމެހާ ރައްޔިތުންނަށް ލިބި، ސަލާން ޖަހަން ނުޖެހޭ، އެހެން ބައެއްގެ މުށުތެރެއަށް ވެއްޓެން ނުޖެހޭ، ފަހުރުވެރި އާއިލާއެއް، އިންސާފާ ހަމަހަމަކަން ލިބި، އުފާވެރިކަމުގައި ދިރިއުޅޭނޭ އައިލާއެއް ކަމުގައި، އެއާއިލާތައް ހެދުމަށް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރައްޔިތުން އެދޭފަދަ ސަރުކާރަކުން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށާއި އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތަކީ، ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން ބޭނުންވާގޮތަށް ކޮށްދިނުމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގެ ފެނިގެން ގޮސްފައިވަނީ، ބޮޑެތި ހަރަދުތަކެއްކޮށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށާއި ނަމަވެސް އެކަންކަމަކީ ރައްޔިތުން ބޭނުންވާ ކަންކަން ނޫން ކަމަށެވެ.

"ސަރުކާރުގެ އަމަލުތައް ފެނިގެން ގޮސްފައި ހުރީ އިސްރާފުގެ އަމަލުތަކެއްގެ ގޮތުގައި، ރައްޔިތުން ބޭނުންނުވާ އެތައް ކަމަކަށް އިސްކަންދެވި، ވަކި ބަޔަކަށް އޭގެ ފައިސާއާ ނަފާ ލިބޭނެ ގޮތަކަށް، ދަންނަވާލަން ބޭނުންވަނީ، ކޯލިޝަން ސަރުކާރަކުން ރައްޔިތުންނަށް ބޭނުންވާ އޯގާތެރިކަމާއި ރައްކާތެރިކަން ޔަގީންކޮށްދީ، މި ކުދި ޖަޒީރާ ރަށްތަކުގައިވެސް ތަފާތުކުރުމެއްނެތި އެބޭނުންވާ އަސާސީ ކަންތައްތައް ގާއިމްކޮށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ނިޒާމް އަޅުގަނޑުމެން ފުރިހަމައަށް ގާއިމް ކޮށްދޭނަން،" ފައިސަލް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތައް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލައި ފައިސަލް ވިދާޅުވީ، އިންތިހާބު ބޯމަތިވެފައިވާއިރު، ފެންނަމުން މިދަނީ ކޮންމެވެސް ބައެއްގެ ނުފޫޒު ފޯރިވަމުންދާ މަންޒަރު ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުން ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކީ ލަދުވެތި ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ދުނިޔެމަތީވެސް ލަދުވެތިކަމެއް، އަދި އާހިރަތް ދުވަހުގައި ވެސް ލަދުވެތިކަމެއް، އެއީ އެތައް ރައްޔިތުންނެއްގެ ހައްގު، އިލެކްޝަން ކޮމިޝަނަށް ގޮވާލަން ގާނޫނުން ލިބިދީފައިވާ ބާރު ފިޔަވާ، އެހެން އެއްވެސް ބާރެއްގައި ތިބޭފުޅުން ޖެހިއްޖެނަމަ ކުރިއަށް އޮަތްތަނުގައި ގާނޫނީ ފިޔަވަޅު އެޅިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.

ޓޫރިޒަމް ކުރިއެރުވުމާއި ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ގުޅިފައިވާ ސަރުކާރެއްގައި ރައްްޔިތުންނަށް އިތުރު ނަފާލިބި، ދިވެހި ދައުލަތަށް އިތުރުފައިދާ ހޯދައި ދިނުމަށްޓަކައި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ކުރާ ހޭދަ ބޮޑުތަކުން ފުޅާ ކުރާނަނެ ކަމަށެވެ.