ކުޅިވަރު

ފުޓްސަލް ދަނޑުތަކުން ނަތީޖާއެއް ނެރެވުނުތަ؟

ރައީސް އަބްދުﷲ ޔާމީންގެ ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން، އެމަނިކުފާންވެސް އަދި ވެރިކަން ކުރާ ޕާޓީންވެސް އެންމެ ބޮޑު ކާމީޔާބީގެ ގޮތުގައި ފާހަގަކޮށް އަޑުހަރުކޮށް ދައްކާ އެއް ވާހަކައަކީ، ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ގާއިމު ކުރި ފުޓްސަލް ދަނޑުތަކުގެ ވާހަކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ، "ރަށްވެހި ތަރައްގީ" ފޮތުގައި ވާގޮތުން ސަރުކާރުން ވަނީ 70 ރަށުގައި ފުޓްސަލް ދަނޑު އަޅާފަ އެވެ. މިހާރުވެސް އިތުރު 100 ދަނޑު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި އަލަށް 26 ފުޓްސަލް ދަނޑު އަޅާނެ ކަމަށް ތަފާސްހިސާބުތައް ބުނެ އެވެ. ތެދެކެވެ! ފުޓްސަލް ދަނޑު ގާއިމު ކުރެވިއްޖެ އެވެ. އެތަންތަނުގެ ބޭނުން ޒުވާނުން ހިފަންވެސް ހިފަ އެވެ. މީގެ އިތުރަށް 40 ދަނޑެއް ހެދުމަށް މިދިޔަ މަހު ފަހުކޮޅު ޔޫތު މިނިސްޓްރީން އޮތީ އިއުލާން ވެސް ކޮށްފަ އެވެ.

އެކަމަކު ބޮޑު ސުވާލެއް އެބަ އޮތެވެ. މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެތައް މިލިއަން ރުފިޔާއެއް އޮއްސާލައިގެން ފުޓްސަލް ދަނޑުތައް ފަތުރާލާއިރު، އެތަންތަނުން ކުޅިވަރަށް ފައިދާ ވާނެ ގޮތަކަށް އެ މަޝްރޫއު އޮތީ ބައްޓަންވެފައި ހެއްޔެވެ؟

ރައީސްގެ ދައުރު ފެށުނުތަނުން ފުޓްސަލް ދަނޑުގެ މަޝްރޫއު އިއުލާންކޮށް އޭރުގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން ފުޓްސަލް ދަނޑުތަކުގެ މަޝްރޫއުގެ އަމާޒަކީ ރަށްރަށުންވެސް ފުޓްބޯޅަ ކުޅެން ކުޅުންތެރިން އުފެއްދޭނެ ފަދަ މާހައުލެއް އުފެއްދުމެވެ. އެ ބޭފުޅުން މިސާލެއްގެ ގޮތުގައި ނެންގެވީ ބްރެޒިލްގެ މިސާލެވެ. ބްރެޒިލްގައި އުފެދުނު އެންމެ މަޝްހޫރު ކުޅުންތެރިން އުފެދިގެން އައީ ހުސް މައިދާންތަކުގައި މަޖަލަށް ފުޓްބޯޅަކުޅުނު ޒުވާނުންގެ ތެރެއިން އެވެ. ރާއްޖޭގައި ފުޓްސަލް ދަނޑުތަކުން އާ ކުޅުންތެރިން އުފެދޭނެ ކަމަށް އޭރު މިނިސްޓްރީން ވިސްނުން ގެންގުޅުނެވެ.

އުސޫލެއްގެ ގޮތުން ރަނގަޅު ވިސްނުމެކެވެ. ނަމަވެސް ތަންފީޒީ މަރުހާލާގައި ނަތީޖާއާ ހަމަޔަކަށް ނުދެވޭ ބުނުމުގެ ޖާގަބޮޑެވެ. ފުޓްސަލް ދަނޑުތަކުން ކުޅިވަރަށް ނުވަތަ ފުޓްބޯޅައަށް ނަތީޖާ ނިކުންނާނެ ގޮތަކަށް ރޭވުމަކީ މުހިންމު ކަމެކެވެ. ހަތްދިހަވަރަކަށް ރަށުގައި ފުޓްސަލް ދަނޑު ގާއިމު ކުރުމަކީ ވަސީލަތުގެ ގޮތުން ހޯދުނު ކާމިޔާބެކެވެ. އެކަމާ ބަހުސްކުރާކަށް ވެސް ނުޖެހެ އެވެ. ނަމަވެސް ފުޓްސަލް ދަނޑުތަކުން ފުޓްބޯޅައަށް ނަތީޖާ ނެރެވޭނެ ގޮތަށް އިންތިޒާމު ކޮށްގެން ނޫނީ އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ނުހޯދި އޮތުމަކީ އުފައްދަން ޖެހޭ ސުވާލެކެވެ. ސަބަބަކަށް ވަނީ، ރިޔާސީ އިންތިހާބާ އެކު ކުޅިވަރުގެ އާ މެނިފެސްޓޯތަކެއް އުފަންވާނެތީ އެވެ.

