ބޮލީވުޑް

ލައިފް އިން މެޓްރޯގެ ސީކުއެލްއެއް ތައްޔާރުކުރަނީ

ތޮއްޖެހިފައިވާ މުޖުތަމައުއެއްގައި އެކި މީހުނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގެ މައްޗަށް، 2007 ވަނަ އަހަރު ޑައިރެކްޓަރު އަނޫރާގް ބާސޫ ގެނެސްދިން ފިލްމު "ލައިފް އިން މެޓްރޯ" ވެގެންދިޔައީ އެ އަހަރުގެ ހިޓު ފިލްމަކަށެވެ.

މި ފިލްމުގެ ސީކުއެލް ފިލްމެއް ގެނެސްދިނުމަށް އަނޫރާގް މިހާރު ވަނީ ތައްޔާރީތައް ފަށާފަ އެވެ. ފުރަތަމަ ފިލްމުގައި މުހިންމު ރޯލުތަކުން ޝިލްޕާ ޝެއްޓީ، ކަންގަނާ ރަނާއުތު، ދަރްމެންދަރު، އިރްފާން ޚާން އަދި ޝަރްމަން ޖޯޝިފަދަ އެކްޓަރުން ފެނިގެންދިޔަ އެވެ. ސީކުއެލްގެ ކާސްޓަށް ނަގާނީ މުޅިން އާ ތަރިންތަކެކެވެ.

ރިޕޯޓުތައް ބުނާގޮތުން ސީކުއެލް ކުޅުމަށް ކަރީނާ ކަޕޫރް ޚާން، ސައިފް އަލީ ޚާން، އަރްޖުން ކަޕޫރް، ރާޖްކުމާރް ރާއޯ، ސިދާތު މަލްހޯތްރާ އަދި ނަވާޒުއްދީން ސިއްދިގީފަދަ އެކްޓަރުން ވަނީ ނަގާފަ އެވެ. ނަމަވެސް މި ހަބަރުތައް އަދި ކަށަވަރެއް ނުވެ އެވެ.

"ލައިފް އިން މެޓްރޯ" ގެ ޓްރެއިލާ.

ސީކުއެލްއާއި ގުޅޭގޮތުން އަނޫރާގް ކުރި ޓުވީޓެއްގައި ބުނީ، ކާސްޓަށް ނަގާނެ ތަރިން އަދި ކަށަވަރުނުވާ ކަމަށެވެ. ގިނަ ތަރިންގެ ޝެޑިއުލްތައް ބިިޒީކޮށް އުޅޭތީ ކާސްޓް ފައިނަލްކުރަން އުނދަނޫކަމަށްވެސް އޭނާ ބުންޏެވެ.

"ވަރަށް އުނދަގޫ މިކަން ކުރަން، ގިނަ ތަރިންގެ ޝެޑިއުލްތައް އެއް އަހަރަށް އެއްކޮށް ފުލްވެފައި ހުރީ، އެކަމަކު ވަރަށް މަސައްކަތް އެބަކުރަން، ކާސްޓް ފައިނަލްކުރުމަށްފަހު ވަރަށް އަވަހަށް އިއުލާނުކުރާނަން،" އަނޫރާޖް ކުރި ޓުވީޓުގައި ބުންޏެވެ.