ހަބަރު

ލުއި ހައުސިން ލޯނާއެކު ކޮންމެ ހިސާބަކުން ބޯހިޔާވަހިކަން ދޭނަން: އިބޫ

އިދިކޮޅުގެ ސަރުކާރެއް ގާއިމްވެއްޖެނަމަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެބޭފުޅަކު ބޭނުންވާ ހިސާބަކުން ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ޒުވާނުން އިންތިޒާމުކޮށްގެން ބޭއްވި ބާބަކިއުއެއްގައި ބައިވެރިވުމަށްފަހު މީޑިއާއާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ހުޅުމާލޭގައި ހައުސިންގެ ޕްރޮޖެކްޓްތައްވެސް ފަށައިގެން ކުރިއަށްދާ ކަމަށާއި ނަމަވެސް އެކަން ކުރިޔަށްދާ މިންވަރު ވަރަށްވެސް ލަސް ކަމަށެވެ. އަދި އެމަޝްރޫއުތައް މިޔަށްވުރެ އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށާއި އެކަމުގެ ޕްލޭނެއް އިދިކޮޅު އިއްތިހާދުގައި އެބައޮތް
ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ މައިގަނޑު ތިން ކަންތަކުގެ ތެރޭގައި މި ހިމެނެނީ އަދުލު އިންސާފުގާއިމް ކުރުމާއި އިޖްތިމާއީ ރައްކާތެރިކަން، އޭގެ ތެރޭގައި ބޯހިޔާވަހިކަމަށް އެންމެ އިސްކަމެއް މިދެވެނީ، އެގޮތުން މާލޭގައި ރަށްވެހިވެފައި ތިބި ފަރާތްތަކަށް ހުޅުމާލެއިން ބޯހިޔާވަހިކަން ލިބިގެންދާނެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެބޭފުޅަކު ބޭނުންވާ ހިސާބަކުން ބޯހިޔާވަހިކަން
ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އެލިބޭ ފައިސާއިން އެއަށްވުރެ ގިނަ މަޝްރޫއުތައް އެއްވުރެ ގިނަ ކަންކަން އަވަހަށް ކުރެވިގެންދާނެ، މިއަދު ފަސްޖެހި ލަސްވެގެން މިދަނީ އެކަހަލަ ކަންތައްތަކެއް ފަހަތުގައި އުޅޭތީ، އެކަމުގެ މަސައްކަތް ކުރަން އަންނަ ފަރާތްތަކުން އެތައް ބަޔަކަށް އެބަ ޖެހޭ ބައި އަޅަން،
އިބްރާޙިމް މުހައްމަދު ސޯލިހު - އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް

އިބޫ ވިދާޅުވީ، އިދިކޮޅު ސަރުކާރެއްގައި މަޝްރޫއުތައް ކުރިއަށްދާނީ ކޮރަޕްޝަނާއި ވައްކަމަށް މަގުފަހި ނުވާގޮތަށް ކަމަށާއި އެކަމުގެ ސަބަބުން އަގު ހެޔޮ ފެންވަރު ރަނގަޅު އޭގެ ނަފާ އެންމެ ބޮޑަށް ރައްޔިތުންނަށް ކުރާ މަޝްރޫއުތައް ހިންގޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ހައުސިންގެ މަޝްރޫއަކަށްވީ ނަމަވެސް ބްރިޖް ނުވަތަ ހޮސްޕިޓަލަކަށްވީ ނަމަވެސް ފެނިގެން މިދަނީ ކޮންމެ ޕްރޮޖެކްޓެއްގެ ފަހަތުގައި ފެންމަތިވެގެން ދަނީ ސުވާލު އުފެދޭ އެތައް ކަމެއް ކަމަށެވެ. އެކަންކަން އިދިކޮޅު ވެރިކަމެއްގައި ނުފެންނާނެ ކަމަށްވެސްް އިބޫ ވިދާޅުވި އެވެ.

"އެހެންް ވެއްޖެކަމަށް ވަންޏާ އެލިބޭ ފައިސާއިން އެއަށްވުރެ ގިނަ މަޝްރޫއުތައް އެއްވުރެ ގިނަ ކަންކަން އަވަހަށް ކުރެވިގެންދާނެ، މިއަދު ފަސްޖެހި ލަސްވެގެން މިދަނީ އެކަހަލަ ކަންތައްތަކެއް ފަހަތުގައި އުޅޭތީ، އެކަމުގެ މަސައްކަތް ކުރަން އަންނަ ފަރާތްތަކުން
އެތައް ބަޔަކަށް އެބަ ޖެހޭ ބައި އަޅަން، އެހެންވުމުގެ ސަބަބުން އިތުރަށް ބައިވަރު އެތައް ހަރަދެއް ކުރަން ޖެހެނީ، އެހެން ނުވާނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން، ރައްޔިތުންގެ ފައިސާ ބޭނުން ކުރާނީ ހެޔޮ ގޮތުގައި،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ލޯނުތައް ދެއްކޭނެ ފަސޭހަ ގޮތްތަކެއް އެކުލަވާލަމުން ގެންދާ ކަމަށާއި ހާއްސަކޮށް ހައުސިންނަށް ލޯން ލިބޭނެ ފަހި ގޮތްތަކެއް ގާއިމް ކޮށްދޭނެ ކަމަށެވެ.