"ފުޓްސަލް ދަނޑުތަކުގައި އެންމެ ކުޑަ ކުދިންނަށް އެކެޑެމީ ލެވަލްގައި ޓްރެއިނިން ދިނުމަށް ބޭނުން ކުރެވިދާނެ، އެ ވަރުގެ ދަނޑެއް އެއީ ކުޑަކުދިންގެ ޓްރެއިނިންއަށް ބޭނުން ކުރަން ރަނގަޅު ސައިޒުގެ ދަނޑެއް،" މާލޭގައި އެކެޑެމީއެއް ހިންގާ ތަޖުރިބާކާރަކު ބުންޏެވެ. "ރަށްރަށާއި މާލޭގައި ހުރި ފުޓްސަލް ދަނޑުތައް އެކެޑެމީތަކަށް ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިފިއްޔާ ވަރަށް ފަސޭހަ ވެގެންދާނެ، އޭރުން އެންމެ ކުޑަކުދިންގެ ޑިވްލަޕްމެންޓް ޕްރޮގްރާމް އެތަނުގައި ކުރިއަށް ގެންދެވޭނެ."

މާލޭގައި އެކެޑެމީ ހަރަކާތްތައް ހިންގުމަށް އޮތް ތަނަކީ ކުޅިވަރު އެކުވެނީގައި އޮންނަ އެފްއޭއެމްގެ ޓާފް ދެ ދަނޑެވެ. ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކާއި މާލޭގެ ހުރިހާ އެކެޑެމީއެއް އެތަނުގައި ޓްރެއިން ކުރެ އެވެ. އަދި އަމިއްލަ ފަރާތްތަކުން ހިންގާ ހަރަކާތްތައްވެސް އެ ދެ ދަނޑުގައި ކުރިއަށް ގެންދެ އެވެ. ވަސީލަތްތައް މިހާ މަދުއިރު ފުޓްސަލް ދަނޑުތައް އެކެޑެމީތަކަށް ބޭނުން ކުރެވޭނެ ގޮތަށް ބަދަލު ކުރުމަކީ ވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި އަދި ވެސް ބޭނުން ކުރެވިދާނެ ގޮތެކެވެ.

ރާއްޖޭގެ ފުޓްބޯޅައަށް އެންމެ ގިނައިން ކުޅުންތެރިން އުފައްދަނީ އަތޮޅު ތެރެއިންނެވެ. ގިނަ ފުޓްސަލް ދަނޑުތައް ބިނާ ކުރެވިފައި ހުރީވެސް އަތޮޅުތަކުގައެވެ. ރާއްޖެތެރޭ ރަށްރަށުގައި އެކެޑެމީތައް ފައްޓައި، އެކެޑެމީތައް ބޭނުން ކުރެވޭނެ ގޮތަކަށް އިންތިޒާމު ކުރެވިއްޖެނަމަ އެކަމުން ފުޓްބޯޅަ ސީދާ މަންފާވެ، ބަނަވެފައި އޮތް ދިވެހި ފިޓްބޯޅައިގެ މުސްތަގުބަލު އުޖާލާ ކުރެވިދާނެ އެވެ.

ލ. ކުނަހަންދޫގައި ފުޓްބޯޅައެކެޑެމީއެއް ހިންގާ، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ލިރުގާމް ސައީދު (ލަރޭ) ވެސް ބުނަނީ، ރަށްރަށުގައި ރަނގަޅު ވިނަގަނޑެއް އޮތް ދަނޑުތައް މަދު ކަމަށާއި ފުޓްސަލް ދަނޑުތަކުގައި އެކެޑެމީ ހިންގޭ ގޮތް ވެއްޖެނަމަ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މިހާރު ފުޓްސަލް ދަނޑުތައް ބޭނުން ކުރެވެނީ، މުނިފޫހި ފިލުވުމުގެ ގޮތުން ކުޅެލަން އޮތް ތަނެއްގެ ގޮތުގައި އެކަންޏެވެ. އޭގެ އިތުރަށް އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކަށް ވާނީ ފުޓްސަލް ދަނޑުތަކުން، އާ ހުނަރު އުފެއްދުމަށް ބޭނުން ކުރެވޭ ތަނަކަށް ވެގެން ދިއުމެވެ. ހަމައެޔާއެކު ރަށްރަށުގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅޭނެ އިންތިޒާމު ހަމަޖެހިގެން އެބަ ދާޏް ޖެހެ އެވެ. އެހެން ނޫނީ، ފުޓްސަލް ދަނޑުތަކަށް ހިނގާ އެތައް މިލިއަން ރުފިޔާގެ ހަރަދަކީ އޭގެން އޮއްޓަރެއް ފައިދާއެއް ނުނިކުމެ ހަމައެކަނި ސިޔާސީ މަގުސަދެއް ހާސިލް ކުރާ އެއްޗަކަށް ވެގެން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގެއް ނެތެވެ.