ހޮލީވުޑް

ޖޭމްސް ބޮންޑަށް ވުމުގެ ފުރުސަތު ބޮޑީ އިދްރިސްއަށް

ޖޭމްސް ބޮންޑް ފިލްމު ސީރީޒްގައި ބޮންޑްގެ ރޯލު ކުޅެމުން އައި ޑެނިއެލް ކްރެގް ވަނީ ފަސް ވަނަ ފިލްމަށްފަހު އެ ފިލްމު ސީރީޒްގެ ފިލްމަކުން ނުފެންނާނެ ކަމަށް ބުނެފަ އެވެ. ފަސް ވަނަ ފިލްމު ގެނެސްދޭނީ އަންނަ އަހަރު ނޮވެމްބަރު މަހު އަށެއްގަ އެވެ. ބޮންޑުގެ ރޯލުން ޑެނިއެލް އެންމެފަހުން ފެނިގެންދިޔައީ 2015 ގައި ނިކުތް ފިލްމު "ސްޕެކްޓްރާ" އިންނެވެ.

ޑެނިއެލް މިކަން ހާމަކުރުމާއެކު ކުރިއަށްހުރި ފިލްމުތަކުގައި ބޮންޑުގެ ރޯލު ކުޅޭނީ ކޮން އެކްޓަރެއް ކަމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ. ބޮންޑުގެ ރޯލު ކުޅޭނީ މިވެނި އެކްޓަރެއް ކަމަށް ބުނެ ބަހުސްތައްވެސް ދަނީ ކުރެވެމުންނެވެ. އެ އެކްޓަރުންގެ ތެރޭގައި އިދްރިސް އެލްބާ، ޓޮމް ހިޑްލެސްޓަން، އެއިޑަން ޓާނާ އަދި ޓޮމް ހާޑީފަދަ އެކްޓަރުންގެ ނަންތައް ހިމެނެ އެވެ.

މި އެކްޓަރުންގެ ތެރެއިން އެންމެ ފުރުސަތު ބޮޑު އެކްޓަރަކީ އިދްރިސް އެވެ. ބައެއް ފޭން އޮންލައިން ޕޯލްތަކުގައި ބޮންޑްގެ ރޯލަށް ނަގަން އެންމެ ކަމުދަނީ އިދްރިސްކަމަށް ވަނީ ދައްކާފަ އެވެ. އަދި ޓުވިޓާއާއި އެކި ޝޯޝަލް މީޑިއާތައް މެދުވެރިކޮށް ގިނަ ބަޔަކު ވަނީ އެ ރޯލަށް އިދްރިސް ނެގުމަށް އެދިފަ އެވެ.

ބޮންޑުގެ ރޯލަށް އިދްރިސް ނަގަން އުޅޭ ވާހަކަ 2015 ގައިވެސް ދެކެވުނެވެ. ނަމަވެސް މި ވާހަކަ މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް ދެކެވެން ފެށީ، އެންމެފަހުން ނިކުތް އިދްރިސްގެ ފިލްމު "ދި އީކުއަލައިޒާ 2" ގެ ޑައިރެކްޓަރު އެންޓުއަން ފިއުކުއާ، "ޖޭމްސް ބޮންޑް" ގެ ޕްރޮޑިއުސަރު ބާބްރާ ބްރޮކޮލީ އާއި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރިކަމަށް މީޑިއާއަކު ރިޕޯޓުކުރުމުންނެވެ.