ބޮލީވުޑް

ޖަޔަލަލީތާގެ ހަޔާތައްވެސް ފިލްމެއް

ބަޔޮޕިކް ނުވަތަ މަޝްހޫރު ޝަހުސިއްޔަތުންގެ ހަޔާތައް ތައްޔާރުކުރާ ފިލްމުތަކަކީ މިހާރު އިންޑިއާގެ ސިނަމާގައި އެންމެ ހިނގާ އަދި ވިޔާފާރީ ރަނގަޅު ފިލްމުތަކެވެ. މި އަހަރު ރިލީޒްކުރި ސަންޖޭ ދަތުގެ ހަޔާތައް ތައްޔާރުކުރި ފިލްމު "ސަންޖޫ" ގެ ކާމިޔާބީއަށްފަހު ގިނަ ބަޔޮޕިކް ފިލްމުތަކެއް ވަނީ އިއުލާނުކޮށްފަ އެވެ.

އަނެއްކާވެސް އާ ބަޔޮޕިކް ފިލްމެއް މި ވަނީ އިއުލާނުކޮށްފަ އެވެ. އިންޑިއާގެ ޓެމިލް ނާޑޫގައި ޗީފް މިނިސްޓަރުކަން ކުރި ޖޭ ޖަޔަލަލީތާގެ ހަޔާތައް ތައްޔާރުކުރާ ފިލްމެކެވެ. ޖަޔަލަލީތާއަކީ ކުރީގެ މަޝްހޫރު ބަތަލާއެއްވެސްމެ ކެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ތަމަޅަ ފިލްމުތައް ޑައިރެކްޓުކުރާ ވިޖޭ އެވެ.

ބޮލީވުޑް އަދި ދެކެނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިން މި ފިލްމުގެ ކާސްޓުގައި ހިމެނޭނެ އެވެ. ވިބްރީ މީޑިއާއިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ގެނެސްދޭނީ، ފިލްމީ ދާއިރާ އާއި ސިޔާސީ ދާއިރާގައި ޖަޔަލަލީތާ ހޯދާފައިވާ ކާމިޔާބީތަކެވެ. އަދި މި ފިލްމު ރަސްމީކޮށް ލޯންޗުކުރާނީ އަންނަ އަހަރު ފެބްރުއަރީ މަހު 24 ގަ އެވެ. އެއީ ޖަޔަލަލީތާގެ އުފަންދުވަހެވެ.

ޖަޔަލަލީތާގެ ރޯލަށް ރަމަޔާ؟

ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގައި ޖަޔަލަލީތާގެ ރޯލު ކުޅޭނީ އިންޑިއާގެ އެންމެ އަގުބޮޑު ފިލްމު "ބާހުބަލީ" ގައި ޝިވަގާމީގެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް ރަމަޔާ ކްރިޝްނާން އެވެ. މި ހަބަރު ކަށަވަރުނުވި ނަމަވެސް ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަމަޔާ ވަނީ އޭނާ މީ ރޯލު ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ބަތަލާ ވިދްޔާ ބާލަން މި ރޯލަށް ނަގަން އުޅޭ ވާހަކަވެސް އަންނަނީ ދެކެވެމުންނެވެ.

"އައްމާ" ގެ ނަމުން ޓެމިލް ނާޑޫގައި މަޝްހޫރު ޖަޔަލަލީތާއަކީ ސިޔާސީ ދާއިރާގައި ނުފޫޒުގަދަ ލީޑަރެކެވެ. ފިލްމީ ދާއިރާއިން ސިޔާސީ ދާއިރާއަށް އޭނާ ކުރި ދަތުރާއި ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަތައްވެސް ދެކެވުނެވެ. ފިލްމީ ދާއިރާއަށް އޭނާ ނިކުތީ ޗައިލްޑް އެކްޓަރެއްގެ ގޮތުގައި ކަނައްޑާ ފިލްމަކުންނެވެ. އޭނާ ވަނީ 140 އަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.

ޓެމިލް ނާޑޫގައި ހަ ދައުރަކު ޗީފް މިނިސްޓަރުކަން ކޮށްފައިވާ ޖަޔަލަލީތާ މަރުވީ ހިތް ހުއްޓިގެން ޑިސެމްބަރު 5، 2016 ގަ އެވެ.